އެފްއޭއެމް ހައުސްގެ ކަރަންޓް ބިލުތައް ނުދައްކައިގެން ކަރަންޓް ކަނޑާލި މައްސަލައިގައި ސްޓޭޭލްކޯއިން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
ސްޓެލްކޯއިން އެފްއޭއެމް ހައުސްއިން މިއަދު ކަރަންޓް ކަނޑާލީ އެކި މަސްމަހުގެ ކަރަންޓް ބިލްތަކަށްވާ 6.5 މިލިއަން ރުފިޔާ ނުލިބި އޮވެގެންނެވެ. ސްޓެލްކޯއިން ބުނީ އެފްއޭއެމުން ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގައި، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް އެކަން ކޮށްފައިނުވާ ކަމަށެވެ.
ސްޓެލްކޯގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމުން ކަރަންޓް ބިލް ދައްކާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ޖަވާބުދާރީ ވުމުގެ ގޮތުން އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމްގެ އިދާރާ، އެފްއޭއެމް ހައުސް މިދިޔަ މަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށާއި އެ ހުރިހާ ބިލިތަކަށް ވާ ފައިސާގެ އަދަދަށް އެ އިދާރާއިން އެކަނި ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.
"ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ އިދާރާ އެފްއޭއެމް ހައުސް ވަނީ ތަފާތު އެކި ފަރާތްތަކުން ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށްފަ. ކޮވިޑްގެ އާލަމީވަބާގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވަނީ މި އިމާރާތް ބޭނުން ކޮށްފަ. އަދި އޭގެފަހުން ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް މިއިމާރާތް އަންނަނީ ބޭނުންކުރަމުން. އެހެންކަމުން, މި ފަރާތްތަކުން އެކިއެކި ބޭނުންތަކަށް މިއިމާރާތް ބޭނުންކުރެވުނު މުއްދަތުގައާއި އަދި މިހާރުވެސް އެފްއޭއެމް ނޫން އެހެން ފަރާތްތަކުން މިއިމާރާތް ބޭނުންކުރުމުގައި ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ހަރަދަކީ އެކަމުގެ ޒިންމާ އެފްއޭއެމް ނަގަން ޖެހޭނެ ކަމެއްކަމުގައި މި އިދާރާއިން ނުދެކެން،" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްއޭއެމްއިން ބުނީ އެކިއެކި ކަންކަމުގައި އިދާރާ ބޭނުންކުރާ ފަރާތްތަކަށް ނުބަލައި، މިއަދު ސްޓެލްކޯއިން އެ އިދާރާއާ ދޭތެރޭ އެޅި ފިޔަވަޅަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އެފްއޭއެމްއިން ބުނީ ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމަޔަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލް ކޮށްފައިވަނީ ނުބައިކޮށް ކަމަށް އެއްބަސްވެފައިވީ ނަމަވެސް، މިއަދާ ހަމަޔަށްވެސް އެ މައްސަލަ ހައްލުކުރަން ސްޓެލްކޯއިން މަސައްކަތް ނުކުރާ ކަމަށެވެ.
އެފްއޭއެމްއިން ބުނީ ނުދައްކާ ހުރި ބިލްތަކުގެ މައްސަލައިގައި ގާނޫނީ ފިޔަވަޅު ނާޅައި އޮތީ ދެފަރާތް އެކުވެ މަޝްވަރާ ކޮށްފައިވާތީ ކަމަށެވެ.
"ސްޓެލްކޯގެ ފަރާތުން އެފްއޭއެމްގެ އިދާރާ އެފްއޭއެމް ހައުސްއިން ކަރަންޓް ކަނޑާލާފައިވަނީ އެފަރާތުގެ އިހުމާލުން ގަވައިދާ ހިލާފަށް ބިލުކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އިމާރާތް ބޭނުންކުރެވުނު މުއްދަތުގެ ތެރޭގައި ކަރަންޓަށް ހިނގާފައިވާ ހަރަދުތަކާ އެކު ޖުމްލަ އަދަދެއް ކަނޑައަޅައި، އެފްއޭއެމްއިން އެކަމުގައި ޒިންމާ އަދާކުރަން ނުޖެހޭ އެތައް ކަމަކަށް މަތިކޮށްކަން ހިތާމަޔާ އެކު ފާހަގަކުރަން،" އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭގެ ބަޔާނުގައި ބުނީ އެހެން ބަޔަކުވެސް ހިއްސާވާ ބިލްތަކަކަށް ފައިސާ ދައްކަން ޑިމާންޑްކޮށް އެފްއޭއެމް އޮފީސް ހިންގާ ފްލޯގެ ކަރަންޓް ކަނޑާލީ ސަރުކާރުގެ ބޭނުމަށް ބޭނުން ކުރެވެމުންދާ އެއްވެސް ފަންގިފިލާއަކުން ކަރަންޓް ކަނޑާ ނުލައި ކަމަށެވެ. އެ ފަންގިފިލާތުގެ ބިލްތައްވެސް ނުދައްކާ އޮތް ކަމަށް އެފްއޭއިން ތުހުމަތުކުރާ އިރު، އެ އީދާރާއިން ބުނީ ހަމައެކަނި އެފްއޭގެ އޮފީހުން ކަރަންޓް ކަނޑާލުމަކީ ސްޓެލްކޯގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ކަމަށެވެ.
އެފްއޭއިން ބުނީ ކަރަންޓް ބިލުތަކުގެ މައްސަލަ ހައްލުކުރުމަށް ޕްރޮޕޯސަލްއެއް ހުށައަޅާފައި ވަނިކޮށް އިތުރު އެއްވެސް މަޝްވަރާއަކާ ނުލައި، ކުއްލައަކަށް ކަރަންޓް ކަނޑާލީ އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށެވެ. އަދި ބުނީ މައްސަލަ ހައްލުކުރުމުގައި އެއިދާރާގެ ފަރާތުން އެއްބާރުލުން ދޭން ތައްޔާރު ކަމަށާއި ސްޓެލްކޯގެ އެއްބާރުލުންވެސް އެކަމަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެފްއޭއެމްގެ ހާލަތު ގޯސްވެ، މުސާރައިގެ މައްސަލަތައްވެސް ކުރިމަތިވެފައިވާ އިރު، ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާއެއް އަހަރު ވީއިރުވެސް ދީފައެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމަށް ހަދިޔާކުރި ފައިސާ ދީފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) އެވެ. އުއްޗު އެ ފައިސާ ދީފައިވަނީ އޭނާގެ ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އޭނާ ދީފައި ވަނީ ޖުމުލަ 1.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އުއްޗު އަމިއްލައަށް ހަދިޔާކުރީ 500،000 ރުފިޔާއެވެ.
އުއްޗުގެ އިތުރުން ދެން ފައިސާ ހަދިޔާކުރީ އެކިއެކި ސްޕޮންސަރުންނެވެ. އޭގެ ތެރޭގައި ސްޕޮންސަރުންގެ ގޮތުގައި ފައިސާ ހަވާލުކުރީ ދިރާގާއި އެސްޓީއޯގެ އިތުރުން ވިލާ ހޮޓެލްސްއެވެ. ގައުމީ ޓީމަށް އެ ހުރިހާ ފަރާތްތަކުން ދިން ފައިސާވެސް ބަހަން އެފްއޭއެމުން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށް ކުޅުންތެރިންނަށް އެ ފައިސާ ދީފައެއް ނުވެއެވެ.
މިދިޔަ ދެއަހަރެއްހާ ދުވަސްތެރޭގައި އެތައް ކޯޗުންނެއްވެސް މުސާރައިގެ މައްސަލަތަކެއްގައި ފީފާއަށް ގޮސް އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބު ކޮށްފައިވެއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކާއި އަންހެން ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ޑެވޮން ބަބާވެސް ވަނީ ފީފާއިން މައްސަލަ ކާމިޔާބުކޮށްފައެވެ. އެ ކޯޗުންނަށް ބަދަލުގެ ގޮތުގައި އެފްއޭއެމަށް ބޮޑެތި އަދަދުތަކެއް ދޭން ޖެހެއެވެ. ރެނޭއަށް އެކަނިވެސް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމަށް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން އެންމެފަހުން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ސިމާއޯ ކޮސްޓާ ޓީމުން ދަމުންވެސް ބުނީ މުސާރަ ނުދީ އޮތް ކަމަށެވެ. އޭގެ އިތުރުން ދާދިފަހުން ސިވިލް ކޯޓުން އެފްއޭއެމްއަށް ހުކުމް ކޮށްފައި ވަނީ އޭޑީކޭ ކޮމްޕެނީއަށް 150000 އަށްވުރެ ގިނަ ފައިސާ ދެއްކުމަށެވެ.