ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ނިމުނީ ހިތިކޮށެވެ. ރޭގެ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައި އޮވެގެންނެވެ. ފުރަތަމަ ކުޅުނު މެޗުގައި އަފްގާނިސްތާން ކައިރިން 1-0 އިން ރާއްޖެ ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 އިންނެވެ. ރޭ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވީ 1-1 އިންނެވެ.
ރޭ ކުޅުނު މެޗުގެ ކުރިން އެންމެފަހުން ދެގައުމު ކުރިމަތިލީ 2024 ވަނަ އަހަރު ނޮވެންބަރު މަހު ބަންގްލަދޭޝްގައި ކުޅުނު އެކުވެރިކަމުގެ ދެމެޗެއްގައެވެ. އެދެމެޗުގެ ތެރެއިން އެއް މެޗުން ރާއްޖެ ވަނި 1-0 އިން މޮޅުވެފައެވެ. އަނެއް މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ. އޭރު ދެމެޗުވެސް ބަންގްލަދޭޝްގައި ކުޅުނީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.
އެއީ އުނދަގޫ ހާލަތެއްގައި އޮވެ ކުޅުނު ދެމެޗެވެ. ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިއަހަރު އަލުން ފެށި ނަމަވެސް، އެކި ހާލަތްތައް ދިމާވެ، އޭގެ ކުރިން ދެ ސީޒަނެއްގައި ފުޓުބޯޅަ އެއްކޮށް އޮތީ ހުއްޓިފައެވެ. އެ ހާލަތަށްފަހު މިފަހަރު އިތުރު ހިތްދަތިކަމަކާ ކުރިމަތިވި އިރު، ރާއްޖޭގެ ކޯޗަކަށް މިހާރު ހުރީ ކުރިން ރާއްޖެއާއެކު ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދި ހަންގޭރީގެ އިސްތަވާން އުރުބާނީއެވެ.
"އަހަރެން އަލުން ރށާއްޖެއަށް އައީ އެހީތެރިކަން ފޯރުކޮށްދޭން. އަހަރެން އައީ ހުނަރުވެރި ކުޅުންތެރިން ހޯދައިދޭން. އެންމެ ފުރަތަމަ އެފްއޭ ރައީސް އަހަންނާ ހަވާލުކުރީ 20 އަހަރުން ދަށުގެ ޓީމު. އެޓީމާއެކު އަހަންނަށް ވަގުތުތަކެއް ހޭދަކުރެވުނު. އޭރު އަހަންނަށް އެނގިފަ އޮތީ އެއީ ރާއްޖޭގެ ކުރިމަގަށް އޮތް ޖީލެއް ކަމަށް. ދެން 20 އަހަރުން ދަށުގެ ސާފް މުބާރާތުގައިވެސް އަހަރެން ބުނިން ހުނަރުވެރި ކުޅުންތެރިން ތިބި ވާހަކަ. އަހަރެން މި މަސައްކަތް ކުރަނީ އަލުން ގައުމީ ޓީމުގެ ބޭސްއެއް އެކުލަވާލަން. އެހެންވެ އޭގެ ތެރެއިން ޒުވާން ކުޅުންތެރިންތަކެއް މި މުބާރާތަށް ނެގިން. އެ ކުޅުންތެރިން ތަފާތުވެސް ދެއްކި. އެހެންވިޔަސް ލީގު ތެރެއިން އައިސް މި ލެވެލަށް އައިމަ ކަންކަން ހުންނާނެ. ޓެކްނިކަލީ ރަނގަޅު މެޗުތައް ކުޅެވުނު، އަދި ގޭމް ޕްލޭންވެސް ދެމެހެއްޓުނު. އެކަމަކުވެސް ކުރިއާ އަޅައި ކިޔަން އަދި އެ ހާލަތަކަށް ނުދޭ،" އުރުބާނީ ރޭގެ މެޗަށްފަހު ބުންޏެވެ.
އުރުބާނީ ބުނީ ރޭގެ މެޗުގައި ބަންގްލަދޭޝްގެ ޒުވާން ޓީމެއް ކުޅުނު ނަމަވެސް، އެޓީމަކީ ވަކި ސިސްޓަމެއްގެ ދަށުން މަސައްކަތް ކުރާ ޓީމެއްކަން އެނގެން ޖެހޭ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި އަދި އެ ސިސްޓަމް ގައުމީ ޓީމަށް އެކުލަވާލެވިފައި ނުވާ ކަމަށް ޓެކްނިކަލް ޑިރެކްޓަރަކަށްވެސް ހުރި އުރުބާނީ ފާހަގަކުރިއެވެ.
އުރުބާނީ އިތުރަށް ބުނީ މިދިޔަ ތިން މެޗުގައިވެސް ރާއްޖޭން އެތައް ފުރުސަތެއް ތަނަވަސްކޮށް، ނަތީޖާ ނުނެރެވުނު ނަމަވެސް ރަނގަޅު ކަންކަން ފެނުނު ކަމަށެވެ. އެކަންކަމަކީ ނަތީޖާ ނުނެރެވުނު ނަމަވެސް މުހިއްމު ކަންކަންކަން އޭނާ ފާހަގަކުރިއެވެ.
ނަތީޖާއާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ، އެހެންވިޔަސް ރަނގަޅު ކަންކަން ފެނުނު
ގައުމީ ޓީމުގެ ކޯޗު އުރުބާނީ ބުނީ ބަލިވުމުން، މޮޅެއް ނުހޯދުމުން އެ އަންނަ މާޔޫސްކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކުދިކުދިން ކަންކަމަށް ތައުރީފުކޮށް، ކަންކަން ރަނގަޅު މިސްރާބަށް އެޅުވުން އެއީ މިވަގުތަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
"އަހަންނަށް އެގޭ ނަތީޖާ ގޯސްކަން. އަހަރެންވެސް ނަތީޖާއާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެއްވެސް މީހަކު ހިތްހަމައެއް ނުޖެހޭނެ. އެކަމަކު އެއްޗެއް އަލުން ބިނާކުރާނަމަ އެހެން ނަޒަރަކުން ވެސް ބަލާލަން ޖެހޭ. އަހަރެމެން އަހަރަކު ގާތްގަނޑަކަށް ބައިނަލްއަގުވާމީ ތިން މުބާރާތެއް މިހެން ކުޅޭނަމަ، ދެން އެހިސާބުން ރަނގަޅު ކުރިއެރުންތައް ފެންނާނެ. އެއީ އެހެން ގައުމުތަކުން އެ ފެންނަ މަންޒަރު، އެ މަންޒަރަށް އަދި އިތުރު ކަންކަން ބޭނުންވާނެ،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ ސަޕޯޓަރުންގެ ޑިމާންޑްތަކެއް ހުންނާނެކަން އެނގޭ ނަމަވެސް، އެ ބުނާ ޝައުގުވެރިކަން މާބޮޑަށް ނުފެންނަ ކަމަށެވެ. އެކަމާ ގުޅިގެން ސަޕޯޓަރުންނަށް ވަކި މެސެޖެއް ދޭނަންތޯ ސުވާލުކުރުމުން އުރުބާނީ ބުނީ މެސެޖު ދޭން ބޭނުން ވަނީ މުޅި ފުޓުބޯޅަ އާއިލާއަށް ކަމަށެވެ.
"އަހަރެން ސަޕޯޓަރުންނަށް އިހުތިރާމުވެސް ކުރަން. އެމީހުންގެ މައްސަލައެއް މީގައި ނުވެސް ނެތް. އެހެންވީމަ އެމީހުންނަކަށް ނޫން މެސެޖު ދޭން ބޭނުންވަނީ. މުޅި ފުޓުބޯޅައަށް. އެފްއޭއެމް، ކްލަބުތައް، އަދި މީޑިއާއަށްވެސް. އަހަރެމެން ޖެހޭ މިކަން ކުރަން އެއް ވާހަކައެއް ދައްކަން. އަހަރެމެން ޖެހޭ ފުޓުބޯޅަ ރަނގަޅުކުރަން އެއްގަލަކަށް އަރައި، އެއް މަސައްކަތެއް ކުރަން. އަހަރެން އުފާވޭ މަސައްކަތަށް ހިތްވަރު ދޭ ސަޕޯޓަރުންނާ ދޭތެރޭ. ހަމައެއާއެކު އުރުބާނީ ގެއަށް ދާށޭ ބުނާ މީހުންނަށް އިހުތިރާމުވެސް ކުރަން. އަހަންނަށް ގެއަށް ދެވިދާނެ. އެކަމަކު އެހީވެފައި އަހަންނަށް ދެވޭނީ،" އުރުބާނީ ބުންޏެވެ.
މިދިޔަ ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި ކުރެވުނު މަސައްކަތުން ގައުމީ ޓީމުގެ ކަންކަން އެކިއެކި އުމުރުފުރާތަކަށް އެކުލަވާލަން ހާއްސަ ޕްލޭނެއް މިހާރު ޕްރޮޕޯސްކޮށްފައިވާނެ ކަމަށް އުރުބާނީ ފާހަގަކުރި އިރު، އޭނާ ބުނީ ޓީމުން ފެނުނު ރަނގަޅު ކަންތައްތައް އެއީ ކުރިއެރުމެއް ކަމަށް ބަލައިގަނެ، އަނެއްކާވެސް ދެން އޮތް މަސައްކަތަށް ދާން ބޭނުންވާ ކަމަށެވެ. ޓީމަށް އަލަށް ނުކުމެ ހިތްވަރާއި ޖޯޝާއެކު ކުޅުނު ކުޅުންތެރިންނަށް ތައުރީފުކުރުމަށްފަހު ނޫނީ ނެތް ކުޅުންތެރިންގެ ވާހަކަ ދައްކައި، ގޯހުން ދިޔަ ކަންކަމުގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ