އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްވެސް މޮޅުވެއްޖެއެވެ.

ޔުނައިޓެޑުން މޮޅަށް ކުޅެ، ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ލިވަޕޫލުން ވަނީ 1-0 އިން ވެސްޓްހަމް ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފައެވެ. ރޭ ޗެލްސީން ބްރެންޓްފޯޑް ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، ޔުނައިޓެޑް ވަނީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފައެވެ.

މިހާތަނަށް 10 މެޗުން 27 ޕޮއިންޓް ހޯދައި އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތް އިރު، މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 10 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ރޭގެ މެޗުން ބަލިވިނަމަވެސް އަދި އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ހަތަރުވަނައިގައި 10 މެޗުން 20 ޕޮއިންޓާއެކު އޮތް އިރު، ޔުނައިޓެޑް ފަސްވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ، 19 ޕޮއިންޓް ހޯދައިގެންނެވެ.

އަންނަ ހަފުތާ ޗެލްސީއާއި ޔުނައިޓެޑުން ލީގުގައި ކުރިމަތިލާ އިރު، އެ މެޗުން މޮޅުވެ ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗަކީ ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެންހާގުގެ އިރުޝާދުގެ ދަށުން ކުޅުނު އެންމެ ރަނގަޅު އެއް މެޗެވެ. އެޓީމުން އެޓޭކިން މޮޅު ފުޓުބޯޅައެއް ކުޅެފައިވާ އިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް ޓޮޓެންހަމްގެ ގޯލްކީޕަރު، ފްރާންސްގެ ހޫގޯ ލޮރިސްއަށް ވަނީ މުހިއްމު ފަސް ވަރަކަށް ސޭވް ކުރަން ޖެހިފައެވެ.

ފުރަތަމަ ހާފުގައި އެކަނިވެސް ޔުނައިޓެޑުން ޓޮޓެންހަމް ގޯލަށް 19 ހަމަލާއެއް އުފެއްދި ނަމަވެސް، ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނެޓް ހިނގިއިރު ޔުނައިޓެޑުން ލީޑު ނެގިއެވެ. އެ ގޯލަކީ ފްރެޑް ފޮނުވާލި ބޯޅައެއް ޓޮޓެންހަމްގެ ޑިފެންޑަރު ބެން ޑޭވިސް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ގޯލަށް ވަން ބޯޅައަކުން ޖެހި ގޯލެކެވެ. ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ވަން ގޯލާއެކު ޓޮޓެންހަމްގެ ގޯލް ފޫއެޅުމާއެކު ޔުނައިޓެޑުން އާ ހިތްވަރެއްގައި ކުޅެގަތެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ނަތީޖާ ފުޅާކޮށްދީފައެވެ.

ރޭގެ މެޗުގައިވެސް ޓެން ހާގު ކްރިސްޓީއާނޯ ރޮނާލްޑޯ ބޭނުން ކޮށްފައެއް ނުވެއެވެ. ބެންޗުގައި އިނދެ މެޗު އެއްކޮށް ނިންމާލަން ޖެހުމުގެ މާޔޫސްކަމުގައި، ފަހު މިނެޓުކޮޅަށް ދިޔަތަނާހެން ރޮނާލްޑޯ ވަނީ ބެންޗު ދޫކޮށް ޑްރެސިން ރޫމް ތެރެއަށް ވަދެގެން ގޮސްފައެވެ. ބެލެވޭ ގޮތުގައި އޭނާ ބެންޗް ދޫކޮށް ދިޔައީ ހިތްހަމަ ނުޖެހުމުގައެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އުރުގުއާއީގެ ފޯވަޑް ޑާވިން ނުނޭޒް ނުރައްކާތެރިކަން ފާހަގަވިއެވެ. ފުރަތަމަ ކޮޅުގައިވެސް ނުނޭޒް ބާރު ހަމަލާއެއް ފާހަގަވެގެން ގޮސްފައިވާ އިރު، 22 ވަނަ މިނެޓުގައި އޭނާ ލީޑު ނަގައިދިނެވެ.

ކޮސްޓަން ސިމިކަސް އަރިމަތިން ނެގި ހުރަސް ނުނޭޒް ގޯލަށް ވައްދާލީ ބޮލުންނެވެ.

އެ ގޯލަށްފަހު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ލީޑު ފުޅާކުރުމަށް ނުނޭޒަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ވެސްޓް ހަމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރިއެވެ. މެޗުގައި ވެސްޓް ހަމްއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ.

ދެވަނަ ހާފުގައި ލިވަޕޫލް އޭރިއާ ތެރެއިން ޖޯ ގޮމޭޒް، ޖަރޮޑް ބޮވެންއަށް ކުރި ފައުލަށް ރެފްރީ ޕެނަލްޓީ ދީފައިވާ އިރު، އެ ޕެނަލްޓީގައި ބޮވެން ޖެހި ބޯޅަ، ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ވަނި ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.

ލިވަޕޫލުން ފުލުފުލުގައި ދެވަނަ މޮޅެއް ހޯދި އިރު، ކުރިން ހަފުތާގައި އެޓީމުން ވަނީ ސިޓީ ކައިރިން މޮޅުވެފައެވެ.