ސަންޓޯސްއިން ބާސެލޯނާއަށް ދިޔުމުގެ ޓްރާންސްފާގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާ ކަމަށާއި ބައްޕަ ބުނުމުން ސޮއިކުރީ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ކޯޓުގައި ބުނެފިއެވެ.
ނޭމާގެ މައްސަލައެއް ސްޕެއިންގެ ކޯޓުން ބަލަން ފަށާފައި ވަނީ އޭނާ 2013 ވަނަ އަހަރު ސަންޓޯސްއިން ބާސާއަށް ބަދަލުވި ޓްރާންސްފާއާ ގުޅިގެންނެވެ. އެ ޓްރާންސްފާގެ ތެރޭގައި ކޮރަޕްޝަނާއި ފްރޭޑް ހިމެނޭ ކަމަށް ބުނެ ދައުވާ އުފުލައިދޭން އެދިފައި ވަނީ ޑީއައިއެސް އިންވެސްޓްމަންޓުންނެވެ. ޑީއައިއެސްއަކީ ނޭމާގެ އިމޭޖް ރައިޓްސްގެ 40 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެވެ.
އެ ކުންފުނިން ބުނެފައި ވަނީ ނޭމާ ސަންޓޯސްއިން ބާސާއަށް ދިޔަ އަގަކީ 57.1 މިލިއަން ޔޫރޯ ނޫން ކަމަށެވެ. އެ އަގު ނޭމާގެ ފަރާތުން އޮޅުވާލުމުގެ ސަބަބުން އިމޭޖް ރައިޓްސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ޑީއައިއެސްއަށް ބޮޑުތަނުން ކުޑަވި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެ މައްސަލައިގެ އަޑު އެހުންތަކުގައި ނޭމާ އާއި އާއިލާއަށް ޖަވާބުދާރީ ވާން ނުޖެހުނޭ ނަމަވެސް، ނޭމާގެ ފަރާތުން ދޭ ހެކިބަސް ވަރުގަދަ ކުރުމުގެ ގޮތުން ނޭމާގެ ބައްޕަ އާއި މަންމަވެސް ވަނީ ހެކިބަސް ދީފައެވެ. ނޭމާއާ އެއްކޮޅަށް އަށް ފަރާތަކުން ހެކިބަސް ދީފައިވާ އިރު، އޭނާގެ ބައްޕަ ނޭމާ ޑަ ސިލްވާ ސަންޓޯސް ބުނެފައި ވަނީ އަބަދުވެސް ޕްލޭން ކޮށްފައި އޮންނާނީ ނޭމާއަށް ޔޫރަޕްގައި ކެރިއަރެއް ބިނާކުރެވޭނެ ޕްލޭނެއް ކަމަށާއި ނޭމާގެ ހުވަފެނަކީ ބާސާއަށް ކުޅުން ކަމަށެވެ. އެހެންވެ ބާސާއާ އެކު އެއްބަސްވުމަކަށް ދާން ފަސޭހަވި ކަމަށްވެސް ޑަ ސިލްވާ ބުންޏެވެ.
ނޭމާއާ އެއްކޮޅަށް ހެކިބަސް ދިން އިތުރު މީހުންގެ ތެރޭގައި ބާސާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމިއޫ އާއި ކުރިން ސަންޓޯސްގެ ރައީސް އޮޑިލިއޯ ރޮޑްރިގޭސް ހިމެނެއެވެ.
"ހުރިހާ ވާހަކައެއް ދައްކައި، ހުރިހާ ކަމެއް ނިންމަނީ ބައްޕަ. އަހަރެން ކުރާ ކަމަކީ ހުރިހާ އެއްޗެސްގައިވެސް ސޮއިކުރުން. އެހެންވީމަ އަހަރެން ހިއްސާއެއް ނުވަން ޓްރާންސްފާ މަޝްވަރާތަކުގައެއް،" މައްސަލައިގައި ވާހަކަ ދައްކަމުން ނޭމާ ބުނެފައިވެއެވެ.
ޑީއައިއެސްއިން ބޭނުންވަނީ ނޭމާއަށް ފަސް އަހަރުގެ ޖަލުހުކުމެއް ކުރުމަށް ނަމަވެސް، ސްޕެއިންގެ ޕްރޮސެކިއުޓަރުން އެދިފައި ވަނީ ދެ އަހަރުގެ ޖަލު ހުކުމަކާ އެކު 10 މިލިއަން ޔޫރޯގެ ޖޫރިމަނާއަކަށެވެ.
އެ މައްސަލައިގައި ނޭމާއާ ދެކޮޅަށް ޑީއައިއެސްއިން ހުށަހަޅާ ހެކިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހިމެނެއެވެ. މައްސަލައިގައި ހެކިބަސް ދެމުން ޕެރޭޒް ބުނެފައި ވަނީ އޭނާ ދެފަހަރަކަށް ނޭމާ ގެންދަން މަސައްކަތް ކުރި ކަމަށެވެ. އެއީ 2011 ވަނަ އަހަރު 45 މިލިއަން ޔޫރޯގެ އަގަކަށް، އަދި 2013 ވަނަ އަހަރު 36 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ.
ނޭމާގެ ޑިފެންސް ލޯޔަރު މާރިއާ މާސޯ ބުނެފައި ވަނީ ކުޅުންތެރިޔާގެ އެއްވެސް ކުށެއް މިހާރުވެސް މައްސަލައިގައި ފެންނަން ނެތް ކަމަށާއި ނޭމާގެ ޓްރާންސްފާގެ ކަންކަން ހިނގީ ބްރެޒިލްގައި ކަމަށްވުމާއެކު، ސްޕެއިންގެ ކޯޓުތަކަށް އެ މައްސަލަ ބެލުމުގެ އެއްވެސް އިހުތިޔާރެއް ނޯންނާނެ ކަމަށެވެ.
ނޭމާ
ނޭމާ
ނޭމާ