ބްރެޒިލްގެ ފޯވަޑް ރިޗާލްސަން ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ޓޮޓެންހަމް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނި އިރު، ޕޯޗުގަލްގެ ފޯވަޑް ޑިއޭގޯ ޖޮޓާއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ރިޗާލްސަންއަށް އަނިޔާވެފައި ވަނީ ސްޕާސްއިން އެވަޓަންއާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައެވެ. އެ މެޗުގައި އަނިޔާވެގެން ރިޗާލްސަން ދަނޑުން ފައިބައިގެން ދިޔައީ ރޮމުން ކަހަލަ ގޮތަކަށެވެ. ރިޗާލްސަންއަށް އަނިޔާވެފައި ވަނީ ކުޑަކަޅުވާ މަސްގަނޑަށެވެ.

އެ މެޗުން ފައިބައި އުމުރުން 25 އަހަރުގެ ރިޗާލްސަން ދަނޑިގަނޑުގައި ހިނގަމުންދިޔަތަން ފެނި މީޑިއާތަކުން ވަނީ އޭނާއަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެކަމަށް ކޮންޓޭ ވަނީ ޖަވާބު ދީފައެވެ.

"އަނިޔާ ސީރިއަސްއެއް ނޫން. އެ ރިސްކް ނުވެސް ނަގާނެ ރިޗާލްސަންއެއް. އޭނާއަށް ވޯލްޑް ކަޕް އަދި ނުގެއްލޭނެކަން ޔަގީން. އަނިޔާވި ނަމަވެސް ވޯލްޑް ކަޕް މެޗުތަކުގެ ކުރިން ޓޮޓެނަހަމްއަށްވެސް ރިޗާލްސަން މެޗުތަކެއް ކުޅޭނެ ކަމަށް މި އުންމީދު ކުރަނީ،" ކޮންޓޭ ބުންޏެވެ.

އަނިޔާއާ ގުޅިގެން ރިޗާލްސަން ބުނެފައި ވަނީ އޭނާއަށް ގެއްލޭނީ ދެ ހަފުތާގެ ކުޅުން ކަމަށާއި އުންމީދަކީ އަނބުރާ ވީ އެންމެ އަވަހަށް ދަނޑު މައްޗަށް ނުކުތުން ކަމަށެވެ. ރިޗާލްސަންއަކީ ވޯލްޑް ކަޕްގެ ތަށްޓަށް އަމާޒުހިފާފައިވާ ބްރެޒިލަށް މުހިއްމު ކުޅުންތެރިއެކެވެ. ބްރެޒިލަށް ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ އޮތް މެޗަކީ އަންނަ މަހު 24 ވަނަ ދުވަހު ސާބިއާއާ ދެކޮޅަށް ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ މެޗެވެ.

ލިވަޕޫލްގެ ޕޯޗުގަލް ފޯވަޑް ޖޮޓާއަށްވެސް އަނިޔާވެފައި ވަނީ ލިވަޕޫލުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގެ ތެރެއިން އުމުރުން 25 އަހަރުގެ ޖޮޓާ ބާލަން ޖެހިފައިވާ އިރު، ޖޮޓާއަށްވެސް ކުރިމަތިވީ ކުޑަކަޅުވާ މަސްގަނޑުގެ އަނިޔާއެކެވެ. ޖޮޓާއަށް އަނިޔާވެ އެ މެޗުގައި ބާލަން ޖެހުނީ އަށިގަނޑުގައެވެ.

"ޖޮޓާ ދިގު މުއްދަތެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. މި ބުނަނީ މަސްތަކެއްގެ ވާހަކަ. ޖޮޓާގެ ކުޑަކުޅުވާއަށް ލިބުނު އަނިޔާ ސީރިއަސް. އެއީ ޖޮޓާއަށާއި ލިވަޕޫލްގެ އިތުރުން ޕޯޗުގަލްއަށްވެސް މާޔޫސީ ހަބަރަކަށްވާނެ. ޖޮޓާއަށް ބޮޑު އަނިޔާއެއްވިކަން ދަނޑުމަތިންވެސް އޭނާއަށް އެނގުނު،" ކްލޮޕް ބުންޏެވެ.

ޖޮޓާ މި ސީޒަން ފެށިއިރުވެސް ހުރީ އަނިޔާގެ މައްސަލަތަކެއްގައެވެ. ޖޮޓާ އޭރު ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގައި ހުރި އިރު، އޭނާ ސީޒަނުގެ ފުރަތަމަ މެޗަށް އެނބުރި އައީވެސް ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. ޖޮޓާއަކީ ޕޯޗުގަލްއަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެންމެފަހުން އެގައުމުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަށް އަރައި ގޯލުވެސް ޖަހައިފައެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.