ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ،
ކުޑަކުދިންގެ ވާހަކައެއްގައި ހިމެނޭ ދެ ކެރެކްޓާ ކަމަށްވާ "އަނބޮއްފުޅާއި ދަނބޮއްފުޅު" އުޅޭހެން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނުގައި ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ރައީސް ސޯލިހާއި ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭން އެންމެ ހަރުއަޑުން ގޮވާލެއްވި އެމްޑީޕީގެ ލީޑަރުން މިހާރު ވެރިކަމުގައި ތިއްބަވައިގެން، އޭރު ގޮވާލެއްވި މިނިވަންކަން ލިބުމުން ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.
އެގޮތުން، ރައީސް ސޯލިހަށް އަމާޒުކުރައްވައި ޔާމީން ވިދާޅުވީ، ދުލުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިފައި އޮތް ނަމަވެސް، "އިންޑިއާ އައުޓް" ހަރަކާތަށް ކެތް ނުކުރެއްވުނު ކަމަށާއި އެމަނިކުފާނުގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ދަމަންވެސް ފުރުސަތު ނުދެއްވި ކަމަށެވެ.
ރައީސް ނަޝީދަށް "ޑިމޮކްރެސީގެ އައްޕަ"އިގެ ނަމުން ނަޝީދާ މުހާތަބުކުރައްވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް އިން ފޮނުވި ސިޓީއެއްގައި، އެ ޕާޓީގެ ލެޓާހެޑުގައި ބޭނުންކުރަމުން އަންނަ "އިންޑިއާ އައުޓް" ސްލޯގަން އޮވެގެން އެ ސިޓީ ބަލައިނުގަތުމަށް ރައީސް ނަޝީދު ނިންމެވި ކަމަށާއި ނަމަވެސް އެއީ އެ ޕާޓީން ހުރިހާ ދިމާލަކަށް ފޮނުވާ ސިޓީތަކުގައި ވެސް ބޭނުންކުރާ ލެޓާ ހެޑު ކަމަށެވެ. އަދި އެ ސިޓީތައް މަޖިލީހުން ނޫން އެހެން ތަންތަނުން ބަލައިގެންފައިވާ ކަމަށެވެ.
"މަސްވެރިންގެ ހައްގުގައި މަޖިލީހަށް މައްސަލައެއް ވެއްދީމާ އެ ބަލައިގަންނަންވެސް ނުކެރުނު. އަދި ކަމެއް ކޮށްދެނީއެއް ނޫނޭ، ރައީސް ނަޝީދު އެބަ ވިދާޅުވޭ ރައީސް ސޯލިހު މިހާރު ތިމަންނާއަކާ ވާހަކައެއް ނުދައްކައޭ. ތިމަންނަ ވަރަށް ދެރަވެއްޖައީމޭ، ތިމަންނާވެސް ނެތީމޭ ވާހަކަ ދައްކާކަށް. ދެން މީ އަނބޮއްފުޅާއި ދަނބޮއްފުޅާ އުޅޭ ގޮތަށް ދެއްތޯ މިއުޅެނީ މި ދެމީހުން." ޔާމީން ވިދާވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު