ސްޕެނިޝް ލަލީގާ

އެލް ކްލެސިކޯގައި ޗެމްޕިއަން ރެއާލް ފެންވަރު ދައްކާލައި، ބާސާ ދެވަނައަށް ވައްޓާލައިފި

ސްޕެނިޝް ލަލީގާގެ ގަދަ ދެ ބާރު، ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު އެލް ކްލެސިކޯ ރެއާލްއިން ކާމިޔާބުކޮށްފިއެވެ.

މިރޭ ރެއާލް ދަނޑުގައި ކުޅުނު އެލް ކްލެސިކޯއަކީ މި ސީޒަނުގެ ފުރަތަމަ ކްލެސިކޯއެވެ. މިދިޔަ ސީޒަނުގެ ލީގުގައި ރެއާލް ދަނޑުގައި ކުޅުނު އެލް ކްލެސިކޯ ބާސާއިން 4-0 އިން ކާމިޔާބު ކުރި ނަމަވެސް، އެ ނަތީޖާއަށް ބަދަލު ހިފައި ރެއާލްއިން ވަނީ މިރޭގެ މެޗު 3-1 އިން ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމުވެސް އޮތީ ލީގުގައި ކުޅުނު އަށް މެޗުން 22 ޕޮއިންޓް ހޯދައިފައެވެ. މެޗަށް ނުކުތް އިރު، ފައިދާ ގޯލުން ބާސާ އެއްވަނައިގައި އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް އޮތީ ދެވަނައިގައެވެ. މިރޭގެ ކްލެސިކޯ ހާއްސަވި އެއް ސަބަބަކީ އެއީއެވެ. ކްލެސިކޯއިން މޮޅުވެ ރެއާލް ވަނީ ނުވަ މެޗުން 25 ޕޮއިންޓް ހޯދައި، އެއްވަނަ މަގާމުގައި ހަމަޖެހިލައިފައެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލްގެ ފަހަތުން ބާސާ ދެވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކުގައެވެ.

މިހާތަނަށް ސީޒަނުގައި ބަލިވެފައި ނުވާ ރެއާލްއިން ރޭގެ މެޗު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ 12 ވަނަ މިނެޓުގައި ރެއާލް ލީޑު ނެގީ ކެޕްޓަން ކަރިމް ބެންޒެމާ ޖެހި ގޯލުންނެވެ. ބެންޒެމާގެ ގޯލަކީ ވިނީޝިއަސް ޖޫނިއާގެ ބާރު ހަމަލާ ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް-އަންދްރާ ޓާ ސްޓެގަން އަތުގައި ޖެހިފައި ވެއްޓުމުން ރިބައުންސްގައި ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެޑަރީކޯ ވަލްވާޑޭ ޖެހި ހިތްގައިމު ގޯލުން ރެއާލް ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ އަރިމަތިން އޭރިއާ ބޭރަށް ހުރަސްވި ބޯޅައެއް ކޮންޓްރޯލްކޮށްލައި، ދުރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ވަލްވާޑޭ ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ 83 ވަނަ މިނެޓުގައި ފެރަން ޓޮރެސް ގޯލެއް ޖަހައި ބާސާއަށް އުންމީދެއް ހޯދައިދިނެވެ. އެ ގޯލަކީ ރޮބާޓް ލެވަންޑޯސްކީގެ ފްލިކަކުން ތަނަވަސްކުރި ބޯޅައަކުން ޖެހި ގޯލެކެވެ. އެ ގޯލާއެކު ބާސާއިން ޕޮއިންޓަކަށް މަސައްކަތް ކުރި ނަމަވެސް ރެއާލްއަށް ލިބުނު ޕެނަލްޓީއެއްގައި ފަހުވަގުތު ތިންވަނަ ގޯލެ ޖެހިއެވެ. އެ ގޯލު ޖެހީ ރޮޑްރީގޯއެވެ.

މިރޭގެ ބައްޔަކީ ބާސާއަށް މި ސީޒަނުގައި ލީގުގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. އަދި މިރޭ މެޗުގެ ކުރިން ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބާސާ، އަވޭ މެޗެއްގައި ބަލިވެފައެއް ނުވެއެވެ.