ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯއަށް ވަގުތު ކުޑަތަން ވެއްޖެއެވެ. މިފަހަރުގެ ކްލެސިކޯއަށް ނުކުންނަ އިރު، މިދިޔަ ސީޒަން ހިތްހަމަ ޖެހިގެން ނިންމާލާފައި ވަނީ ރެއާލް މެޑްރިޑުންނެވެ. ޗެމްޕިއަންސް ލީގާއީ ލަލީގާވެސް ރެއާލްއިން މިދިޔަ ސީޒަނުގައި ކާމިޔާބުކުރިއެވެ. އަނެއްކޮޅުން ވާދަވެރި ބާސެލޯނާއިން މިދިޔަ ސީޒަން ނިންމާލީ ހުސް އަތާއެވެ. ޗެމްޕިއަންސް ލީގުން ކަޓައި ޔޫރޮޕާއަށް ގޮސް، ލީގުގަ ގަދަ ހަތަރަކަށް އަރަންވެސް އުޅެން ޖެހުނީ ހާލުގައެވެ.

ތާރީހީ ބޮޑު ދެ ކްލަބުގެ ތެރެއިން އެއް ކްލަބު ދަނީ ފިޔަޖަހަމުން ނަމަވެސް އަނެއް ކްލަބަށް އޮތީ ފައިސާގެ ތަކުލީފެވެ. އެހެންނަމަވެސް އެހެން މަޑު ޖެހިފައި އޮންނަން ބާސާއަކަށްވެސް ކެތެއް ނުވެއެވެ. މި ސީޒަނަށް ތައްޔާރުވުމުގެ ކުރިން ފެނުނު މަންޒަރުތަކުން އެކަން ސާފެވެ. އެކޮނޮމިކަލް ލެވާސް އެކްޓިވޭޓްކޮށް، ބާސާއިން ޓީމު ވަރުގަދަ ކުރީ ކްލަބު ޖާނާމާލު ހުސްކޮށްލައިގެންނެވެ. ފައިސާގެ ކޮޅުތައް ހޯދީ ރިސްކް ނަގައިގެންނެވެ. އެޓީމަށް މިހާރު އޮތީ މޮޅުވާން މަޖުބޫރުވެފައިވާ ހާލަތެކެވެ. ލީގުގެ ބޮޑު ޓެސްޓް މިރޭ އޮންނާނެއެވެ.

ދެޓީމުވެސް ލީގުގައި މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ފައިދާ ގޯލުން މިވަގުތު ބާސެލޯނާ އެއްވަނައިގައި އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް އޮތީ ދެވަނައިގައެވެ. މިރޭގެ ކްލެސިކޯ ހާއްސަވާ އެއް ސަބަބަކީ އެއީއެވެ. 250 ވަނަ ކްލެސިކޯއަށް ރެއާލްއާއި ބާސާ މިރޭ ނުކުންނާނީ ތާރީހަށެވެ. މިހާތަނަށް ދެޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން 100 މެޗުގައި ރެއާލުން ކުރި ހޯދިއިރު، ބާސެލޯނާއިން ވަނީ 97 މެޗުން މޮޅުވެފައެވެ. ބާކީ 52 މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

ފަހު ތާރީހުގައި އެލް ކްލެސިކޯއަކީ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބަރޯސާވެފައި އޮތް މެޗެއް ނަމަވެސް މިހާރު އެ މާހައުލު ބަދަލުވެއްޖެއެވެ. ރެއާލްއިން އާޖީލެއް ނެރެފިއެވެ. ބާސާއިން ޓްރާންސްފާތަކެއް ކޮށް ވާދަވެރިވާން ބުރަކޮށް މަސައްކަތް ކޮށްފިއެވެ. ބަދަލުތަކާއެކު ނުކުންނަ ބާސާއިން ޓީމުގެ ހުންގާނު ހަވާލުކުރީ ޖެނެރޭޝަންގެ އެންމެ ކާމިޔާބު އެއް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއާއެވެ. ލެވަންޑޯސްކީއަށް ސްޕެއިން ލީގު އާ ނަމަވެސް، އޭނާގެ ތަޖުރިބާގައި ބާސާއަށް ޖަވާބު ހޯދައިދީފިއެވެ. އެއީ ބާސާއިން ބޭނުންވާ ވަރަށްވުރެވެސް ފުރިހަމަކޮށް ކަން ޔަގީނެވެ.

މިދިޔަ ސީޒަނުގައި ބަޔާންއަށް 50 ގޯލު ހަމަކުރި ލެވަންޑޯސްކީ ބާސާއަށް ދިޔައީ މެޗަކަށް 1.09 ގޯލުގެ ރޭޓުން ގޯލު ޖަހަމުން ގޮސްފައެވެ. އެއީ އާދަޔާހިލާފު ފޯމެކެވެ. ބާސާއާއި ރެއާލްވެސް ލީގުގައި އަދި ބަލިވެފައި ނުވާ އިރު، އުމުރުން 34 އަހަރުގެ ފޯވަޑް ލެވަންޑޯސްކީ ވަނީ މިހާތަނަށް އަށް މެޗުން ނުވަ ގޯލު ޖަހައިފައެވެ.

ލެވަންޑޯސްކީއަކީ ހަމައެކަނި ގޯލެއްވެސް ނޫނެވެ. އޭނާގެ ސަބަބުން ބާސާގެ ކުރިއަށް އަރިމަތިން ކުޅޭ ރަފީނިއާގެ އިތުރުން އުސްމާން ޑެމްބެލޭއަށްވެސް ޖާގަ ލިބި، މުޅި ބާސާގެ އެޓޭކް ވަރުގަދަވެގެންދެއެވެ.

ރެއާލް ދަނޑުގައި އޮތް ކްލެސިކޯއަށް ރެއާލްއިން ނެރޭނެ އެންމެ ބޮޑު ހަތިޔާރަކީ އެޓީމުގެ ފޯވަޑް ކަރިމް ބެންޒެމާ އެވެ. މުޅި ރެއާލް ޓީމަކީ ޒުވާން ހުނަރުވެރި ވަރުގަދަ އެތައް ކުޅުންތެރިންނެއްގެ މައްޗަށް އެކުލެވޭ ޓީމެއް ނަމަވެސް، އަދިވެސް ޓީމުގެ ލީޑަރަކީ ބެންޒެމާ އެވެ. ބެލޮންޑިއޯއަކަށް ތައްޔާރަށް ހުރި ބެންޒެމާ މިދިޔަ ސީޒަން ނިންމާލީ 46 މެޗުން 44 ގޯލު ޖަހައިގެންނެވެ. އެއީ މެޗަކަށް 0.96 ގޯލުގެ ރޭޓެކެވެ. ކުޅަދާނަ ފޯވަޑެއްގެ ރޭޝިއޯއެކެވެ.

މިދިޔަ ސީޒަން ރަނާއެކު ނިންމާލީ ރެއާލް ނަމަވެސް އަމިއްލަ ދަނޑުގައި ބާސާ އަތުން ލީގުގައި ބަލިވެފައި އޮތީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ބަލި ހަނދާން ނައްތާލަން މިރޭގެ މެޗު ރެއާލްއަށް މުހިއްމެވެ. ޗެމްޕިއަންސް ލީގުން ކެޓުމުގެ ތުންފަތް މަތީގައި އޮތް ބާސާއަށް، އުންމީދަކަށް މިރޭގެ މެޗު މުހިއްމެވެ. ސީޒަނުގެ ފުރަތަމަ ކްލެސިކޯ މިރޭ އޮންނާނީ ރާއްޖެ ގަޑިން 7:15 ގައެވެ.