ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ޕާކިސްތާނު މެޗަށް އަދި ރަސްމީކޮށް މަޝްވަރާވެސް ނުކުރޭ، ނޫނެކޭވެސް ނުބުނޭ: އެފްއޭއެމް

ޕާކިސްތާނުގެ ފުޓުބޯޅަ އާފެށުމަކުން ފަށަން ރާއްޖެއާ އެކު ކުޅެން ފޮނުވާފައިވާ ދައުވަތަށް އަދި ރަސްމީ ސިފައެއްގައި މަޝްވަރާ ކޮށްފައިނުވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން މިހެން ބުނެފައިވަނީ ޕާކިސްތާނުގެ މީޑިއާއެއްގައި އިއްޔެ ޝާއިރުކޮށްފައިވާ ލިޔުމަކާ ގުޅޭގޮތުން "ވަން" އާ ވާހަކަ ދައްކަމުންނެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ސަސްޕެންޝަނަށްފަހު އެގައުމުގެ ފުޓުބޯޅައަށް ދިރުމެއް ހޯދުމަށް، ޕާކިސްތާނުގައި މެޗެއް ކުޅުމަށް ރާއްޖެއަށް ދިން ދައުވަތަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ނޫނެކޭ ބުނީ އެގައުމަށް ދާން ޖެހޭތީ ކަމަށްވެސް "ޕްރޯޕާކިސްތާން" އިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވީ އަންނަ މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި އެކުވެރިކަމުގެ މެޗުތަކަށް ޕާކިސްތާނާއި އިތުރު ގައުމުތަކަކުންވެސް ދައުވަތު ލިބިފައިވާ ކަމަށާއި އެ މެޗުތަކަށް އަދި ރަސްމީކޮށް ވާހަކަ ދައްކާފައިނުވާ ކަމަށެވެ.

"(ޕާކިސްތާނު މެޗަށް) އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ. އަދި އެކަމަށް ރަސްމީކޮށް ވާހަކަވެސް ދައްކާފައެއް ނުވޭ ޕާކިސްތާނާ. އެކަމަކު އިތުރު ގައުމުތަކުންވެސް ދަނީ އެކުވެރިކަމުގެ މެޗުތަކަށް ވާހަކަ ދައްކަމުން. ވާހަކަ ދައްކަމުންދަނީ ނޮވެމްބަރާއި ޑިސެމްބަރުގެ ތެރޭގައި މެޗު ކުޅުމަށް. އެކަމަކު އެއީ ވޯލްޑް ކަޕްގެވެސް ދުވަސްވަރު. އެހެންވީމަ އެކަމާވެސް ވިސްނަން ޖެހޭނެ. ޕާކިސްތާނުން ވާހަކަ ދައްކަމުންދޭ، އެކަމަކު އަދި ނޫނެކޭ ނުބުނަން،" ޖަވާ ވިދާޅުވިއެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ފުޓުބޯޅަ އޮތީ އުނދަގޫ ހާލަތެއްގައެވެ. ތިން ވަނަ ފަރާތެއްގެ ނުފޫޒާ ހެދި ދެފަހަރަކު ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކޮށްފައިވާ އިރު، އެންމެފަހުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ ފީފާއިން ހަމަޖައްސާފައިވާ ނޯމަލައިޒިން ކޮމިޓީ އަތުން އެގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް، ފެޑެރޭޝަންގެ ރައީސް ކަމާ ކުރިން ހަވާލުވެ ހުރި ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމުންނެވެ. ޝާހް އެކަންކުރީ ގްރޫޕަކާ އެކު އިދާރާއަށް ވަދެ، ގަދަބާރުން ކަމަށް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މާލިކް ހާރޫން ވަނީ ބުނެފައެވެ.

އެ މައްސަލަ ގަނޑުގެ ތެރެއިން ފީފާގެ ނޯމަލައިޒިން ކޮމިޓީއަށް އަލުން ކޮންޓްރޯލް ދޭން ޝާހް އެއްބަސްވީ މިއަހަރުގެ ޖޫން 29 ގައެވެ. ސަސްޕެންޝަން އުވާލީ އެހިސާބުންނެވެ. އެގައުމުގެ ކުޅުންތެރިން ބޭރުގެ އެކިއެކި ލީގުތަކުގައިވެސް ކުޅެމުންދާ އިރު، ސީނިއާ ފުޓްބޯޅަ ޓީމު އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ 2019 ވަނަ އަހަރުއެވެ.