ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތު އަބަދުވެސް ކުރެއެވެ. ހާއްސަކޮށް އެ އިރެއްގައި އޮންނަ ވެރިކަމަކުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ފަރާތަކުން ޝަރީއަތްތަކަށާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކައެވެ. އެއީ ހަގީގަތަކަށް ނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް ގާނޫނުތަކާއި ގަވާއިދުތައް އޮންނަ ގޮތުން އެފަދަ ތުހުމަތުތައް ކުރުމަށް ފުރުސަތު އަބަދުބެސް ލިބެއެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް އިސްލާހުންވެސް އެފަދަ ކަންބޮޑުވުންތަކެއް ދާއިރާގެ ބޭފުޅުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ. ހަގީގަތުގައި ސަރުކާރުން އެ ބިލު ހުށަހެޅީ މުހިއްމު، އަދި އެހާމެ ހަރުދަނާ މަގުސަދެއްގައިކަމަށް ވެދާނެއެވެ. ނަމަވެސް އެ އިސްލާހުތަކުން ޝަރުއީ ދާއިރާއަށް އިތުރު ތުހުމަތުތައް ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. އެ އިސްލާހުތަކުގައި ވާގޮތުން ފަނޑިޔާރުންނާ އެއް ހަމައެއްގައި ގާނޫނީ ވަކީލުންނަށްވެސް ފިޔަވަޅު އެޅޭނެއެވެ.
ގާނޫނީ ފަންނުގެ ގާނޫނަކީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމުގެ ގާނޫނެވެ.
ބާ ކައުންސިލަކީ އެކަމަށް ޓަކައި ގާނޫނުން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. އެހެންކަމުން ވަކީލުކަމުގެ ހުއްދަ ދިނުމާއި، ހުއްދަ އަތުލުމާއި، ވަކީލުންގެ މައްސަލަތައް ބަލައި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ވެސް އޮތީ ބާ ކައުންސިލަށެވެ.
ހަމަ އެގޮތަށް ފަނޑިޔާރުންގެ ކަންކަމަށް، ހާއްސަ ފަނޑިޔާރުންގެ ގާނޫނެއްވެސް އޮވެއެވެ. ނަމަވެސް ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށެވެ.
ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި ބުނަނީ އުއްތަމަފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަން ޖެހޭ މީހުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ޖޭއެސްސީން ކަމަށެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ، އެމީހަކު އެ މަގާމަށް ގާބިލު ނޫންކަމަށް، ނުވަތަ މަގާމާ އެކަށީގެންނުވާފަދަ އަމަލެ ކޮށްފައިވާކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސް ކުރުމުން ކަމަށެވެ. އަދި 159 ވަނަ މާއްދާގެ (ށ) ގައި ވަނީ ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މަގާމުން ވަކި ކުރާންޖެހޭ މީހުން ވަކި ކުރުމަށް، ހުށަހަޅާނީ ޖޭއެސްސީން ކަމަށެވެ.
ކަންބޮޑުވުން އުފެދެނީ ގާނޫނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ފަސް އަކުރު އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާމެދުގައެވެ.
އެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އިން ބުނަނީ، ގާނޫނީ ވަކީލަކު ފަނޑިޔާރެއްގެ މަގާމަށް އައްޔަންކުރުމާހިސާބުން، އޭނާއަށް ވަކީލު ކަމުގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރުކަމުގައި ދެމިހުރިހާ ދުވަހަކު އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި، މި ގާނޫނުން ވަކީލުންނަށް ލިބިދޭ ހައްގުތަކާއި އިމްތިޔާޒުތައް ހިފެހެއްޓޭނެކަމަށެވެ. ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެމީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ. މާނައަކީ އޭނާއަށް ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ބުނަނީ ފަނޑިޔާރަކު މަގާމުން ވަކިކުރަން، ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އޭނާ މަގާމުން ވަކި ކުރަން މަޖިލީހުން ނިންމާ ހިސާބުން، ފަނޑިޔާރުކަމުގައި ހުރެ އޭނާ ކުރީ ގާނޫނީ ވަކީލުކަމުގެ ސުލޫކާވެސް ހިލާފު އަމަލެއް ކަމަށް ބަލައި، އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެކަމަށެވެ. އެގޮތަށް ހުއްދަ ބާތިލުވާ ފަރާތްތަކަށް އަލުން ހުއްދަ ހޯދޭނީ ފަސް އަހަރު ފަހުން ހުއްދައަށް އެދި ހުށަހަޅައިގެންކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ، އެމީހަކު ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ބޮޑު އަމަލެއް ކުރިކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ސާބިތު ވެގެން ކަމަށްވާނަމަ އެ އުސޫލެއް ނުހިނގާނެއެވެ. އެމީހަކަށް އަލުން ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ވެސް ނުލިބޭނެއެވެ. ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް، މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރު އިސްތިއުފާ ދިނަސް އަލުން ވަކީލުކަމުގެ ހުއްދައެއް ނުލިބޭނެއެވެ. މާނައަކީ އެ ދެ ހާލަތުގައި އުމުރު ދުވަހަށް އޭނާ ވަކީލުކަމުން ސަސްޕެންޑް ވުމެވެ. އޭނާގެ ޕްރޮފެޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު ދުވަހަކުވެސް ނުލިބުމެވެ.
މި ބިލު މިހާރު އޮތީ ދިރާސާކުރާ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައެވެ.
މި އިސްލާހުތަކާމެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ގާނޫނީ ވަކީލުންގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް އޮންނަ ގާނޫނީ ބާރުގެ ތެރެއަށް، ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ވަދެގެން ދިއުން ހިމެނެއެވެ.
އެ ކަންބޮޑުވުން ފާހަގަކޮށް ބާކައުންސިލުން ބުނެފައި ވަނީ އިސްލާހުތައް ގާނޫނަށް ގެނައުމަށް އިއުތިރާޒުކުރާ ކަމަށެވެ. ސަބަބެއް ކަމަށް، އެ ކޮމިޝަނުން ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ވަކީލުކަމުގެ ހުއްދައާމެދު ގޮތެއް ނިންމުމަކީ އެ ކައުންސިލަށް ލިބިދޭ ބާރެއް ކަމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ކޮންމެ ފަހަރަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ހާލަތެއް ނޫން ކަމަށެވެ.
ފަނޑިޔާރުން ކޮންމެ ސަބަބަކާ ހުރެ ވަކިކުރި ނަމަވެސް، އާމްދަނީއެއް ހޯދުމަކީ އަސާސީ ހައްގަކަށްވާއިރު، އެ ކައުންސިލުގެ ދައުރެއް ނެތި ވަކީލުކަމުގެ ހުއްދައާމެދު އެހެން ބަޔަކަށް ގޮތް ކިޔޭ ނަމަ، ގާނޫނުން އެ މުއައްސަސާއަށް ދީފައިވާ ބާރުތައް އެހެން މުއައްސަސާއަކަށް ފުރޮޅި، ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވެސް ބުނެފައިވެއެވެ. މާނައަކީ އެ އިސްލާހުގެ ސަބަބުން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން، ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރުވެސް ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބިގެން ދިއުމެވެ.
ބާކައުންސިލްގެ ކުރީގެ ރައީސް އަދި ޕްރިމިއާސް ޗެމްބާ އެލްއެލްބީގެ އިސްބޭފުޅެއް ކަމަށްވާ، މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ބާކައުންސިލާއި، އެ ކައުންސިލްގެ ގާނޫނީ ފަންނުގެ މިނިވަން ކަމާއި މުސްތަގިއްލުކަން ވެސް ގެއްލިގެންދާނެ ކަމަށެވެ.
"މި އިސްލާހު މިހާރު އިބާރާތް ކުރެވިފައި އޮތް ގޮތަށް ވުޖޫދުވެގެން އައިސްފި ކަމަށްވަންޏާ މި ބުނާ އެއްޗަކީ ޖޭއެސްސީގެ ނިންމުމާ ގުޅިގެން މަޖިލިހަށް މައްސަލަ ހުށަހެޅުމަށްފަހު، އެބޭފުޅަކު އިސްތިއުފާ ދެއްވިޔަސް (ވަކީލުކަމުގެ) ހުއްދަ ބާތިލުވާނެއޭ އަދި މަޖިލީހުން ވަކިކުރިޔަސް ހުއްދަ ބާތިލުވާނެެއޭ، އެހެންވީމަ އޭގަ ނެތް ބާކައުންސިލުން ކުރާނެ އެއްވެސްކަމެއް، ހަމައެކަނި މިއޮތީ ބާ ކައުންސިލްގެ ލެޓާ ހެޑްގައި ތައްގަނޑެއް ޖަހާފަ ސޮއިކުރެއްވުން އެކަނި، މިހާހިސާބުން މި ދިޔައީ ބާކައުންސިލްގެ ގާނޫނީ ފަންނުގެ މިނިވަން ކަމާއި މުސްތަގިއްލުކަށް،"
މައުމޫނު އިތުރަށް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ދަށުން ލިބޭ މަސައްކަތްކުރުމުގެ ނުވަތަ ވަޒީފާ އަދާ ކުރުމުގެ ހައްގު އޭނާ ފާހަގަ ކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ ގާނޫނީ ވަކީލުކަމަކީ އެއްދުވަހަކުން ދެ ދުވަހެއްގެ ވޯކުޝޮޕަކުން ލިބޭ ސަނަދެއް، ނުވަތަ ފާހަކުންކުރެވޭ މަސައްކަތެއްނޫން، މިހާރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މި އިސްލާހުގެ ސަބަބުން ހުރަސް އެޅިގެން ދިއުމާއެކު، އެތައް އަހަރު ދުވަހެއްގެ މަސައްކަތެއް ގެއްލިގެން އެދިޔައީ، އަދި ތައުލީމު ހާސިލު ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް މިދިޔައީ ދެން އެބޭފުޅަކަށް އެހެން މަގެއްވެސް ނޯންނާނެ،"
އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި މައުމޫނު ފާހަގަ ކުރެއްވީ، ފަނޑިޔާރުކަމުގައި ހުރެގެން މީހަކު ކުރި ކުށަކަށް، ގާނޫނީ ވަކީލުކަމަށް އަދަބު ލިބޭގޮތަށް އޮތުމެވެ.
"މި އަމަލުތަކެއް ހިނގަނީ ފަނޑިޔާރެއްގެ ގޮތުގައި އެބޭފުޅަކު މަސައްކަތް ކުރަމުން ދަނިކޮށް، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަނިކޮށެއް ނޫން، ނަމަވެސް އަދަބެއްގެ ގޮތުގަ ވަކީލުކަންވެސް ނުކުރެވޭނެ ގޮތަށް މިއޮތީ،" އެއާއެކު ފަނޑިޔާރުކަމުގައި ހުންނަ މީހެއްގެ ގަނޫނީ ވަކީލު ކަމާއި، އެކަމުގެ އެންމެހާ ހައްގުތަކުން އޭނާގެ މައްޗަށް ނުހިނގާނެކަމަށް އޮންނަ، ގާނޫނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ވެސް މައުމޫނު ސަމާލު ކަމަށް ގެންނެވިއެވެ.
މައުމޫނު ހަމީދު ފާހަގަ ކުރެއްވި ބައެެއް ކަންބޮޑުންތަކަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. އެގޮތުން ސުއޫދުގެ އެންމެބޮޑު ކަންބޮޑުވުމަކީ ވެސް ފަނޑިޔާރުކަމުގައި ހުރެ ކުރާ ކުށަކުން ވަކީލުކަމުގެ ސަސްޕެންޝަން އަންނާތީއެވެ.
"އެ މީހަކު ފަނޑިޔާރުކަމުން ވަކިކުރަން ނިންމަވައިފި ކަމަށްވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ އެހިސާބުން ނިމުނިއްޔޭ، ދެން އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަންޏާ އެމީހެއްގެ މައްޗަށް ތަހުގީގު ކުރެވުނު ސުލޫކީ މައްސަލައާ ގުޅިގެން އިތުރު ޖިނާއީ ކުށެއްގެ ތަހުގީގު ކަމާބެހޭ އިދާރާއަކުން ހިންގައި، އެފަދަ ކަމެއް ކުރެވޭނަމަ ދެން އޭގެތެރެއިން އެމީހަކަށް ލިބޭ އަދަބެކޭ ލިބެން ވާނީ، އޭގެ އިތުރަށް އިތުރު ފިޔަވަޅެެއް ވަކީލު ކަމުގެ ހުއްދަ އުމުރު ދުވަހަށް ހިފެހެއްޓުން ފަދަ އަދަބަކީ، އެއީ ފުދޭވަރެއްގެ ބޮޑު އަދަބެއް ކަމަށް ވެދާނެ، އެއީ ރަނގަޅު ގޮތަކަށް ނުވާނެ،"
އޭގެ އިތުރުން ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގެންނަ ބަދަލެއް ހިމެނެން ވާނީ ފަނޑިޔާރުންގެ ގާނޫނުގައި ކަމަށްވެސް ސުއޫދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ފަނޑިޔާރެއްގެ ސުލޫކީ ކަމަކާ ގުޅިގެން އަޅާ ފިޔަަވަޅުތައް އެ ގާނޫނުގެ ތެރެއިން ފެންނަން އޮތުމަކީ ހުށަހެޅުއްވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާގެ މެންބަރު އަބްދުއްސައްތާރު ސުލެއިމާނު ވެސް ވިދާޅުވީ، ފަނޑިޔާރުން ވަކި ކުރަން އިސްލާހުގައި އޮތީ، ފަނޑިޔާރަކަށް ހުރެ އޭނާ ކުރި އަމަލެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ވަކީލުކަމުން ވަކި ކުރާގޮތަށް އޮތުމަކީ، ދެވޭ އިތުރު އަދަބެއްކަމަށްވެސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، އެކަމަކީ "ފަނޑިޔާރަކަށް ހުރެ ކަމެއް ކޮށްފައި ގެއަށްދާތަނުން އާއިލާއާބެހޭ ގާނޫނުގެދަށުން އަންހެނުން ވަރިވާކަމަށް ބުނާފަދަ ކަމެއް،" ކަމަށެވެ.
ނަމަވެސް މި އިސްލާހުތަކަކީ ފަނޑިޔާރުންނަށް ބިރުދެއްކުމަށް ލިބޭ ފުރުސަތެއްކަމަށް މައުމޫނު ހަމީދު ވިދާޅުވާ ވާހަކަފުޅާ ސުއޫދު އެއްބަސްވެވަޑައެއް ނުގަންނަވައެވެ.
މައުމޫނު ވިދާޅުވީ، މިކަމުގައި ކިތަންމެ ރަނގަޅު ނިޔަތެއް އޮތް ނަމަވެސް މިއީ ފަނޑިޔާރުގެއަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އިތުރަށް ވިދާޅުވީ، "އޭގެ ހަމައެކަނި ނަތީޖާއަކަށް ވާނީ ފަނޑިޔާރުގެއަށް ހިޔަނި އެޅުން، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން، ފަނޑިޔާރުގެއަށް ބިރުދެއްކުން،" ކަމަށެވެ. އެހެންކަމުން މިއީ ގާނޫނަށް ގެންނަން ހެޔޮވާވަރުގެ އިސްލާހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބޭފުޅުންގެ ފަލްސަފާއަކީ ނުފޫޒު ފޯރުވުން ނޫންކަން ހާމަކޮށްދެއްވަމުން ސުއޫދު ވިދާޅުވީ، ޖޭއެސްސީއަށްވެސް މިހާތަނަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ހިތުން ބިރުގަނެގެން ގާނޫނުގައި އޮންނަގޮތާ ފެޔަށް ފަނޑިޔާރުން ގޮސްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. "ކޮންމެ ގޮތެއްވިޔަސް ފަނޑިޔާރުން ހުކުމް ކުރަން ޖެހޭނީ ގާނޫނުގައި އޮތްގޮތަށް، ފޮލޯ ނުކުރެެވެންޏާ ޔޫބެޓަގޯ، އެއީ އަޅުގަނޑުގެ ސްޓޭންޑަކީ، ޔޫ ރިޒައިން،" ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.
ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެންނަން ޖެހޭ އަސްލު ސަބަބުން އޮޅުންފިލުއްވައި ދެއްވަމުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ، ސުލޫކީ މައްސަލަތައް ސާބިތުވާ ފަނޑިޔާރުން ވަކިކުރަން، ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޖެހިގެން އަންނަ ދުވަހު ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ވަޑައިގަންނަވާ ކަމަށެވެ.
އެކަން އެހެން އޮވެގެންނުވާނެ ކަމަށް ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވައެވެ. ސުއޫދު ވިދާޅުވީ، އެއީ ވަރަށް ނާތަހުޒީބު އަމަލެއް ކަަމަށެވެ. އަދި އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ކުޑަމިނުން އެމީހަކު ފަނޑިޔާރުކަން ކުރި ކޯޓަށް ނުދެވޭ ގޮތް ނަމަވެސް ހަދަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. މައުމޫނު ހަމީދުވެސް ވިދާޅުވީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
ނަމަވެސް މައުމޫނު ވިދާޅުވީ، އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހަކީ ހުރިހާ އެންމެންގެ ބެލެނިވެރިޔަކަށް ވުން ނޫން ކަމަށާއި، މަޖިލީހުން ކުރަން ޖެހޭ ކަމަކީ އެކަމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރިހަމަ ބާރު ދިނުންކަމަށްވެސް ވިދާޅުވިއެވެ. ޖޭއެސްސީ އާއި ބާ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރު ބޭނުން ކޮށްގެން އެކަންތައް ހުއްޓުވޭނެ ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
"ހަގީގަތުގައި މަޖިލީހުގެ ދައުރަކީ، ޖޭއެސްސީ ވިޔަސް ބާކައުންސިލްވިޔަސް އެހެން މުއްސަސާއެއްވިޔަސް އެ ފަރާތަކާ ހަވާލުކޮށްފައި އޮންނަ މަސްއޫލިއްޔަތުތަކާއި ބާރުތައް ބޭނުންކުރުމަށް އެ ފަރާތްތަކަށް ފުރުސަތު ދެއްވުން، ފަނޑިޔާރުގެއަށްވެސް ފުރުސަތު ދެއްވަން އެބަޖެހޭ، ފަނޑިޔާރުގެއަށް ލިބިފައިވާ ބާރުގެތެރެއިން އެކަން ރެގިއުލޭޓް ކުރަން، އެބޭފުޅުންނަށް ކަނޑައެޅޭނެއޭ އިއްޔެ މި މައްސަލައިގަ ރިޔާސަތުގަ އިން ފަނޑީޔާރަކަށް މިކޯޓަށް ނާދެވޭނެޔޭ، މި މައްސަލައިގަވެސް މި ބާވަތުގެ މައްސަލައިގަވެސް، އެ ބާރު ފަނޑިޔާރުގެއަށް ދޫކޮށްލައްވާށޭ އެެއީ ފަނޑިޔާރު ގޭގެ ބާރެކޭ، އެއަށް މަޖިލީހުން ވަދެވަޑައިގަތުން ރަނގަޅެއްނޫނޭ، ހަމަ އެގޮތަށް ފެންނަން އޮތް ހަގީގަތަކީ މިނިވަން މުސްތަގިއްލު ގާނޫނީ ފަންނެއް މަޖިލީހުން މިއޮތީ އުފަން ކުރުވައިފަ. އެފަންނު ރެގިއުލޭޓް ކުރުން މި އޮންނަނީ މުސްތަގިއްލު މުއައްސަސާއެއްކަމަށްވާ ބާކައުންސިލަށް. އެހެންކަމުން އެ ކައުންސިލަށް އެކަންކަން ނަގައިގަނެވޭނެ، އެކަން ނުކުރެވެންޏާ އެކަމަށް ބަދަލު ގެންނަންވީ، ނަމަވެސް އޭގެ މައްޗަށް އަނެއްކާ މަޖިލީހުން ބާކައުންސިލްގެ ދައުރު އަދާކުރަން އަވަސްވެގަންނަންވީކީ ނޫން،"
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދެއްވަމުން މައުމޫނު ވިދާޅުވީ މިހާރު އޮތް ސިޔާސީ ހަގީގަތަކީ، އެއް ޕާޓީއަކަށް ފަނޑިޔާރުންތަކެއް ވަކި ކުރެވިދާނެ ހާލަތެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއަށް ބަލާއިރު އެހެން ބަޔަކަށް ބަލައިލުމެއްނެތި އެފަދަކަމެއް ކުރެވިދާނެކަންވެސް ފާހަގަ ކުރެއްވިއެވެ. މައުމޫނު ފާހަގަކުރެއްވީ ފަނޑިޔާރެއްގެ ކުރިމައްޗަށް އަންނަ މައްސަލައެއްގެ ގޮތުން އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް އުފައްދައި، ފަނޑިޔާރުކަމުގެ މަގާމުންނާއި، ވަކީލުކަމުން އުމުރު ދުވަހަށް ސަސްޕެންޑު ކުރުމަކީ އޮންނާނެ ބިރެއް ކަމަށެވެ.
މި އިސްލާހު ތަކަކީ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުން ކޯޓަށް ވަޑައިގަތުން ހުއްޓުވުމުގެ މަގުސަދުގައި ގެންނަ އިސްލާހުތަކަކަށްވާއިރު، ސުލޫކީ މައްސަލަ ތަކާ ގުޅިގެން މިހާރު ވަކި ކޮށްފައި ތިއްބެވި ބޭފުޅުންނާއި، މަގާމުން ވަކި ކުރުމަށް ހުށަހެޅުމުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި، ފަނޑިޔާރުކަމުގައި ތިއްބެވުމަށްފަހު އިސްތިއުފާ ދެއްވާ ބޭފުޅުންނާއި، ރިތަޔާ ކުރައްވާ ބޭފުޅުން ކޯޓުތަކަަށް ވަޑައިގެން ވަކާލާތު ކުރެއްވުމަށް، މި އިސްލާހުތަކުން ހުރަހެއް ނާޅައެވެ.
އެހެންކަމުން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ކިތަންމެ ހެޔޮ ނިޔަތެއްގައި ހުށަހެޅި އިސްލާހުތަކެއް ނަމަވެސް އެ ބަދަލުގެ ސަބަބުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ހުޅުވޭ ފުޅާ ދޮރަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް