އެތްލެޓިކޯ މެޑްރިޑުން ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ދާއިމީކޮށް އެ ކްލަބަށް ގެންދަން ބާސެލޯނާއާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ގްރީޒްމަންގެ ސޮއި އެތުލެޓިކޯއިން ހޯދީ 2026 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އެކުލަވާލާ ގޮތަށެވެ. ގްރީޒްމަންގެ ޓްރާންސްފާއަަށް ދެ ކްލަބުން އެއްބަސްވެފައި މިވަނީ އޭނާގެ ޓްރާންސްފާ ފީއަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްފައެވެ. މީގެ ދެ ސީޒަން ކުރިން ގްރީޒްމަން ބާސާއިން އެތުލެޓިކޯއަށް ދިޔައީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައެވެ.
އިތުބާރުހުރި ނޫސްތަތަކުން ބުނެފައިވާ ގޮތުން އެ ލޯން އެއްބަސްވުމުގައި ބާސާއިން ވަނީ ގްރީޒްމަން ގަތުމަށް އެތުލެޓިކޯއަށް މަޖުބޫރުވާނެ މާއްދާއެއް ހިމަނައިފައެވެ. އެއީ އެތުލެޓިކޯގެ މެޗުތަކުގައި ގްރީޒްމަން 50 ޕަސެންޓް މިނެޓު ކުޅެ، ވަކި ވަރަކަށް މެޗު ހަމަވެއްޖެ ނަމަ، ބާސާއަށް ގްރީޒްމަންގެ ޓްރާންސްފާ ފީއަކަށް އެތުލެޓިކޯއިން 40 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަހަލަ މާއްދާއެކެވެ.
އެ މާއްދާގެ ޝަރުތު ހަމަނުކުރުމަށް މި ސީޒަނުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޯ ގްރީޒްމަން ބޭނުންކުރަމުން ދިޔައީ ކޮންމެ މެޗެއްގެވެސް ފަހު 30 ވަރަކަށް މިނެޓަށެވެ. އެކަމުގެ ސަބަބުން ދެ ކްލަބުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެ، ބާސާއިން ވަނީ އެތުލެޓިކޯ ގޮވައިގެން ކޯޓަށްވެސް ދާން މަސައްކަތްކޮށްފައެވެ.
ގްރީޒްމަން އަލުން އެތުލެޓިކޯއަށް ދިޔައިރު، އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުވެސް އެ ކްލަބަށް ކުޅެފައެވެ. 2019 ވަނަ އަހަރު ބާސާއިން ގްރީޒްމަން ގަތީ 108 މިލިއަން ޕައުންޑަށެވެ. ބާސާއަށް ކުޅުނު 102 މެޗުން 35 ގޯލު ގްރީޒްމަން ޖެހި އިރު، ލޯނުގެ ދަށުން ފަހުން އެތުލެޓިކޯއަށް ގޮސް އޭނާ ވަނީ ފޯމު ރަނގަޅުކުރަން ފަށައިފައެވެ. އެގޮތުން އުމުރުން 31 އަހަރުގެ ގްރީޒްމަން ވަނީ މިހާތަނަށް މި ސީޒަނުގައި 11 މެޗެއްގައި ކުޅެ، ތިން ގޯލު ޖަހައި ދެ އެސިސްޓް ހަދައިފައެވެ. އޭގެ ތެރެއިން ގްރީޒްމަން ފުރަތަމަ 11 އަށް ނުކުތީ އެންމެ ތިން މެޗުގައެވެ.
ގްރީޒްމަންއަކީ 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކުރިން އެތުލެޓިކޯއާއެކު ގްރީޒްމަން ވަނީ ޔޫރޮޕާ ލީގާއި ސްޕެނިޝް ކަޕް އަދި ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.