ފޯބްސްއިން އިއުލާނު ކޮށްފައިވާ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައަށް ފްރާންސްގެ ޕީއެސްޖީ ތަރި ކިލިއަން އެމްބާޕޭ ޖެހިލައިފިއެވެ.
ލިސްޓުގެ އެއްވަނައަށް އެމްބާޕޭ ޖެހިލައިފައިވާ އިރު، މިދިޔަ ނުވަ އަހަރުވެސް ލިސްޓުގެ އެއްވަނައިގައި ފެންނަމުން ދިޔައީ ދެ ނަމެކެވެ. އެއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމާއި، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ނަމެވެ. މިފަހަރުގެ ލިސްޓުގެ ދެވަނައިގައި އޮތީ ޕީއެސްޖީއަށް އެމްބާޕޭއާއެކު ކުޅެމުންދާ މެސީއެވެ. އޭގެ ފަހަތުން ތިންވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑުގެ ރޮނާލްޑޯއެވެ.
އޭގެ އިތުރުން އެންމެ ގިނައިން އާމްދަނީ ލިބޭ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނޭމާއާއި މިސްރުގެ މުހައްމަދު ސަލާހެވެ.
ފޯބަސްއިން ލަފާކޮށްފައިވާ ގޮތުގައި އުމުރުން 23 އަހަރުގެ އެމްބާޕޭއަށް މިސީޒަނުގައި 115.2 މިލިއަން ޕައުންޑްގެ އާމްދަނީއެއް ޖެހޭނެއެވެ. އަދި މެސީއަށް 108 މިލިއަން ޕައުންޑް ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ފޯބަސްއިން ލަފާކޮށްފައިވާ ގޮތުގައި ރޮނާލްޑޯއަށް 90 މިލިއަން ޕައުންޑް، އާމްދަނީގެ ގޮތުގައި މިސީޒަނުގައި ޖެހޭނެއެވެ.
ބްރެޒިލްގެ ތަރި ނޭމާއަށް ފުޓުބޯޅަ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 78.4 މިލިއަން ޕައުންޑް ޖެހޭނެއެވެ. އަދި ފޯބަސްއިން ލަފާކޮށްފައިވާ ގޮތުގައި ސަލާހަށް 47.7 މިލިއަން މިސީޒަނުގައި ޖެހޭނެއެވެ.
މެސީއާއި ރޮނާލްޑޯ ލިސްޓުގެ އެންމެ ކުރީގައި އޮންނަތާ ނުވަ އަހަރު ފަހުން އިތުރު ނަމެއް އައިސްފައިވާ އިރު، މީގެ ކުރިން 2013 ވަނަ އަހަރު ލިސްޓުގެ އެއްވަނަ ހޯދީ އޭރު އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ޑޭވިޑް ބެކަމްއެވެ.
އެމްބާޕޭއަށް ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ދާދިފަހުން އޭނާ ޕީއެސްޖީގައި އާކުރި އެއްބަސްވުމާވެސް އެކުގައެވެ. ރެއާލް މެޑްރިޑަށް ބަދަލުވާން މަސައްކަތް ކުރަނިކޮށް ޕީއެސްޖީން ވަނީ ތިން އަހަރު ދުވަހުގެ އާ އެއްބަސްވުމެއް އެމްބާޕޭއަށް ހުށަހަޅައިފައެވެ. އެ އެއްބަސްވުމުގައި ހިމަނާފައިވާ މުސާރައިގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި ޕީއެސްޖީން އެމްބާޕޭއަށް ބޮޑު އަދަދެއް ދޭނެއެވެ.
މިފަހަރުގެ ލިސްޓުގެ ގަދަ 10 ގައި ހިމެނުނު އިތުރު ނަންތަކަށް ބަލައިލާ އިރު، ނޯވޭގެ މެންޗެސްޓާ ސިޓީ ފޯވަޑް އާލިން ހާލަންޑް ހިމެނެއެވެ. ހާލަންޑާއި އެމްބާޕޭއަކީ ލިސްޓުގެ ގަދަ 10 ގައި ހިމެނިފައިވާ 30 އަހަރުން ދަށުގެ ހަމައެކަނި ކުޅުންތެރިންނެވެ. ހާލަންޑް ލިސްޓުގެ ހަވަނައިގައި އޮތް އިރު، އޭނާގެ ފަހަތުން ދެން ލިސްޓު ތަރުތީބު ވެފައިވަނީ ރޮބާޓް ލެވަންޑޯސްކީ، އެޑެން ހަޒާޑް، އަންދްރޭސް އިނިއެސްޓާ، ކެވިން ޑި ބްރޭނާ، މި ތަރުތީބުންނެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ