ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި މެންޗެސްޓާ ސިޓީން މޮޅުވި އިރު، ބެނިފީކާއާއި ޕީއެސްޖީ އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ޗެލްސީން ރޭ ކުޅުނު މެޗުގައި އޭސީ މިލާން އަތުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ޗެލްސީން ރޭ ފުރަތަމަ މޮޅު ހޯދި އިރު، ސާލްސްބާގުން ވަނީ 1-0 އިން ޑައިނަމޯ ޒަގްރަބް ކައިރިން މޮޅުވެފައެވެ.

ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު އޮތީ ސާލްސްބާގެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާ އެކުގައެވެ. ޗެލްސީ ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޭސީ މިލާން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ޗެލްސީއާއި މިލާން ޕޮއިންޓްގެ ގޮތުން އެއްވަރު ނަމަވެސް، ރޭ ޖެހި ގޯލުތަކާއެކު ޗެލްސީއަށް ފައިދާ ގޯލުގެ ފަރަގެއްގައި ދެވަނަ ލިބެއެވެ. ގްރޫޕް ފުލުގައި އޮތީ ޑައިނަމޯއެވެ.

އަމިއްލަ ދަނޑުގައި ރޭ މިލާނާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށް ކޯޗު ގްރަހަމް ޕޮޓާ ވަނީ ފޯވަޑް ޕިއޭ އެމްރިކް އަބަމަޔާންއާއި ސެންޓަ ބެކް ވެސްލޭ ފޮފާނާވެސް ކުޅެން ނެރެފައެވެ. ޗެލްސީން ފުރަތަމަ ކޮޅުން ފެށިގެންވެސް ކޮންޓްރޯލް ކުރަމުން ގޮސް އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ކޯނަރަކުން ގޯލު ޖަހައިފައެވެ. އެ ގޯލު ޖެހީ ފޮފާނާއެވެ. އެ ގޯލަށް އިރުކޮޅެއް ފަހުން ފޮފާނާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު އިރު، ބަދަލަކަށް ނުކުތީ ޓްރެވާ ޗަލޯބާއެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީގެ ލީޑު ފުޅާކުރީ ރީސް ޖޭމްސްގެ ބޮޑު މަސައްކަތަކުންނެވެ. ރޭގެ މެޗުގައި މޮޅަށް ކުޅުނު ރީސް ޖޭމްސް އަރިމަތިން ނަގައިދިން ހުރަސް ގޯލަށް ވައްދާލީ އަބަމަޔާންއެވެ. ޗެލްސީގެ ތިންވަނަ ގޯލު ޖަހައި މެޗު ޔަގީންކުރީ 62 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރީސް ޖޭމްސްގެ ޖެހި ހިތްގައިމު ގޯލެކެވެ.

ސިޓީން ރޭ ކުޅުނު ގްރޫޕް ޖީގެ މެޗުގައި އެފްސީ ކޯޕަންހޭގަން ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ރޭ ސެވިއްޔާ ކައިރިން 4-1 އިން ޑޯޓުމަންޑް މޮޅުވި އިރު، އެއްވަނައިގައި ސިޓީ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޑޯޓުމަންޑް އޮތް އިރު، ތިންވަނައިގައި ސެވިއްޔާ އޮތީ ތިންވަނައިގައެވެ.

ސިޓީގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު އާލިން ހާލަންޑް ޖެހި އިރު، އޭނާ ވަނީ ސީޒަނުގައި 19 ގޯލު ހަމަކޮށްފައެވެ. މިހާތަނަށް 12 މެޗު ކުޅެ ހާލަންޑް 19 ގޯލު ހަމަކުރި އިރު، ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ކުޅުނު 22 މެޗުން 28 ގޯލު ހަމަކޮށްފައެވެ. އެ އަދަދާއެކު ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ 30 މެޗުން އެންމެ ގިނަ ގޯލު ޖެހުމުގައި ރޫދުވާން ނެސްތުރޫއީ ހަދާފައި އޮތް ރެކޯޑް މުގުރާލައިފިއެވެ.

ހާލަންޑްގެ އިތުރުން ރޭގެ މެޗުގައި ގޯލުތައް ޖަހައި ދިނީ ރިޔާދު މަހަރޭޒްއާއި ޖޫލިއަން އަލްވަރޭޒްއެވެ. އަދި އަނެއް ގޯލަކީ ކޯޕަންހޭގަންގެ ޑެވިޓް ކޮޗޮލާވާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭ ގްރޫޕް އެޗްގައި ބެނިފީކާ އިން އެ ޓީމުގެ ދަނޑުގައި ޕީއެސްޖީ ހިފެހެއްޓީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީން މޮޅަށް ކުޅެ ހަމަލާތައް ގިނައިން އުފެއްދި ނަމަވެސް އެ ޓީމަށް އެންމެ ފަސޭހައިން ގޯލު ޖެހުނު މެޗަކަށް ނުވިއެވެ. ނޭމާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ކިލިއަން އެމްބާޕޭވެސް ވަނީ ލިބުނު ހުސް ދެ ފުރުސަތެއް ނަގާލައިފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީއަށް ގޯލު ޖަހައި ދިނީ ލިއޮނަލް މެސީއެވެ. އޭނާގެ ގޯލަކީ އެމްބާޕޭއާއި ނޭމާއާ އެކުވެ، އުފެއްދި ފުރުސަތުގައި ޖެހި ހިތްގައިމު ގޯލެކެވެ. ބެނިފީކާއިން ކައުންޓާގައި ނުރައްކާ ކުރަމުން ގޮސް ޖެހި ގޯލަކީ އަރިމަތިން ހުރަސްކުރި ބޯޅައެއްގައި ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް އެޗްގައި ރޭ ޔުވެންޓަސްއިން 3-1 އިން މެކަބީ ހައިފާ ބަލިކުރި އިރު، އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި ބެނިފީކާ އޮތް އިރު، ޔުވެންޓަސް އޮތީ ތިންވަނައިގައެވެ.

ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ގްރޫޕް އެފްގައި ރޭ ޝަކްތާރު ޑޮނެސްކް ބަލިކުރީ 2-1ގެ ނަތީޖާ އަކުންނެވެ. އެ ޓީމުން 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑު ދަމަހައްޓާފައިވާ އިރު، އެ ގްރޫޕުގައި ރޭ އާރްބީ ލެއިޕްޒިގުން ވަނީ 3-1 އިން ސެލްޓިކްވެސް ބަލިކޮށްފައެވެ.