ސްޕެއިނާއި ޕޯޗުގަލް އެކުވެގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ތައްޔާރުކުރާ ބިޑަށް ޔޫކްރެއިންވެސް ގުޅިއްޖެއެވެ.
ޔޫކްރެއިނާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްގެ ފެޑަރޭޝަން އެކުވެގެން، އެ ތިން ގައުމުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ގެންގުޅޭ ތަސައްވަރު މިއަދު ޔޫއެފާ ހެޑްކުއާޓާސްގައި ހާމަކޮށްފައިވެއެވެ. ޕޯޗުގަލާއި ސްޕެއިނުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ޝައުގުވެރިވާ ކަމަށް މިދިޔަ އަހަރު އިއުލާން ކޮށްފައިވާ އިރު، ޔޫކްރެއިން ބިޑަށް އިތުރުކުރިކަން އިއުލާންކުރީ މިއަދުއެވެ.
ޔޫކްރެއިން މިވަގުތު އޮތީވެސް ހަނގުރާމައެއްގެ ތެރޭގައެވެ. އެގައުމާއި ރަޝިއާއާ ދެމެދުގެ ހަނގުރާމަ އަދި ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ފެބްރުއަރީ މަހުން ފެށިގެން ދެގައުމުގެ ދެމެދުގައި ހަނގުރާމަ ކުރަމުންދާ އިރު، ޔޫކްރެއިންގެ އެތައް ސިފައިންނެއްވެސް މަރުވެ، އެތައް އިމާރާތްތަކެއްވެސް ބިމާ ހަމަވެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެން ނަމަވެސް އެގައުމުން ވޯލްޑް ކަޕް 2030 ގެ ކޯ ހޯސްޓަކަށްވުމަށް އޮތީ އުންމީދުގައެވެ.
"މިހާރު މިއީ އިބޭރިއާގެ (ޕޯޗުގަލާއި ސްޕެއިން) ބިޑެއް ނޫން. މިއީ ޔޫރަޕުގެ ބިޑެއް. މިހާރު ކުރިއަށްވުރެވެސް ބިޑް މިއޮތީ ރަނގަޅުވެފައި. ފުޓުބޯޅައަކީ ޔުނިވާސަލް ކުޅިވަރެއް. އަދި ކުޅިވަރަކަށްވުރެވެސް ބޮޑު އިންގިލާބީ ހަރަކާތެއް. ފުޓުބޯޅައަކީ މީހުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ކުޅިވަރެއް. އެހެންވީމަ މި ބިޑުން ބަޔަކަށް އެ ހާލަތު ބަދަލުކޮށްދެވޭނެކަން ޔަގީންކުރެވޭނެ،" ސްޕެއިން ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއާލްސް ވިދާޅުވިއެވެ.
ޕޯޗުގީޒް ފެޑަރޭޝަނުން ބުނެފައި ވަނީ ތިން ގައުމުން ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ޔޫއެފާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، ބިޑުގެ ސަބަބުން ޔޫކްރެއިން ރައްޔިތުންނަށް އުންމީދެއް ގެނެސްދޭނެ ކަމަށެވެ.
ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ޔޫކްރެއިނުން ކުރާ ބިޑާ މިހާރު ވާދަކުރަން އޮތީ ދެކުނު އެމެރިކާގެ ބިޑަކާއި އަރަބި ގައުމުތައް އެކުވެ ކޮށްފައި ބިޑެކެވެ. ދެކުނު އެމެރިކާއިން 2030 ވަަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ޖޮއިންޓް ބިޑެއް ކޮށްފައި ވަނީ އާޖެންޓީނާއި އުރުގުއާއީގެ އިތުރުން ޕެރަގުއާއީއާއި ޗިލީ އެކުވެގެންނެވެ. އަރަބި ގައުމުތައް އެކުވެ ކޮށްފައިވާ ބިޑުގައި ހިމެނެނީ މިސްރާއި، ސައުދީ އަރަބިއްޔާގެ އިތުރުން ގްރީސްއެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް