ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ބާއްވާނެ ސިޓީއަކަށް ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ދެހާސް ތިރީސް ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ނިންމާފައި ވަނީ ތިން ގައުމެއްގައެވެ. އެއީ ސްޕެއިން، މޮރޮކޯގެ އިތުރުން ޕޯޗުގަލްގައެވެ. އެ ވޯލްޑް ކަޕްގެ ފައިނަލް އޮންނާނެ ސިޓީއެއް އަދި ސްޓޭޑިއަމެއްވެސް ފީފާއިން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ. ހަބަރުތައް ބުނެފައި ވަނީ އެކަމަށް ސްޕެއިނާއި މޮރޮކޯއިން ބޭނުންވާ ކަމަށެވެ.

ސްޕެއިން ފުޓުބޯޅަ އިދާރާގެ ރައީސް ރަފޭލް ލޯޒާން ވިދާޅުވެފައި ވަނީ ފީފާއިން ވަކި ގޮތެއް ނުނިންމާ އޮތް ނަމަވެސް ވޯލްޑް ކަޕް ފައިނަލް ބާއްވަން އެންމެ މުނާސަބު ގައުމަކީ ސްޕެއިން ކަމަށެވެ. އެއީ ސްޕެއިނަކީ އެންމެ ފަހުގެ ދުނިޔޭ ޗެމްޕިއަން ކަމަށްވުމާއި، ސްޕެއިނަކީ އެފަދަ ފައިނަލެއް އިންތިޒާމުކުރަން އެންމެ އެކަށީގެންވާ ގައުމު ކަމަށްވެސް ވާތީ ކަމަށްވެސް ލޯޒާން ވިދާޅުވެފައިވެއެވެ.

އެ ވާހަކަ ސްޕެއިން ފެޑަރޭޝަންގެ ރައީސް އެހެން ވިދާޅުވެފައި ވަނިކޮށް، މޮރޮކޯގެ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރެސިޑެންޓް ފައުޒީ ލޭޖާ އޭނާގެ ޕާޓީގެ ކެމްޕޭން ރެލީއެއްގައި ވިދާޅުވީ މޮރޮކޯގެ ކަސަބްލަންކާއަކީ ވޯލްޑް ކަޕް ފައިނަލް ބާއްވާނެ ސިޓީކަން ޔަގީން ކުރެއްވުމަށެވެ. އެހެން އޭނާ ވިދާޅުވެފައި ވަނިކޮށް މޮރޮކޯގެ ބޮޑު ވަޒީރު އަޒީޒް އަހްނޫޝް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

މޮރޮކޯ ބޮޑު ވަޒީރު ވިދާޅުވީ، މޮރޮކޯ ފެޑަރޭޝަންގެ ރައީސް އެ ވަނީ ސިޔާސީ ވައުދުކަމަށާއި، ޔަގީންކަން ނެތް ކަންކަމުގެ ވާހަކަ ނުދެއްކެވުމަށެވެ. އަދި ސްޕެއިނާއި ޕޯޗުގަލްއާ ވާހަކަ ނުދައްކާ އެފަދަ ނިންމުމެއް ނުނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.