އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޕީއެސްޖީއާ އެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އަލުން އެނބުރި ބާސެލޯނާއަށް ދާނެ ކަމަށް އާޖެންޓީނާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ވެރޮނިކާ ބުރުނާޓީ ބުނެފިއެވެ.

ބާސާ ދޫކޮށް، 2021 ވަނަ މެސީ ދިޔައީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ބާސާ ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް އޭރު ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

މެސީ، ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ.

ޕީއެސްޖީއަށް ގޮސް ފުރަތަމަ ސީޒަނުގައި މެސީގެ ކުޅުން އެންމެ ރަނގަޅު ނޫން ނަމަވެސް، މިހާރު ކުރިއަށްދާ ސީޒަނުގައި މެސީގެ ތަފާތު ފެންނަމުން ދެއެވެ. މެސީ އެނބުރި ބާސާއަށް ދާން އަބަދުވެސް ވިސްނާ ކަމަށް އޭނާގެ ފަރާތުން މީގެ ކުރިންވެސް މީޑިއާގައި އަޑު ފެތުރިފައިވާ އިރު، ދާދިފަހުން ބާސާގެ ރައީސް ޖޯއާން ލަޕޯޓާ ވަނީ އެ ވިސްނުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

އޭރު ލަޕޯޓާ އެހެން ވިދާޅުވި ނަމަވެސް، ބުރުނާޓީ ބުނީ މެސީ އާއި ލަޕޯޓާ މިހާރު "ޕީސް" ހަދާފައިވާ ކަމަށާއި 2023 ވަނަ އަހަރު ޕީއެސްޖީ އެއްބަސްވުން ހަމަވުމުން މެސީ އެނބުރި ބާސާއަށް ދާނެ ކަމަށެވެ.

ބާސާއަށް އަލްވަދާއު ކިޔަމުންވެސް މެސީ ވަނީ ކޮންމެވެސް ދުވަހަކުން ބާސާއަށް އެނބުރި ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައެވެ. މެސީ، ޕީއެސްޖީއާ ގުޅިފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ޕީއެސްޖީއަށް ސޮއިކުރީ އަހަރެއްގެ މައްޗަށް 35 ވަރަކަށް މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެ އެއްބަސްވުމެއްގައެވެ.