ޚަބަރު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކުރީ އިންޑިއާއިން އަންގައިގެން: އިދިކޮޅު

މުހައްމަދު އިޝާން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމުން، ޕީޕީއެމުން އެކަން ކުށްވެރިކޮށްފިއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވާ ކަމަށެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، 17 އަހަރާއި 25 އަހަރުގެ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ. އޭނާގެ މައްޗަށް ދެން ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގާނޫނުގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

އެކަމާ ގުޅިގެން ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާ ހަމަނެޖެހުމާ ގުޅިގެން ގިނަ ބަޔަކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ އިންޑިއާއިން އަންގައިގެން ބޭރު ދުނިޔެއަށް އެކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ. އަދި ޔޯގާ ހަމަނުޖެހުމަކީ ސަރުކާރުން ކުރުވިކަމެއް ކަމަށާއި ޔޯގާ ހަމަނުޖެހުމުގައި ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ދައުވާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

"އޭގެ ތެރޭގައި މިކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ، ހޯރަފުށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނިފައިވީ ނަމަވެސް މުހައްމަދު އިސްމާއީލް ގަލޮޅު ދަނޑަށް އެދުވަހު ވަދަފެއްވެސް ނުވޭ. އަދި އޭނާއަކީ ހަމަނުޖެހުން ހިންގި އިރު އެތާ ހުރި މީހެއްވެސް ނޫން. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި ނިންމުން އަނބުރާ ގެނައުމަށް ގޮވާލަން،" ޕީޕީއެމުން ބުންޏެވެ.

ޔޯގާ ހަމަނުޖެހުމަކީ އިންޑިއާއިން ލަފާދީފައިވާ ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުކުރުމުގެ ފުރުސަތު ދިނުމަށް ހިންގި އަމަލެއް ކަމަށާއި އެ ހަމަނުޖެހުން ހިންގަން ދަނޑަށް ވަދެފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށެވެ. އަދި ސަރުކާރުން ފޮނުވި މީހުންނަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ އިހުމާލުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއުތިރާފުވެފައިވާ ކަމަށެވެ.

އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރުމަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ މި ދުވަސްވަރާ ދިމާކޮށް އެފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ކަމަށް ނުދެކޭ ކަމަށް ވެސް ބުންޏެވެ.

"އިންޑިއާ ރުއްސުމަށް އިންޑިއާއިން އަންގާ ގޮތަށް ސަރުކާރުން ކުރާ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމަށް ވާއިރު، އިންޑިއާގެ އެމްބަސީންނާއި އިންޑިއާ ސަރުކާރުން އަންގާ ގޮތަށް ދިވެހި ރައްޔިތުން ނިކަމެތި ނުކުރުމަށް މި ފުރުސަތު ގޮވާލަމެވެ،" އެ ބަޔާނުގައިވެއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ޕީޖީން ވަނީ 18 މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށްތަކުގެ ދައުވާކޮށްފައެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ޝެއިހު އާދަމް ނިޝާން ބިން އަލީ އާދަމް އާއި ޝެއިހު ފަޒްލޫން މުހައްމަދުގެ މައްޗަށް ވަނީ ކޮށްފައެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.