ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ، އަޒްހާން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު އޮޕަރޭޝަނެއްގައި މިއަދު 17:45 އެހާކަންހާއިރު އޭނާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކް ސަރަހައްދުންނެވެ. އެއީ އަޒްހާން އެންމެ ފަހުން ފެނުނު ރެޑްބުލް ދަނޑު ސަރަހައްދެވެ.
އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ. އަދި އޭގެ ކުރިން އާންމު ރައްޔިތެއްގެ ފަރާތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށެވެ.
އަޒްހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 19 ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު