ޔޫއެފާ ނޭޝަންސް ލީގުގެ ޓަޔާ އޭގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު އަލްވާރޯ މޮރާޓާ ޖެހި ގޯލާއެކު ޕޯޗުގަލް ކަޓުވާލައި، ސްޕެއިނުން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

ޕޯޗުގަލްގެ ބްރާގާގައި ރޭ ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާއާއެކު ގްރޫޕް ސްޓޭޖު ސްޕެއިނުން ނިންމާލީ ހަ މެޗުން 11 ޕޮއިންޓާއެކު އެއްވަނައިގައެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު ބޭއްވި ނޭޝަންސް ލީގުގެ ޗެމްޕިއަން އެ ގްރޫޕުގެ ދެވަނައިގައި ނިންމާލީ ހަ މެޗުން 10 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗަށް ނުކުތް އިރު ޕޮއިންޓަކުންވެސް ޕޯޗުގަލްއަށް ސެމީ ޔަގީން ކުރެވެން އޮތްއިރު، މެޗުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނީވެސް އެޓީމުންނެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޑިއޭގޯ ޖޮޓާއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވި ދިޔަ އިރު، ފަހު ހާފުގައި ޖޮޓާ ޖެހި ބާރު ހަމަލާއެއް ސްޕެއިންގެ ގޯލްކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ.

ޕޯޗުގަލްއިން ރަނގަޅަށް ކުޅެމުން އަންނަނިކޮށް، ސްޕެއިނަށް ހިތްވަރު ހޯދައިދިނީ ބަދަލަކަށް ކުޅެން ނުކުތް އިނާކީ ވިލިއަމްސްއެވެ. އެތުލެޓިކޯ ބިލްބާއޯގެ ފޯވަޑް ސްޕެއިން ޖާޒީގައި ފުރަތަމަ ކުޅުނު މެޗަށް ރޭ ނުކުމެ، އޭނާ ވަނީ ޕޯޗުގަލްއަށް ނުރައްކާވެސް ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނެޓުގައި މޮރާޓާ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީވެސް އޭނާއެވެ. އިނާކީ ވިލިއަމްސް އޭރިއާ ތެރެއިން ބޮލުން ޖައްސާލި ބޯޅައަށް ހުސްކޮށް އަރާ މޮރާޓާ ގޯލަށް ބޯޅަ ވައްދައިލީ ފަސޭހަކަމާއެކުގައެވެ.

މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ސްޕެއިންގެ އިތުރުން މިފަހަރުގެ ނޭޝަންސް ލީގުގެ ސެމީ ޔަގީންކުރި ޓީމުތަކަކީ ކްރޮއޭޝިއާއާއި އިޓަލީގެ އިތުރުން ނެދަލޭންޑްސްއެވެ.