އަންނަ އަހަރު ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އުތުރުގައި އެންމެ ވަރުގަދަ އިގުތިސޯދެއް އޮތީ އިހަވަންދޫގައި ކަމަށާއި އިހަވަންދޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި ސަރަހައްދުގައި އޮތް އެންމެ ދިރުން ހުރި އެއް އިގުތިސޯދަކީ އިހަވަންދޫ. އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ހައްލުކޮށްދޭން ޖެހޭ. މި ދެންނެވި މަޝްރޫއު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ، މި ސަރަހައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ގެންދަނީ ކުޅުދުއްފުށި ސިޓީގެ ތަރައްގީއަށް ވެސް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ސަރުކާރުގެ އަމާޒަކީ އުތުރުގެ އިގުތިސޯދީ ހަބެއްގެ ގޮތުގައި ކުޅުދުއްފުށި ތަރައްގީކުރުމެވެ.
ރައީސް ސޯލިހު މިރޭ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ ބަނދަރެއްގެ ނަމުގައި ކުރެވޭ އިސްރާފެއް ކަމަށާއި ނަމަވެސް ސަރުކާރުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު ކުޅުދުއްފުށި ބަނދަރަށް މުދާ ބާލަން ފަށާފައިވާ ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަށް ސަރުކާރުން ގެންނަ ބޮޑު ބަދަލެއްގެ ގޮތުގައި ކުޅުދުއްފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ނިމުމާއެކު ބޮޑު ތިލަދުންމަތީގެ އިގުތިސޯދު ރަނގަޅުވެ، ކުދި ވިޔަފާރިތަކަށް ފައިދާ ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.