ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ސްރި ލަންކާ މިޝަންގެ ބައްދަލުވުމަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

މަޖިލީހުން މިރޭ ބުނީ ލަންކާގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުފުޅުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ މަސައްކަތް މިދިޔަ މޭމަހުގެ 19 ވަނަ ދުވަހު ވަނީ ނަޝީދާ ހަވާލު ކޮށްފައެވެ. އެމަސައްކަތް ނަޝީދާ ހަވާލުކުރެއްވީ، އެމަނިކުފާނުގެ އެދިވަޑައިގެންނެވުމުގެ މަތީން އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. ނަޝީދުގެ އެ ހުށަހެޅުއްވުން ބަލައިގަނެ ނަޝީދުގެ އިސްނެންގެވުމަށާއި އެއްބާރުލެއްވުމަށް ރަނިލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ސްރީ ލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް އެންމެ މުހިންމީ ސިޔާސީ ހަމަޖެހުންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމުގެ ބޭނުމުގައި ނަޝީދު ވަނީ އެގައުމުގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވައިފައެވެ.

ނަޝީދު ވަނީ ލަންކާއަށް އެހީ ހޯދުމުގެ ގޮތުން ގައުމުތަކުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފައެވެ. ނަމަވެސް އެއިން އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެއްބަސްވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވި އިރު ލަންކާއަށް ވަރަށް ގިނައިން އެމަނިކުފާނު ވަޑައިގަންނަވައެވެ. އަދި ފަހުން ވަނީ އެގައުމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވެސް އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސްރީ ލަންކާގައެވެ.

ލަންކާއަކީ ރާއްޖެއާ އެންމެ އަވައްޓެރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އަބަދުވެސް ރާއްޖޭގެ އެހީތެރިކަން އެގައުމަށް ލިބޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިއެވެ.