ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް އޮތް މާއްދާ އިސްލާހު ކުރަން މި ހަފުތާގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ގާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި، އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެގޮތުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ފަދައިން، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ހިމެނުން،" އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އޭޖީ އޮފީހުން ބުނީ އަދި ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުމަށާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
"އިސްވެ ދެންނެވި އިސްލާހުތައް ގެނައުމަށް އެކުލަވާލާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ވަނީ އެކުލަވާލާފައި. އެ ބިލު މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ ވާހަކަ ދަންނަވަން،" އޭޖީ އޮފީހުން ބުންޏެވެ.
މަސްދަރު ހާމަކުރާ މާއްދާ އިސްލާހުކުރަން މިހަފުތާގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިރު، އެ މާއްދާ އިސްލާހުކުރައްވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު ދިނުމަށް މިމަހުގެ 15 ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައިވަނީ އެ މައްދާއާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންނަށް މިހާރު ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށާއި ސަރުކާރުން ނޫސްވެރިކަމަށް އަތްގަދަ ކުރާނެ ޖާގައެއް ނެތްކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
މަސްދަރު ހާމަކުރަން ޖެހޭގޮތަށް ހެއްކާބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް އެ ބިލް ތަސްދީގުކުރައްވާފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެއެވެ.