މި ސަރުކާރުން ގޭންގުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގޭންގުތަކުގެ އެހީއާ ނުލައި ކަމަށާއި ދެމި އޮންނާނީ ވެސް ގޭންގުތަކުގެ އެހީއާ ނުލައި ކަމަށެވެ. ގޭންގުތަކުގެ މައްސަލައަކީ ޒަމާނުއްސުރެ މޫލައި، ހަރުލާފައިވާ ސީރިއަސް، ބޮޑު މައްސަލައެއް ކަމަށާއި ގޭންގުތައް ހުއްޓުވަން ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލުކުރެވިފައި ނުވާތީ ރައްޔިތުން ކަންބޮޑުވުން އެކަމުގައި އޮންނަ ކަމަށެވެ. އެހެންވެ ގޭންގުތައް ހުއްޓުވުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ތީގަ ހަމަ ވަރަށް ސާފުކޮށް ދަންނަވަން އޮތީ މި ސަރުކާރެއް އިރާދަކުރެއްވިއްޔާ ގޭންގުތައް ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ވަރަށް ސާފު އިގޭތޯ. އެހެންނަމަވެސް މީ މުޖުތަމައުގެ އެތައް އަހަރަކުއްސުރެ މޫލައި ހަރުލާފައި އޮތް ސީރިއަސް ބޮޑު މައްސަލައެއް. އެކަންތައްހުއްޓުވައި ނޫނީ ބޮޑު ބަދަލެއް ގެނައުމުގައި ވަރަށް ބައިވަރު މަސައްކަތް ބޭނުންވޭ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން މާލޭގައި ބިރުވެރިކަން އުފެދިގެން ދިޔަ ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި އެ ގޭންގު ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ފުލުހުންގެ ހާއްސަ ފައުޖަކުން ފޯރިމަރަން ޖެހުނު ކަމަށެވެ.
"ހާއްސަކޮށް ރޭގަނޑު އިރުއޮއްސުމާ އެކު ހަމަ ވަޅިތައް ހިފައިގެން ނުކުމެ ކަނޑިތައް ހިފައިގެން ނުކުމެ މަގުމަތީ ދުވަމުން އެދުވަސްވަރު ދިޔައީ. ފުލުހުންގެ ސްޕެޝަލް ފޯސްއެއް އެކަމަށް ކަނޑައެޅި އެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުން ގެންދިޔަ. އަޅުގަނޑު ދެންނެވީ އެންމެ ވާހަކައެއް ފުލުހުންނަށް. އަޅުގަނޑުމެން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދެވެންދެން މީހަކު މަރުވިޔަ ނުދީ ތިބޭފުޅުން ބަލަހައްޓައިދޭށޭ،" އިމްރާން ވިދާޅުވިއެވެ.
"އެ ގޭންގު ރޫޅި ދެބައިވި މައްސަލަ ދިރާސާކުރުމުން ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުން ތިބޭކަން އެނގުނު، އެހާ ހިސާބުން ގޭންގުތައް ހުއްޓުވުމަކީ ހަމައެކަނި ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ކުރެވޭނެ މަސައްކަތެއް ނޫންކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ ގޭންގާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ގެންނެވިން،" ކަމަށް އިމްރާން ވިދާޅުވިއެވެ.
ޕްރެޒެންޓޭޝަން ބެއްލެވުމަށްފަހު ގޭންގުތަކާ ދެކޮޅަށް ޓާސްކްފޯހެއް އެކުލަވާލައި އެ ޓާސްކުފޯހުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ގެންދާ ގޮތަށް އެމަނިކުފާނު ނިންމެވި ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރު ގޭންގުތަކުން އާ މެމްބަރުން ރެކްރޫޓް ކުރުމަށް ކުރާ މަސައްކަތް ދެނެގަނެވި، އިންޓެލިޖެންސުން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. އަދި ގޭންގުތަކަށް ވަންނަން ބޭނުންވާ މީހުންގެ ހަރަކާތްތައްވެސް އިންޓެލިޖެންސުން ބަލަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ގޭންގުތަކުގެ މެމްބަރުން ރިހިބިލިޓޭޓް ކުރުމަށް މުޅި ދައުލަތް ގުޅިގެން ޕްރޮގްރާމެއް ފަށާނެ ކަމަށާއި އެކަމަށް ސިންގަފޫރުގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ތެރެއިން ގޭންގުތަކުގެ މެމްބަރުން ރިހިބިލިޓޭޓް ކުރަން މިނިސްޓްރީން ބޭނުންވާ ކަމަށާއި ޖަލުގައިވެސް ގޭންގުތަކުގެ މެމްބަރުން ގެންގުޅޭނީ އެ މިންގަނޑުން ކަމަށެވެ.
އިމްރާން ވިދާޅުވީ އެ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވާ ޔުނިޓެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. ނަމަވެސް ގޭންގުތަކުގެ މެމްބަރުންގެ ތެރެއިން ރިހިބިލިޓޭޓްވާން ބޭނުންނުވާ މީހުން މުޖުތަމައުން އެކަހެރި ކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ތިން ފުލުހަކަށް ހަމަލާދީފައެވެ. ފުލުހުންނަށް ހަމަލާދީފައިވަނީ ފަތިބުރި އާއި ލަކުޑުބުރި ބޭނުންކޮށްގެންނެވެ. ގޭންގަކުން އެ ފުލުހުންނަށް ހަމަލާދިނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިނގި އޮޕަރޭޝަނަކާ ގުޅިގެންނެވެ.
މީގެ އިތުރުން ގްރޫޕު ހަދައިގެން ރާވައިގެން ކުށްކުރާ މާފަންނަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން އެ ގުރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެވަނީ ފުލުހަކަށް މަރުގެ އިންޒާރުދީފައެވެ. އަދި ފަހުން އެ ގްރޫޕު މީހުން ވަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވަފައެވެ. އެމައްސަލައިގައި ފުލުހަށް އިންޒާރުދިން މީހާ ވަނީ ކޯޓުން ދޫކޮށްލައިފައެވެ.