ޚަބަރު

ސަރުކާރުގެ ރައްދު ނަޝީދަށް: ރައީސް ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަން ކޮށްދެއްވާނެ

މުހައްމަދު އިޝާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަން ކޮށްދޭވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިގޮތަށް ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން ހައުންސިން އެންޑް އިންފްރާންސްތްރަކްޗާ މުހައްމަދު އަސްލަމާ ސުވާލު ކުރުމަށް ކުރިއަށް ގެންދިޔަ ވަގުތުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާކަހަފުޅާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ބަލަން ޖެހޭނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތައް އެކަނި ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން ވަރަށް ގިނައިން ވިދާޅުވޭ، ރިޔާސީ ވައުދުގެ ގޮތުގައި ވެފައިވާ ވައުދުތައް، އާއްމު އުސޫލުން ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދު ތަކަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް، އިއްޒަތްތެރި މެންބަރުން ވިދާޅުވޭ އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވިކަމަށް، އެއީ ވަައުދެއްކަމަށް، އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި ބަލަން މިޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް އެގޮތަކަށް ކޮށްދެއްވާނެ ކަމަށެވެ.

"ރައީސް ވެވަޑައިގެންނެވި ވައުދެއް ފުއްދާނެ، ކޮށްދެއްވާނެ ކަމަށް ވިދާޅުވިކަމެއް ކޮށްދެއްވާނެ،" މިއުވާން ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުވީމާ މި މަޖިލީހުގައި އެއީ ވައުދެއްކަމަށް ނުވަތަ ގާނޫނެއް ކަމަށް ނުވަތަ ހުކުމެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ، އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން،" ކަމަށެވެ.