ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި އެކުއްޖާގެ މާމަ، އަޒީޒާ އިބްރާހީމް އާއި ދޮންކާފަ، އަބްދުއްއަފޫރު ގާސިމް 10 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މަރުގެ މައްސަލައަކީ 2013 ވަނަ އަހަރު ތެރޭގައި 15 އަހަރުގެ ކުއްޖަކު ވިހެއި ކުއްޖަކު މަރާލި މައްސަލައެކެވެ. އެ ކުއްޖާ މަރާލުމަށްފަހު އަޒީޒާ އާއި ގާސިމް ވަނީ އެ ކުއްޖާ ގިފިލި ތެރޭގައި ވަޅުލައިފައެވެ. އެހެންވެ ދައުލަތުގެ ފަރާތުން ވަނީ އަޒީޒާ އާއި ގާސިމުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. އެހެންވެ އެ ދެ މީހުން 10 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލާން ހުކުމްކުރިއެވެ.
އެ މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް އެ މީހުން ބަންދުކޮށްފައިވާތީ އެ މީހުން ބަކީ ޖަލުގައި ހޭދަކުރަން ޖެހޭނީ އަހަރެއްހާ ދުވަހެވެ.
ޖަލަށްލުމުގެ އިތުރުން އެ ދެ މީހުން އެއް މިލިއަން ރުފިޔާއިން ޖޫރިމާނާކޮށް އެ ފައިސާ އެއް އަހަރު ތެރޭގައި ދައްކައި ހަލާސްކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. އެ ކުށުގެ ކައްފާރާގެ ގޮތުގައި ދިވެހިރާއްޖޭގެ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" ދަށުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަކީ އަޒީޒާ އާއި ގާސިމަށް އޮތް ކަމެއް ކަމަށްވާތީ އެކަން ކުރުމަށް ވެސް ކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.
ދައުލަތުން ވަނީ ތުއްތު ކުއްޖާގެ މަންމަގެ މައްޗަށް ޒިނޭ ކުރުމުގެ ދައުވާކޮށްފައެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކުރިއެވެ. ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހުކުމްކޮށްފައި ވަނީ ޒިނޭގެ ކުށް ސާބިތުނުވާ ކަމަށެވެ.