ޕީއެސްޖީ

ޕީއެސްޖީ މޮޅުވީ މެސީގެ ގޯލުން

ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ގޯލުން ލިޔޯންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރަނގަޅު ފޯމެއްގައި ސީޒަން ފެށި ޕީއެސްޖީން ރަށުން ބޭރުގައި ލިޔޯން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި އަށް މެޗު ކުޅުނު އިރުވެސް ޕީއެސްޖީ ބަލިވެފައި ނުވާ އިރު، އަށް މެޗުން އެޓީމަށް ވަނީ 22 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މާސޭއަށް އަށް މެޗުން 20 ޕޮއިންޓް ލިބިފައި އޮތް އިރު، މެޗުން ބަލިވި ލިޔޯންއަށް އަށް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. އެޓީމު އޮތީ ހަވަނައިގައެވެ.

މެޗު ފެށިގެން ފަސް މިނެޓް ތެރޭގައި ޕީއެސްޖީން ލީޑު ނަގައިފިއެވެ. ވަން ޓޫ ޕާސްތަކެއް އޭރިއާ ބޭރުން ކަހަލަ ގޮތަކަށް ޖަހައި، ނޭމާ ދުއްވާލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ގޯލު ހުޅުވާލީ މެސީއެވެ. ރޭގެ މެޗުގައި ނޭމާ ހެދީ އޭނާ ސީޒަނުގައި ހެދި ހަތް ވަނަ އެސިސްޓެވެ. އަދި އެއީ މި ސީޒަނުގެ މިހާތަނަށް މެސީ ޖަހައިދިން ހަވަނަ ގޯލެވެ.

ރޭގެ މެޗުގެ ބާކީ ބައިގައިވެސް ނުރައްކާ ކުރީ ޕީއެސްޖީންނެވެ. ނޭމާއާއި ކިލިއަން އެމްބާޕޭގެ ބާރު ހަމަލާތަކެއް ލިޔޯންގެ ގޯލްކީޕަރު އެންތޮނީ ލޮޕޭޒް މަތަކުރި އިރު، މެސީގެ އިތުރު ދެ ބޯޅައެއްވެސް އޭނާ މަތަކޮށް ބޭރުކޮށްލިއެވެ.

ލިޔޯންއިން ދެވަނަ ހާފުގައި ގޯލަކަށް އެންމެ ގާތްކުރީ އެލެކްސެންޑްރާ ލަކަޒެޓް ބޮލުން ޖެހި ބޯޅައެއްގައެވެ. ނުރައްކާތެރި ހުރަހަކުން ލިބުނު އެ ފުރުސަތުގައި ލަކަޒެޓް ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރުވެގެންނެވެ.

މެޗުގެ ފަހު މިނެޓުގައި މެސީ ޖެހި ހިތްގައިމު ހިލޭ ޖެހުމެއް ގޯލުގެ ކަނަށް ދަނިކޮށް މަތަކުރީ އެންތޮނީ ލޮޕޭޒްއެވެ. އޭނާ އަތުގައި ޖެހިފައި ދިޔަ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.