Close
ސްޕެނިޝް ލަލީގާ

އެތުލެޓިކޯ ދަނޑުގައި "ނަށާލައި" ރެއާލްއިން އަނެއްކާވެސް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު ފޯރިގަދަ ޑާބީ މެޗުގައި ރެއާލް މެޑްރިޑުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ޑާބީ ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރެއާލްއިން މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. އެގޮތުން ލީގުގައި ކުޅުނު ހަ މެޗުންވެސް މޮޅުވެ، ރެއާލް ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ބާސާއަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައި އޮތް އިރު، ހަ މެޗުން 10 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ހަތް ވަނައިގައެވެ.

ރޭގެ މެޗުގެ ކުރިން އެންމެ ބޮޑަށް ލޯތައް އަމާޒުވެފައި އޮތީ ވިނީޝިއަސް ޖޫނިއާގެ ނެށުމަށެވެ. ވިނީޝިއަސް ގޯލު ޖަހައި އުފާފާޅުކުރީ ނެށުމަކުންނެވެ. އެ ނެށުމަކީ އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަކުރުމަށް ނެށި ނެށުމެއް ކަމަށް ބައެއް ކޯޗުން ސިފަކޮށްފައިވާ އިރު، ރެއާލް ކޯޗު ކާލޯ އެންސެލޯޓީ ވަނީ އެކަމުގައި ވިނީޝިއަސް ދިފާއުކޮށްފައެވެ. އެ މައްސަލަ އިތުރަށް ހޫނު ވެގެން ދިޔައީ އެލް ޗުރިންގުއިޓޯއަށް ސްޕެނިޝް ފުޓްބޯލް އެޖެންޓްސްގެ ރައީސް ޕެޑްރޯ ބްރާވޯ ދިން އިންޓަވިއުއަކުންނެވެ.

އެ އިންޓަވިއުގައި ބްރާވޯ ވަނީ ވިނީޝިއަސް "ރާމާމަކުނެއް" ގޮތުގައި ސިފަކޮށް ނަސްލީ ގޮތުން ދިމާވެސް ކޮށްފައެވެ. އެ ވާހަކައިގެ ތެރެއިން ގޮސް، އެތުލެޓިކޯގެ ކެޕްޓަން ކޮކޭ ވެސް ވަނީ ރޭގެ މެޗުގެ ކުރިން "އެތުލެޓިކޯ ދަނޑުގައި ވިނީޝިއަސް ނަށައިފި ނަމަ، މައްސަލަ ގޯސްވާނެ،" ކަމަށް ބުނެފައެވެ.

އެކަން ޗެލެންޖަކަށް ނަގައި ރޭގެ މެޗަށް ނުކުތް ރެއާލްއިން 18 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މެދުތެރެއިން އޮރެލިއެން ޗުއެމެނީ ދުއްވާލި ބޯޅައިގައި ލީޑު ނެގީ ރޮޑްރީގޯއެވެ. ބްރެޒިލްގެ ރޮޑްރީގެ ގޯލާއެކު ވިނީޝިއަސްއާ އޭނާއެކުގައި ނެށުމުގައި އުފާފާޅުކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއިން ނަތީޖާ ފުޅާކުރިއެވެ. ވިނީޝިއަސް ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުމުން ރީބައުންޑްގައި ގޯލު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެތުލެޓިކޯން ވަނީ މެޗު ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެ، ގޯލެއްވެސް ޖަހައިފައެވެ. އެޓީމުގެ ގޯލު ފެނުނީ 83 ވަނަ މިނެޓުގައި މާރިއޮ ހާމޯސޯ ފަރާތުންނެވެ. އޭނާ ގޯލު ޖަހައި އެތުލެޓިކޯއަށް އުންމީދެއް ހޯދައިދިން ނަމަވެސް 91 ވަނަ މިނެޓުގައި ރަތް ކާޑެއް ހޯދިއެވެ.

މި ސީޒަނުގެ ކުރިން ރެއާލްއިން ލީގުގެ ފުރަތަމަ ހަ މެޗުން މޮޅުވީ 1987-88 ވަނަ އަހަރު ސީޒަނުގައެވެ.