ޕީއެސްޖީ

ނޭމާ ފޮނުވާލަން އެމްބާޕޭ ޑިމާންޑެއް ނުކުރޭ: ކެމްޕޯސް

ޕީއެސްޖީން ނޭމާ ފޮނުވާލަން އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، އެއްވެސް އިރެއްގައި ނުބުނާ ކަމަށް ކްލަބުގެ އެޑްވައިޒަރު ލުއިސް ކެމްޕޯސް ބުނެފިއެވެ.

ނޭމާ އާއި އެމްބާޕޭއާ ދެމެދު މައްސަލަ ގޯސްވި ކަމަށް ނޫސްތަކުން މިދިޔަ ސީޒަނުގެ ތެރޭގައި ރިޕޯޓު ކޮށްފައިވެއެވެ. އެ މައްސަލަތަކާ ހެދި ކްލަބު ދޫކޮށްލަން ނޭމާ މަސައްކަތް ކުރި ކަމަށްވެސް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. އަދި ހާއްސަކޮށް ރެއާލް މެޑްރިޑަށް އެމްބާޕޭ ނުގޮސް މަޑުކުރި އެއް ސަބަބަކީ ޕީއެސްޖީން ނޭމާ ފޮނުވާލާނެ ކަމަށް އެއްބަސްވުމުން ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް ޕީއެސްޖީއަށް ޓެކްނިކަލް ލަފާދޭ ކެމްޕޯސްގެ ނަޒަރުގައި އެއީ އެކަން ހިނގި ގޮތެއް ނޫނެވެ. މިދިޔަ ޓްރާންސްފާ ސީޒަނުގައި ޕީއެސްޖީ ދޫކޮށްލަން ނޭމާ އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށް ކެމްޕޯސް ބުނި އިރު، އޭނާ ބުނީ ޕީއެސްޖީން ކުރިއަށް ކުޅޭ ތިން ކުޅުންތެރިންނަށް އެއްވަރަކަށް ބަރޯސާވާނެ ކަމަށެވެ.

"އަހަރެންވެސް އަޑުއެހިން ނޭމާ ފޮނުވާލަން އެމްބާޕޭ ޑިމާންޑް ކުރި ކަމަށް ދެކެވުނު ވާހަކަ. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް. ކުރިއަށް ކުޅޭ ނޭމާ އާއި މެސީ، އަދި އެމްބާޕޭއަށްވެސް ބަރޯސާވާނެ ޕީއެސްޖީން. މިދިޔަ ސީޒަނުގައި އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރި ކުޅުންތެރިޔާ. އޭރު މެސީ ދިޔައީ ހޭނެމުން. އަދި ނޭމާގެ ނަން ހަނދާން ނައްތާލައިގެން ނުވާނެ. އެއީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެ ތިން ކުޅުންތެރިން އެކުގައި މިހާރު ތިބީ ފޯމުގައި،" ކެމްޕޯސް ބުންޏެވެ.

މިދިޔަ ސީޒަނުގެ މެޗުތަކުގައި މެސީ އާއި ނޭމާ އަދި އެމްބާޕޭގެ އެކުވުން އެންމެ ރަނގަޅަށް ނުފެނުނު ނަމަވެސް، މި ސީޒަނުގެ މިހާތަނަށް އެ ތިން ކުޅުންތެރިންގެ ފަރާތުންވެސް ފެނިފައިވަނީ އާދަޔާ ހިލާފު ތަފާތު ކުޅުމެކެވެ. މިސީޒަނުގައި މެސީ ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ތިން ގޯލު ޖަހައި ހަތް އެސިސްޓް ފުރިހަމަކޮށްފައެވެ.

އެމްބާޕޭ ވަނީ ހަ މެޗުން ހަތް ގޯލު ޖަހައިފައެވެ. އަދި ނޭމާ ވަނީ ހަތް މެޗުގައި އަށް ގޯލު ޖަހައި، ހަ އެސިސްޓް ހަދައި ދީފައެވެ. ކުރިއަށް ކުޅޭ އެ ތިން ކުޅުންތެރިންގެވެސް އެކުވުން ވަރަށް ފުރިހަމައަށް މި ސީޒަނުގައި ފެންނަމުންދާ އިރު، ކެމްޕޯސް ބުނީ ޕީއެސްޖީގެ ކުރިމަގަށް އޮތް ޕްރޮޖެކްޓަށް ނޭމާ އާއި އެމްޕާބޭ އަދި މެސީގެ ދައުރުވެސް ބޮޑުވާނެ ކަމަށެވެ.