ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީއާއި ޕީއެސްޖީވެސް މޮޅުވި އިރު، ޗެލްސީން ރެޑްބުލް ސާލްސްބާގު ކައިރީ އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ސިޓީން ރޭ އަމިއްލަ ދަނޑުގައި ޑޯޓުމަންޑް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ގްރޫޕް އެޗްގައި ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި މަކާބީ ހައިފާ ބަލިކުރީ ފަހަތުން އަރައި 3-1ގެ ނަތީޖާއަކުންނެވެ. ޗެލްސީން މި ސިޒާނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތްއިރު، އަމިއްލަ ދަނޑުގައި ރޭ ސާލްސްބާގް އަތުން އެއްވަރުވީ 1-1 އިންނެވެ.

ސިޓީން ގްރޫޕް ޖީގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައި އޮތް އިރު، އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ސިޓީ މޮޅުކޮށްދިނުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރީ ކުރިން ޑޯޓުމަންޑަށް ކުޅުނު އާލިން ހާލަންޑެވެ. ރޭގެ މެޗު އެއްވަރުވާން ދަނިކޮށް ދެވަނަ ހާފުގައި އޭނާ ޖެހި ގޯލަކީ އާދަޔާ ހިލާފު ހިތްގައިމު ގޯލެކެވެ.

ޖާއޯ ކާންސެލޯ ފައިގެ ބޭރު ފަރާތުން އަރިމަތިން ހުރަސްކޮށްލި ބޯޅަ ހާލަންޑް ގޯލަށް ވައްދާލީ ވައި ތެރޭގައި ބޯޅަ އޮއްވައި، ފުންމައިގެން އަރައި ބޫޓު އަރިމަތިން ބޯޅައިގައި ޖައްސައިގެންނެވެ.

ރޭގެ މެޗުގައި ޑޯޓުމަންޑަށް އާދަޔާހިލާފަށް ރަނގަޅަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލާއެކުވެސް ޑޯޓުމަންޑަށް ސިޓީ ނުހިފެހެއްޓުނެވެ. ހާލަންޑް ފަހު ގޯލު ޖެހުމުގެ ކުރިން ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯން ސްޓޯންސްއެވެ.

އުމުރުން އެންމެ 22 އަހަރުގެ ހާލަންޑް ރޭގެ މެޗުގައި ޖެހި ގޯލަކީ މި ސީޒަނުގައި ސިޓީއަށް ޖަހައިދިން 13 ވަނަ ގޯލެވެ. އަދި އެ ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ކުޅުނު 21 މެޗުން ޖެހި 26 ވަނަ ގޯލެވެ.

ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އިސްރާއީލްގެ މެކަބީ ހައިފާއިންނެވެ. ޖަރޯން ޗެރީ ޖެހި އެ ގޯލާއެކު މެކަބީން ލީޑު ނެގި ނަމަވެސް ލިއޮނަލް މެސީ ވަނީ 37 ވަނަ މިނެޓުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އާދަޔާހިލާފު ފޯމެއްގައި މިވަގުތު ހުރި މެސީއަކީ މިހާތަނަށް ޖެހިޖެހިގެން 18 ޗެމްޕިއަންސް ލީގެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

އޭގެ އިތުރުން މެސީ ވަނީ އިތުރު ރެކޯޑެއްވެސް ހަދައިފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގައި 39 ޓީމެއް ކޮޅަށް މެސީ ގޯލު ޖަހައިފައިވާ އިރު، އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ޓީމުތައް ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.

ޕީއެސްޖީން ރޭގެ މެޗުގައި ޖެހި އަނެއް ދެ ގޯލު ޖެހީ ނޭމާއާއި ކިލިއަން އެމްބާޕޭއެވެ. އެ ދެ ގޯލުގައިވެސް މެސީގެ ހިއްސާ ބޮޑެވެ. ޕީއެސްޖީން ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ގްރޫޕް އެޗްގައި ރޭ ބެނިފީކާ އިން 2-1 އިން ޔުވެންޓަސް ބަލިކުރި އިރު، ބެނިފީކާއަށްވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ޗެލްސީން ގްރޫޕް އީގައި ރޭ ކުޅުނު މެޗަށް ނުކުތީ އާ ކޯޗު ގްރެހަމް ޕޮޓާގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ގޮސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގީ ރަހީމް ސްޓާލިންގެ ގޯލުންނެވެ. އެ ގޯލާއެކު މޮޅަކާ ދިމާލަށް ދަނިކޮށް ސާލްސްބާގުން ވަނީ 75 ވަނަ މިނެޓުގައި ނޯއާ އޮކޮފޯގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފައެވެ.

ޗެލްސީ ހިމެނޭ ގްރޫޕުގައި އޭސީ މިލާނުން ރޭ ކުޅުނު މެޗުގައި ޑައިނަމޯ ޒަގްރަބް ކައިރީ 3-1 އިން މޮޅުވި އިރު، އެއްވަނައިގައި އޮތީވެސް މިލާނެވެ. އެ ގްރޫޕްގެ ދެވަނައިގައި ޒަގްރަބް އޮތް އިރު، ޗެލްސީ އޮތީ ފުލުގައެވެ.