ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ލިވަޕޫލް މޮޅުވެއްޖެއެވެ.

މިރޭ ގްރޫޕް ޑީގައި ބަޔާން ކުޅުނު މެޗުގައި ބާސާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން ގްރޫޕް އޭގައި އަޔެކްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭ ބަޔާން ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާއާ އެކު އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބާސާ އާއި ބަޔާން ކުރިމަތިލި ފަސް މެޗުވެސް ކާމިޔާބު ކޮށްފައި ވަނީ ބަޔާންއިންނެވެ. އެންމެފަހުން ބަޔާން ކައިރީ ބާސާ މޮޅުވީ 2014-15 ވަނަ އަހަރު ސީޒަންގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުންނެވެ.

ބާސާ އާއި ބަޔާނަކީ ޗެމްޕިއަންސް ލީގުގައި ފާހަގަކޮށްލެވޭ ވާދަވެރި މެޗުތަކެއް ކުޅެފައިވާ ދެޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް ބަޔާން އާއި ބާސާ ވާދަކުރަން ޖެހުނު އިރު، އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ބަޔާންއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ބާސާ އާއި ބަޔާންގެ އެންމެ ހަނދާނީ ކުރިމަތިލުމަކީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެ ދެޓީމުގެ ކުރިމަތިލުމެވެ. އެފަހަރު ބަޔާން ވަނީ ބާސާ ލަދުގަންނަވާލައި 8-2 އަކުން އެ ޓީމް ބަލިކޮށްފައެވެ. އޭރު ބަޔާން ޓީމުގެ އެޓޭކްގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ފޯވަޑް ރޮބާޓް ލެވަންޑޯސްކީ މިހާރު ހުރީ ބާސާގައެވެ. އޭނާ ބަޔާން ދޫކޮށްލީ މި ސީޒަނަށެވެ. މިރޭގެ މެޗުގެ ކުރިން ލެވަންޑޯސްކޯއަށް ސަމާލުކަން ހުއްޓިފައި އޮތީ އެހެންވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅަށް ފަށައި އެންމެ ގިނަ ފުރުސަތުތައް ލިބުނީވެސް ލެވަންޑޯސްކީއަށެވެ. މުޅިން ހުސް ފުރުސަތުތަކެއް އޭނާއަށް ލިބުނު އިރު، ރަނގަޅު ދެ ހަމަލާއެއް ބަޔާން ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ލިބުނު ފަހި ފުރުސަތުތަކެއް އޭނާއަށް ބޭނުން ނުކުރެވި ދިޔަ އިރު، ޕެޑްރީގެ ހަމަލާވެސް މަތަކުރީ ނޯޔާއެވެ.

އަނެއްކޮޅުން ބަޔާންގެ ހަމަލާތައް ހާފުގެ ފަހުކޮޅުގައި ފެނުނު އިރު، ލެރޮއީ ސާނޭ އާއި ޖަމަލާ މުސިއެލާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔައެވެ.

ދެވަނަ ހާފަށް ބަޔާން ނުކުތީ މާސަލް ސަބިޓްޒާގެ ބަދަލުގައި ލެއޮން ގޮރެޓްޒްކާ ކުޅުމަށް ނެރެގެންނެވެ. އެބަދަލާ އެކު މެދުތެރޭގެ ކުޅުން ރަނގަޅުކޮށް، ބަޔާންއިން ބާސާ ފަހަތަށް ބާރުބޮޑު ކޮށްލިއެވެ. ހާފުގެ ކުރީކޮޅުގައި ސާނޭގެ ބާރު ހަމަލާއެއް ބާސާގެ ގޯލްކީޕަރު ޓާ ސްޓާގަން މަތަކުރި އިރު، ކޯނަރެއްގެ އެހީގައި ބަޔާން ވަނީ 50 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ.

ޖޯޝުއާ ކިމިކް ނަގައިދިން ކޯނަރު ބޮލުން ގޯލަށް ވައްދާލީ ލޫކަސް ހެނާންޑޭޒްއެވެ. އަދި އެ ގޯލާއެކު ބާސާއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް، 54 ވަނަ މިނެޓުގައި ބަޔާންއިން ނަތީޖާ ފުޅާވެސް ކުރިއެވެ. ޖަމާލް މުސިއެލާ މެދުތެރެއިން ތަނަވަސްކުރި ރަނގަޅު ފުރުސަތެއްގައި ދެވަނަ ގޯލު ޖަހައިދިނީ މެޗުގައި މޮޅަށް ކުޅުނު ސާނޭއެވެ.

އޭގެ ފަހުން ބާސާއިން ފްރެންކީ ޑި ޔޯންގް ކުޅުމަށް ނެރެ މެދުތެރެއިން ހަމަލާތައް ރަނގަޅުކުރަން ކުރި މަސައްކަތުގައި ހުސް ދެ ފުރުސަތެއް ލިބުނު ނަމަވެސް ޕެޑްރީގެ ހަމަލާ އާއި ޑިޔޯންގްގެ ހަމަލާވެސް ވީ ބޭކާރެވެ.

ބަޔާންއިން މިއަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޓަ ބަލިކޮށްފައި އޮތް އިރު، އެޓީމު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. ބާސާ ދެވަނައިގައި އޮތީ ދެމެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުގައި މިރޭ އިންޓައިން ކުޅުނު މެޗުގައި ވިކްޓޯރިއާ ޕިޒެން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ބަޔާންއިން އެންމެފަހުން 2020 ވަނަ އަހަރު ތަށި ނެގި އިރު، ބާސާއަށް ޗެމްޕިއަންސް ލީގު އެންމެފަހުން ހޯދުނީ 2015 ވަނަ އަހަރެވެ.

ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި އަޔެކްސްއާ ދެކޮޅަށް ނުކުތީ ފުރަތަމަ މެޗުގައި 4-1 އިން ނަޕޯލީ އަތުން ބޮޑު ބައްޔެއް ވެފައި އޮވެގެންނެވެ. އަޔެކްސްއިން ފުރަތަމަ މެޗުގައި 4-0 އިން ރޭންޖާސް ބަލިކޮށްފައި އޮތް އިރު، ލިވަޕޫލަށް އޮތީ މޮޅެއް ހޯދުން މުހިއްމުވެފައެވެ.

މެޗު ރަނގަޅަށް ފަށައި ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. އެޓީމުން 17 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި ގޯލުން ލީޑު ނެގި ނަމަވެސް 27 ވަނަ މިނެޓުގައި އަޔެކްސްއިން އެއްވަރު ކުރިއެވެ. އަޔެކްސްގެ ގޯލު ޖަހައިދިނީ މުހައްމަދު ކުޑޫސްއެވެ. ސްޓީވަން ބާގުއިސް ދިން ބޯޅަ، ބާރު ސްޕީޑުގައި ކުޑޫސް ގޯލަށް ވައްދާލީ ދަނޑީގައި ޖައްސައިފައެވެ.

ދެވަނަ ހާފު ފެށިގެން ލިވަޕޫލުން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، އެތައް ފުރުސަތެއް ބޭކާރު ކޮށްލިއެވެ. ލުއިސް ޑިއާޒާއި ސަލާހްގެ އިތުރުން ބަދަލަށް ނުކުތް ޑާވިން ނުނޭޒާއި ވާޖިލް ވެންޑައިކަށް ލިބުނު ފުރުސަތުތައްވެސް ބޭކާރު ވެގެން ދިޔަ އިރު، ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ 89 ވަނަ މިނެޓުގައެވެ. ކޮންސްޓަންޓީނޯސް ސިމިކަސް ނަގައިދިން ކޯނަރުން ޖޯލް މަޓިޕް ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހައެވެ.

ގްރޫޕް އޭގެ އެއްވަނައިގައި ނަޕޯލީ އޮތީ ތިން ޕޮއިންޓާއެކުގައެވެ. އެޓީމުން މި ހަފުތާ ކުޅޭ މެޗުގައި މާދަމާ ރޭ ރޭންޖާސްއާ ދެކޮޅަށް ނުކުންނަ އިރު، ލިވަޕޫލް ދެވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކުގައެވެ. އަޔެކް އޮތީ ތިންވަނައިގައެވެ. އެޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.