ޚަބަރު

މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި، ދަނޑުވެރިންގެ ދުވަސް ކާށިދޫގައި

މުހައްމަދު އިޝާން

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ގދ. ފާރެސްމާތޮޑާގައި އަދި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތައް ކ. ކާށިދޫގައި ފާހަގަކުރަން ނިންމައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގޮތަށް ނިންމަވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެގޮތަށް ހުށަހެޅުއްވުމުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރަމުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ. ގާފަރުގައި ކަމަށްވާތީ، މިއަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުވައިލީ ދެކުނުގެ ރަށްތަކަށް ކަމަށެވެ.

ދެހާސްވިހި ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ރައީސް އޮފީހުން ބުނީ ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަސްވާތީ، ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި އެދުވަސް ވެސް ފާހަގަކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޮތަކެތީގެ ދުވަސް، ކާށިދޫގައި ފާހަގަ ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ކާށިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ.