ސްޕެނިޝް ލަލީގާ

މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި، ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި މަލޯކާ ބަލިކޮށް، އަނެއްކާވެސް ލީގުގެ އެއްވަނަ އަށް އަރައިފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލްއިން މަލޯކާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުންވެސް ރެއާލް މޮޅުވެފައިވާ އިރު، އެޓީމުން އެއްވަނަ މަގާމުގައި އޮތީ 15 ޕޮއިންޓާއެކުގައެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ ބަލިނުވެ ހިފަހައްޓަމުން އަންނަ ބާސެލޯނާއަށް ވުރެ މެޗެއް މަދުން ކުޅެ، ދެ ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ.

ބާސާއަށް ލީގުގެ ފުރަތަމަ މެޗުގައި ޕޮއިންޓް ގެއްލުނު ނަމަވެސް އޭގެ ފަހުން އަންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. އެހެން ނަމަވެސް ރެއާލުން ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ ރެކޯޑާއެކު އެޓީމަށް ރެއާލް ވައްޓާލެވިފައެއް ނުވެއެވެ.

ރެއާލްއިން މިރޭގެ މެޗަށްވެސް ނުކުތީ ޓީމުގެ ކެޕްޓަން، އަދި އެންމެ މުހިއްމު ކުޅުންތެރިޔާ ކަރިމް ބެންޒެމާ ނުލައެވެ. މިދިޔަ ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގުގައި ސެލްޓިކާ ދެކޮޅަށް ކުޅެ ރެއާލްއިން 3-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ބެންޒެމާ ބާލަން ޖެހިފައި ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެ އަނިޔާގެ ސަބަބުން ބެންޒެމާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ސާފުވެފައެއް ނުވެއެވެ.

ބެންޒެމާއާ ނުލައި ނުކުތް ރެއާލްގެ އެޓޭކް ލައިނުން ފެނުނީ އެޑެން ހަޒާޑާއި ރޮޑްރީގޯގެ އިތުރުން ވިނީޝިއަސް ޖޫނިއާއެވެ.

ރެއާލް ދަނޑުގައި މިރޭ ފުރަތަމަ ލީޑު ނެގީ މަލޯކާއިންނެވެ. ލީ ކާންގް-އިން އަރިމަތިން ނެގު ހުރަސް ބޮލުން ގޯލަށް ވައްދާލައި، މަލޯކާއަށް ލީޑު ނަގައިދިނީ ވެޑަޓް މުރިގީއެވެ. އެ ގޯލާއެކު މަލޯކާއިން ލީޑުގައި ހާފު ނިންމާލަން ދަނިކޮށް ފެޑަރީކޯ ވަލްވާޑޭގެ ޖާދުލާއެކު ރެއާލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ވަލްވާޑޭ އެ ގޯލު ޖެހީމެދު ރޮނގަށްވުރެވެސް ފަހަތުން ރެއާލް ހާފު ތެރެއިން ހިފައިގެން ދިޔަ ބޯޅައިގައި، އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ދެވަނަ ހާފުގައި ވަރުގަދަކޮށް ފެނުނު ރެއާލްއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ވިނީޝިއަސްގެ ގޯލުންނެވެ. އަދި އޭގެ ފަހުން ރޮޑްރީގޯގެ ހިތްގައިމު ގޯލެއް ފެނުނު އިރު، ހަތަރު ވަނަ ގޯލަކީ މި ސީޒަނަށް ޗެލްސީ ދޫކޮށް ރެއާލްއަށް ބަދަލުވި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ޖެހި ގޯލެކެވެ. ރުޑިގާގެ ގޯލަކީ ހިތްގައިމު ގޮތަކަށް ފޮނުވާލި ވޮލީއަކުން ކާމިޔާބުކުރި ގޯލެކެވެ.