އައިމިނަތު ޒާހިޔާ (ޒެޑޭ) ގެ ހަނދާން އެބަހުރި ހެއްޔެވެ: ހަނދާން އާކޮށްލަމާ ހިނގާށެވެ. ލ .ގަމަށް އުފަން ޒެޑޭއަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ލީޑަރެކެވެ. އޭރު ގައުމީ އަންހެން ޓީމުގެ ވައިސް ކެޕްޓަންވެސް މެއެވެ. ގައުމީ އަންހެން ފުޓުބޯޅަ ޓީމުން އުނދަގޫ ހާލަތެއްގައި ފެށި މަސައްކަތުގައި ހޯދި ކާމިޔާބީތަކުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. ހަގީގަތުގައިވެސް ޒެޑޭއަކީ ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުގެވެސް ލީޑަރެކެވެ.
ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ޒެޑޭ ދަނޑުމަތިން ގެއްލުނީވެސް ގައުމީ ޓީމުގެ ހިދުމަތުގައި ދިމާވި ހިތި ތަޖުރިބާއެއްގެ ތެރެއިންނެވެ. 2018 ވަނަ އަހަރު ރާއްޖޭގެ އަންހެން ގައުމީ ޓީމުން ބަހުރެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ޒެޑޭގެ އަތް ބިންދައިގެން ގޮސް، މެޗުގެ ތެރެއިން އެމްބިއުލައިންސްގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެ އަނިޔާވީ ކެރިއަރުގައި ފުލްސްޓޮޕެއް ޖެހި، ނުރައްކާތެރި އަނިޔާއަކަށެވެ.
"ބަހްރެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަތް ބިންދައިގެން ދިޔައީ. ބިންދައިގެން ދިޔަ އިރު، އަތުގެ ދެ ކަށިގަނޑު އެއްކޮށް އޮތީ ބިންދައިގެން ގޮސްފަ. ކަށިގަނޑު އޮތީ ބޭރަށް ނުކުމެފަ،" އެ އަނިޔާ ސިފަކޮށްދެމުން ޒެޑޭ މީގެ ތިން އަހަރު ކުރިން ބުނެފައިވެއެވެ.
އަނިޔާ ވެގެން، ޖެހިގެން އައި ދުވަހު ބަހްރައިންގައި ޒެޑޭ އަތުގެ ފުރަތަމަ ސާޖަރީއެއް ހެދިއެވެ. ގައުމީ ޓީމުގެ މެނޭޖުމަންޓުން އެހުރިހާ ކަމެއް ހަމަޖައްސައިދިނެވެ. ބަހްރައިނުގެ ސަލްމާން މެޑިކަލް ކޮމްޕްލެކްސްއިން އަތުގެ ކަށިގަނޑު، އެތެރެއިން ދަގަނޑު ޕްލޭޓް އަޅައި އެތެރެއިން ބޯލްޓް ލައްވާފައިވާ އިރު، އޭނާ އެނބުރި މާލެއައީ އަނިޔާއިން ރަނގަޅުވާނެ ކަމުގެ ފޮނި އުންމީދަކާ އެކުގައެވެ.
ނަމަވެސް ފަރުވާ ދިޔައީ ދިގުލައިގެންނެވެ. މާލެ އައިސް އިތުރު އޮޕަރޭޝަނެއް އައިޖީއެމްޗުން ކުރަން ޖެހުނެވެ. އެ އޮޕަރޭޝަން ކުރިތަނުން ތަދު ފަސޭހަ ނުވާތީ ޒެޑޭ ވަނީ އެތައް ދުވަހެއް ވަންދެން ޑޮކްޓަރުންގެ ލަފާ ހޯދައިފައެވެ. ޒެޑޭގެ އަތުގައި އަޅަމުންދިޔަ ވޭން، 2019 ވަނަ އަހަރު ދެނެގަނެވުނީ ޓްރީޓޮޕްގެ ހާއްސަ ޑޮކްޓަރަކަށެވެ. ޑޮކްޓަރުގެ ލަފަޔާއެކު ބެލި ބެލުމުގައި ކަށިގަނޑު އޮތީ އެއްކޮށް ފީވެފައެވެ. އެހިސާބުން ޒެޑޭއަށް ޖެހުނީ އަތުގެ ކަށިގަނޑު ބުރިކޮށްލާށެވެ. ލޯ މަރާލާފައި އެކަން އޭރު ކުރަން މަޖުބޫރުވިއެވެ. އެހެން ނަމަވެސް އެއީ އަލުން ދަނޑަށް ނުކުންނަށް އޮތް ހަމައެކަނި މަގެވެ.
ކެރިއަރުގެ ޕީކުގައި ހުރި ދުވަސްކޮޅު، ލިބުނު އަނިޔާއަކީ މެންޓަލީވެސް އޭނާއަށް އުފުލަން ޖެހުނު ބުރަބޮޑު ތަކުލީފެކެވެ. އެތައް ބައެއްގެ އެހީއާއެކު އޭނާއަށް ހިތްވަރު ލިބެމުން ދިޔުން ވެފައިވަނީ އެނބުރި ދަނޑަށް އައި ސަބަބަށެވެ. ޒެޑޭގެ ދައްތަ އައިމިނަތު ޒާހިރާއަކީވެސް ގައުމީ ޓީމުގެ ކުޅުންތެރިއަކަށްވީ އިރު، އާއިލާއެކުގައިވެސް އެ ދުވަހުން ފެށިގެންވެސް ޒެޑޭއަށް ދިނީ ހިތްވަރެވެ. އުންމީދެވެ. އެ އުންމީދާއެކު މިއަދު ޒެޑޭ އެ ހުރީ އެނބުރި އައިހެވެ.
"ޒާހިޔާ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިޔަކު އެނބުރި ޓީމަށް ނުކުތުމަކީ މިއަދު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ލިބޭނެ ކަމެއް. އެކިއެކި ހާލަތްތައް ދިމާވެ ބައެއް ކުޅުންތެރިން ޓީމާ ވަކިވާން ޖެހިފަވެސް އޮތުމާއެކު ޒާހިޔާ އެނބުރި އައުމަކީ ކޮންމެހެން ބޭނުންވި ކަމެއް. ޒާހިޔާ ގުޅުމާއެކު ޓީމުގެ ހިތްވަރު ބޮޑުތަނުން އިތުރުކޮށްދިން. ޒާހިޔާއަށް ދިމާވި ހިތްދަތި އަނިޔާގެ ތެރެއިން އެނބުރި އައި އައުން އެއީ އޭނާ ފުޓުބޯޅައަށް ކުރާ ލޯބި ދައްކުވައިދިން ކަމެއް. އެއީ ޕޭޝަން. އެސިސްޓެންޓް ކޯޗަކަށް ހުރެ ބުނަން ބޭނުންވަނީ އެ ދަތުރަކީ އިސްޕްރޭޝަނަލް ދަތުރެކޭ،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ، އަދި މިހާރު ގައުމީ އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗު ފަދުވާ ޒާހިރު "ވަން" އަށް ބުންޏެވެ.
ގައުމީ އަންހެން ޓީމުން މިވަގުތު ނޭޕާލްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ޒުވާން ސްކޮޑަކާއެކުގައެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް އުންމީދު އެބައޮތެވެ. އުންމީދު ދަމަހައްޓަން މިއަދު ނުކުންނާނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. ގްރޫޕް "ޓަފް" ނަމަވެސް ޓީމު އޮތީ ހިތްވަރާއެކުގައެވެ.
ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ޒެޑޭ ވަނީ ފަހު ވަގުތުގައި މެޗަށް ނުކުމެފައެވެ. ބަދަލެއްގެ ގޮތުގައެވެ. އެ ވަގުތުކޮޅަކީ އޭނާއަށް ޖަޒުބާތީ ވަގުތު ކޮޅެކެވެ. އެއީ އަލުން އަނބުރާ ގައުމު ތަމްސީލު ކުރުމަށް ބައިނަލްއަގުވާމީ މައިދާނަށް ނުކުމެވުނީތީއެވެ.
"2018 ވަނަ އަހަރުން ފެށިގެން އަނިޔާގައި ހުރުމަށްފަހު ޖުލައި 2022 ގައި ކުޅެން ނުކުތީ. އަނބުރާ ދަނޑަށް އާދެވުމުން ﷲ އަށް ހަމްދުކުރަން. އަނބުރާ ދަނޑަށް އަސްލު އާދެވުނީ ފެމެލީގެ އިތުރުން ފިޓްނަސް ކޯޗު، މުއީނާގެވެސް ބުރަ މަސައްކަތުން. އަޅުގަނޑުގެ ހުރިހާ ޝުކުރެއް އަދާކުރަން ބޭނުންވަނީ ފެމެލީގެ އިތުރުން މުއީނާ ކޯޗަށް،" ޒެޑޭ ނޭޕާލްގައި ހުރެ "ވަން"އަށް ބުންޏެވެ.
"ފުރަތަމަ ދުވަހު ގާޑް ނަގައިގެން ދުވަން ވަރަށް ބިރުގަތް،" ޒެޑޭ ތަޖުރިބާ ހިއްސާކުރަމުން އޭނާ އިތުރަށް ބުންޏެވެ. ޒެޑޭގެ އަތުގައި މިވަގުތުވެސް އޮތީ އެންމެ ކަށިގަނޑެކެވެ. އޭނާގެ ނަޒަރުގައި އެއީ "ވަރަށް ބޮޑު ރިސްކް"އެކެވެ. ކުޅެމުން އަންނައިރު ވެއްޓޭ ކޮންމެ ވެއްޓުމަކާއެކުވެސް އަތަށް ސަމާލުވާން ޖެހެއެވެ. އެހެން ނަމަވެސް އެކަމަށް ޒެޑޭ ތައްޔާރެވެ. ގައުމީ ޓީމުން ގޮވާލުމުން އެކަމަށް އޭނާ ނޫނެކޭ ނުބުނާނެ އެވެ.
"އަސްލު ހުރީ ގައުމީ ޓީމަށް ނުކުޅެން. އެކަމަކު ޑުންގާ ކޯޗުގެ ރިކުއެސްޓަކަށް މިކުޅެނީ. އެއީ ކޯޗުގެ ނަޒަރުގައި ޓީމަށް އަޅުގަނޑު ގުޅުމުން، ހިތްވަރެއް ލިބޭނެ ކަމަށް ފެންނާތީ. މީޓީމަށް އަޅުގަނޑުގެ ފަރާތުން ބޭނުން ޖެހިފަ އޮތް ވަގުތެއް ކަމަށް ބަލާފަ މި ނުކުތީ. ހީވާގޮތުން އަޅުގަނޑު ޓީމުގައި ހުރުމަކީ ކުޅުންތެރިން އަދި ކޯޗަށްވެސް ލިބޭނެ ހިތްވަރެއް،" ޒެޑޭ ބުންޏެވެ.
ޒެޑޭއަށް ހީވީ ރަނގަޅަށެވެ. ކެޕްޓަން، އަދި ގޯލްކީޕަރު އައިމިނަތު ލީޒާ (ލިޒީ)ގެ ނަޒަރުގައިވެސް މިއަހަރުގެ ސާފަށް ޒެޑޭ ދިޔުމަކީ ޓީމަށް ލިބުނު ޖޯޝެކެވެ.
"އަމިއްލައަށް ގަބޫލުކުރާ ގޮތުގަވެސް ޒެޑޭ މިވަގުތު ޓީމަށް ނުކުތުމަކީ ވަރަށް ބޮޑު ހިތްވަރެއް. ކުރީން ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންތަކަކަށް އެކި ސަބަބުތަކާ ހެދި ޓީމާއެކު ނެދުވުމުން އާ ޓީމެއް ބިނާކުރަމުން އަންނަ މި ދަނޑިވަޅުގަ ޒެޑޭ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ބޭނުން ޓީމަށް ވަރަށް ޖެހިފައި އޮތީ. އަނިޔާގެ ކަންކަމުން އަރައިގަނެ އެއްކޮށް ނުނިމެނީސް ޒެޑޭ ރިސްކެއް ނަގައިގެންވެސް ޓީމުގައި ހުރުން އެއީ ބޮޑު ހިތްވަރެއް،" ކެޕްޓަން ލީޒާ "ވަން" އަށް ބުންޏެވެ.
އަހަރުތަކަކަށްފަހު ޒެޑޭ އެނބުރި އައީ އާއިލާ އާއި މުއީނާ ކޯޗު ދިން ހިތްވަރުން ކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ. ފިޓްނަސް ގެއްލި 81 ކިލޯއަށް ބަރުދަން ދިޔަ ދުވަސްވަރެއް އައި ނަމަވެސް، ތަކުލީފުތަކުގެ ތެރެއިން، އެތައް ކަމެއް ގުރުބާންކޮށް ފިޓްނަސް ރަނގަޅުކުރުމަށް ޒެޑޭ ވަނީ ބަރުދަން 62 ކިލޯއަށް ލުއިކޮށްފައެވެ. އެއީ ބުރަ މަސައްކަތެވެ. އެއީ ނަމޫނާ މަސައްކަތެކެވެ. ޒުވާން ޖީލުތަކަށް ޒެޑޭ ދެއްކި ހިތްވަރުން ދެނީ މެސެޖެކެވެ. ގައުމީ ލޯބީގެ މެސެޖެކެވެ. ލޯބި ދޭ ފުޓުބޯޅައަށް އޭނާ ވީ ގުރުބާނީ މިދިޔަ ހަތަރު ވަރަކަށް އަހަރުން ސާފުކޮށް ފެނިގެންދާނެއެވެ.