ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 އަށް ތައްޔާރުވެއްޖެއެވެ. ރާއްޖޭގެ އެންމެ ގަދަ 16 ޓީމުގެ ކުރިމަތިލުމަށް ނުކުންނަނީ އަތޮޅު ބުރާއި ޒޯން ބުރުގެ ވަރުގަދަ ވާދަވެރިކަމުން ސަލާމަތްވި 16 ޓީމެވެ. އަތޮޅު ބުރާއި ޒޯން ބުރުން އެތައް މަންޒަރެއް ދައްކުވައިދިނެވެ. އާދަޔާހިލާފު ފޯރިއެކެވެ. ފަހަތުން އަރައި މޮޅުވެ، ރަށަށް ޝަރުފު ހޯދައިން ވަގުތުތަކެވެ. މާޔޫސީ މަންޒަރުތަކާއި ކަރުނައެވެ. މާޔޫސްކަމާއި ރުޅިވެރިކަމެވެ. އާ ކަންތައްތަކަކާއެކު މިއަހަރު މުބާރާތުގެ ފަހު ބުރަށް ތައްޔާރުވެފައި އޮތީ ފުރިހަމައަށެވެ. ނޮކްއައުޓް ބުރަށް ކުރަމުން ދިޔަ އިންތިޒާރު މިރޭ ނިމޭނެއެވެ.
މިހާތަނަށް 270 އަށްވުރެ ގިނަ މެޗު ކުޅެވިގެން ގޮސްފައިވާ އިރު، އެތައް ގޯލެއް، އެތައް ކާޑެއް ފެނިގެން ގޮސްފިއެވެ. ޒޯނާ ހަމައަށް އެންމެ ގިނަ ގޯލް ޖެހި ހދ. ނައިވާދޫން 31 ގޯލް ޖެހި އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ށ. ކަނޑިތީމުގެ ރައުލް ނިޔާޒެވެ. އެންމެ ގިނަ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރ. ދުވާފަރު މުހައްމަދު އިސާމް (ޝަންޓެ) އާއި އއ. މަތިވެރީގެ އަލީ އަލްސަން ވަނީ ކޮންމެ ކުޅުންތެރިޔަކު ހަ މޭން އޮފް ދަ މެޗު ހޯދައިފައެވެ.
އެ އަދަދުތަކާއެކު މިރޭގެ ކުރިމަތިލުންތަކަށް ބަލައިލުން މުހިންމެވެ.
ރ. ދުވާފަރު - ސ. ހިތަދޫ (1600، ގްރައުންޑް 1)
ދުވާފަރަކީ މިހާތަނަށް މުބާރާތުގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް އެއް ޓީމެވެ. އެޓީމުން ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. އަދި މިހާތަނަށް 22 ގޯލް އެޓީމުން ޖަހާފައިވެއެވެ. އަނެއްކޮޅުން ނުކުންނަ ހިތަދޫ 18 ގޯލް މުބާރާތުގައި ޖެހި އިރު، އެޓީމު ބަލިވީ ޒޯން ފައިނަލުގައި ހއ. ދެއްވަދޫ ކައިރިން އެކަންޏެވެ.
ތަރިންނަށް ބަލާއިރު ދުވާފަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެފައި ވަނީ ޝަންޓެއެވެ. ހިތަދޫން ޓީމް ގޭމެއް ބޮޑަށް ފެނުނު އިރު، އެންމެ މުހިންމު ކުޅުންތެރިޔަކަށްވެފައިވަނީ ހާޒިމް ފައުޒީ (ހަތީ) އެވެ.
ދުވާފަރަކީ ޒޯނާއި އަތޮޅު ޗެމްޕިއަނުންނެވެ. ހިތަދުއަކީ އައްޑޫގެ ޗެމްޕިއަނުންނެވެ.
ބ. އޭދަފުށި - މައްޗަންގޮޅި (1600، ގްރައުންޑް 2)
މި މުބާރާތް ކުރިން ކާމިޔާބުކޮށްފައިވާ އޭދަފުށިން މިފަހަރު މުބާރާތަށް ނުކުތީ ގޭމް ބަދަލު ކޮށްލައިގެންނެވެ. ތައިލެންޑްގެ ކޯޗަކާއެކު ޓީމު ގޭމަކަށް ފިޓްވަމުންދާ އިރު، އެޓީމުން 13 ގޯލް ޖަހައިފިއެވެ. އެއީ މަދު މެޗުތަކަކުންނެވެ. މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެއްވަރުވީ އަތޮޅު ބުރުގައި ފެހެންދުއާ ވާދަކުރި މެޗުގެ އިތުރުން ޒޯން ބުރުގައި ކ. ގާފަރާ ކުޅުނު ލީގު ބުރުގެ މެޗުގައެވެ.
އޭދަފުއްޓަކީ ޒޯން އަދި އަތޮޅު ޗެމްޕިއަނުންނެވެ. ގައުމީ ޓީމަށް ދިޔަ އިޝާން އިބްރާހީމް (ސައްޓު)އަށް ޓީމާއެކު ވަގުތު ލިބި، އޭދަފުއްޓަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.
މައްޗަންގޮޅިން މިފަހަރު މުބާރާތް ފެށީ ވިލިމާލެ ބަލިކޮށްގެންނެވެ. މިހާތަނަށް ނުވަ ގޯލް ޖެހި އިރު، ބަލިވީ މާފަންނާއި ވިލިމާލެ އަތުންނެވެ. މާލޭގެ ރަނަރަޕަކީ މައްޗަންގޮޅިއެވެ.
ހދ. ނައިވާދޫ - މ. ދިއްގަރު (2000، ގްރައުންޑް 1)
ނައިވާދުއާއި ދިއްގަރުގެ ކުރިމަތިލުމުގެ ފެވަރިޓަކަށް ކިޔާނީ ނައިވާދޫކަން ޔަގީނެވެ. އެއީ އެޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ރަނަރަޕް ޓީމު ކަމަށްވުމުންނެވެ. ދެޓީމަކީވެސް އަތޮޅު ޗެމްޕިއަނުންނެވެ. ނައިވާދޫން ޒޯން ނެގި އިރު، ދިއްގަރަށް ޒޯން ފައިނަލް ދިޔައީ އުނދަގޫކޮށެވެ.
މިހާތަނަށް މުބާރާތުގައިވެސް އެންމެ ސްކޯރިން ރޭޓް ރަނގަޅު ޓީމަކީ ނައިވާދޫ ކަމަށްވާ އިރު، އެޓީމުން ވަނީ މިހާތަނަށް 31 ގޯލް ޖަހައިފައެވެ. ގައުމީ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިންނާއެކު ނައިވާދޫ ފެންނަނީ މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައެވެ.
ދިއްގަރުން ޗެލެންޖްތަކަކާއެކުވެސް އަތޮޅު ރަސްކަން ހޯދައި، ޒުވާން ކުޅުންތެރިންގެ ހުނަރު ސާބިތުކޮށްދީފިއެވެ. 19 ގޯލް ޖަހައި، ކުރިއަށް މަސައްކަތް ކުރަމުންދާ އިރު، ބަލިވީ ތިން މެޗަކުންނެވެ. އެއީ އަތޮޅު ބުރުގައި ނާލާފުށްޓާ ކުޅުނު މެޗުގެ އިތުރުން ޒޯން ކައިރިން ކުޑަހުވަދޫ ކައިރިންވި ދެ ބައްޔެކެވެ. އެ ނޫން މެޗުތައް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ދިއްގަރާއި ނައިވާދުއަކީވެސް މިވަގުތު ވަކި ތަރިއަކަށް ބަރޯސާވާލެއް ކުޑަ ދެ ޓީމެވެ.
އއ. މަތިވެރި - ލ. އިސްދޫ (2000، ގްރައުންޑް 2)
މިދިޔަ ދެ އަހަރުވެސް ކުއާޓާ ފައިނަލް ހޯދާފައިވާ މަތިވެރިންވެސް މިފަހަރު ނުކުތީ ބަދަލު ކުރުމަށެވެ. ވަކި ކުޅުންތެރިންގެ ހުނަރަށް ބަރޯސާވުން ކުޑަކުރުމަށެވެ. އެކަން ދަނީ ފެންނަމުންނެވެ. އަލީ އަލްސަންގެ ހުނަރު ތަފާތުކޮށް ފެނުނު އިރު، އެޓީމުން ވަނީ ޒޯނާއި އަތޮޅު ރަސްކަން ހޯދައިފައެވެ. ޖުމުލަ 21 ގޯލް ޖަހައި، މަތިވެރި ގަދަ 16 އަށް ނުކުންނަނީ މެޗަކުން ބަލިނުވެއެވެ. ގެއްލުނު ހަމައެކަނި ތިން ޕޮއިންޓަކީ އދ. އޮމަދޫ ކައިރިން ޒޯން ބުރުގައި ގެއްލުނު ޕޮއިންޓެވެ. އެއީ އެއްވަރު ވެގެންނެވެ.
ދެން ވާދަކުރަން އޮތް އިސްދޫގެ ފޯމު ދަށެއް ނޫނެވެ. ތިން ފަހަރަށް ކުރީގެ ޗެމްޕިއަން ލ. ގަން ބަލިކުރި އިރު، ޒޯން ބުރުގެ ލީގު ބުރުގައި ތ. ތިމަރަފުށި ހިފެހެއްޓިއެވެ. ފައިނަލުގައި ބަލިވި ނަމަވެސް، އެޓީމުގެ ރޫހު އޮތީ ތަފާތުކޮށެވެ. އަލީ ހުމޭޒާއި އަލީ މީސާގު އީސާވެސް ތަފާތު ފޯމެއްގައި ކުޅެމުންދާ އިރު، އިސްދޫ ބަލިވީ ޒޯން ފައިނަލުގައި އެކަންޏެވެ. އެއީ ތިމަރަފުށި ކައިރިންނެވެ. އޭގެ ކުރިން ތިމަރަފުށި ކައިރިން އެއްވަރުވި އިރު، ކިނބިދޫ ކައިރިންވެސް އެއްވަރުވިއެވެ. މިއީ އިސްދޫން ފައިނަލް ބުރުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ތ. ތިމަރަފުށި - ހއ. މާރަންދޫ (2130، ގްރައުންޑް 1)
މާރަންދޫގެ ފުޓްސަލް ތާރީހުގައިވެސް މިރޭގެ މެޗު ތާރީހީ ވާނެއެވެ. އެޓީމުން އަލަށް ހޯދި އަތޮޅު ތަށްޓާއެކު ޒޯން ފައިނަލާއެކު ގަދަ 16 ހޯދި އިރު، މިހާތަނަށް އެޓީމަކީ ޖާދުވީ ދަތުރެއްގައި އޮތް ޓީމެއް ކަމަށް ބުނެވިދާނެއެވެ. ހިތްވަރު ތަފާތެވެ. މިރޭ ނުކުންނާނީ މުބާރާތުގެވެސް، ރާއްޖޭގެ ފުޓްސަލްގައިވެސް އެންމެ ކާމިޔާބު ތިމަރަފުށްޓާ ދެކޮޅަށެވެ.
މާރަންދޫން 17 ގޯލް މިހާތަނަށް ޖެހި އިރު، ބަލިވީ އެންމެ ދެ މެޗުންނެވެ. އެއީ ޒޯން ފައިނަލުގައި ނައިވާދޫ އަތުންވީ ބައްޔާ، ލީގު ބުރުގައި ނައިވާދޫ ކައިރިންވި ބައްޔެވެ. ދެން އެއްވަރުވީ ނޮޅިވަރަންފަރު ކައިރިންނެވެ.
ތިމަރަފުއްޓަކީ ޒޯނާއި އަތޮޅު ޗެމްޕިއަނުންނެވެ. މުބާރާތުގެ ތިން ތަށްޓާއެކު ބެޖު މަތީގައި ތިން ތަރި ޖަހައިގެން ކުޅެމުންދާ ހަމައެކަނި ޓީމެވެ. މިފަހަރުގެ މުބާރާތުގައިވެސް އަހުމަދު އަފްލާޒް ފޯމުގައި ހުރި އިރު، އެޓީމުން 18 ގޯލް ޖަހައިފިއެވެ. މިހާތަނަށް ބަލި ނުވެ އޮތް އިރު، އެއްވަރުވީ އިސްދުއާއި ލ. ގަން ކައިރިންނެވެ. އެއީ ޒޯން ބުރުގައެވެ.
ހއ. ދެއްވަދޫ - ވ. ކެޔޮދޫ (2130، ގްރައުންޑް 2)
ދެއްވަދުއަށް އަތޮޅު ތަށި ނުލިބުނު ނަމަވެސް، އެންމެ ވަރުގަދަ ޒޯންގެ ތަށި އެޓީމުން މިފަހަރު ހޯދިއެވެ. އަތޮޅު ބުރުން ސަލާމަތްވުން އެއީ އެޓީމަށް މިއަހަރު އެންމެ މުހިންމުކޮށް އޮތް ކަންތަކެވެ. އެކަން ކުރުމާއެކު މިހާރު ޓީމު ވަރުގަދަވެފައިވަނީ ގައުމީ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކު ޓީމާ ގުޅުމުންނެވެ. އޭގެ ތެރެއިން އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ޒޯންގައި ވިދާލި އިރު، އެޓީމުން ބަލިވީ އަތޮޅު ފައިނަލުގައި ކަނޑުހުޅުދޫ ކައިރިންނާއި ޒޯން ބުރުގައި އައްޑޫ މަރަދޫ ކައިރިން އެކަންޏެވެ.
މިފަހަރު މުބާރާތަށްވެސް ފެވަރިޓެއްގެ ގޮތުގައި ބެލެވޭ ދެއްވަދޫ ގދ. ވާދޫ ކަޓުވާލާފައިވާ އިރު، ޖުމުލަ 23 ގޯލް ޖަހާފައިވެއެވެ.
ކެޔޮދުއަށް ދެއްވަދޫ ބަލިކުރަން އޮތް ޗެލެންޖް ބޮޑު ނަމަވެސް، ކެޔޮދޫގެ ފޯމު ގޯހެއް ނޫނެވެ. އަތޮޅު ތަށި އަނެއްކާވެސް ނެގި އިރު، ޒޯން ފައިނަލުގައި ބަލިވީ މަތިވެރި ކައިރިންނެވެ. ޒޯން ފައިނަލުގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަރީން އަބްދުﷲ އިބްރާހީމް ނުކުޅެއެވެ. އެހެންނަމަވެސް އަހުމަދު ރަޝީދު (އަންމަޑޭ) ފޯމު ރަނގަޅުކޮށް ހުރުމާއެކު، އެޓީމުން ވަނީ 19 ގޯލް މިހާތަނަށް ޖަހައިފައެވެ.
ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު (2245، ގްރައުންޑް 1)
ކުޑަހުވަދޫން ވަނީ އަތޮޅު ތަށްޓާއި ޒޯން ތަށިވެސް ނަގައި، އެޓީމުގެ ފޯމުގައި ކުރިއަށް ދާން މުހިންމު ފިޔަވަޅެއް އަޅައިފައެވެ. ޖުމުލަ 16 ގޯލް ޖަހާފައިވާ ކުޑަހުވަދޫން އަތޮޅު ބުރު ފެށީ މާއެނބޫދޫ ކައިރިން ބަލިވެގެން ނަމަވެސް، އޭގެފަހުން ފެނުނީ ރަނގަޅު ފޯމެއްގައެވެ. ދެން އެއްވަރުވީ ފ. މަގޫދޫ ކައިރިން އެކަންޏެވެ.
އެޓީމަށް ޒޯނުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ހާރޫން އިބްރާހީމް ހުރީ ރަނގަޅު ފޯމެއްގައެވެ.
ކަނޑިތީމަށް ޒޯން ތަށި ގެއްލުނު ނަމަވެސް، އަތޮޅު ތަށި އެޓީމުން އަލުން ހޯދިއެވެ. އެޓީމުން 29 ގޯލް ޖަހައި ރަނގަޅު ފޯމެއްގައި އޮތް އިރު، މުބާރާތުގައިވެސް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކަނޑިތީމުގެ ރައުލް ނިޔާޒް ވަނީ މިހާތަނަށް 13 ގޯލް ޖަހައި ވިދާލައިފައެވެ.
އެޓީމުން ބަލިވީ ޒޯން ފައިނަލުގެ އިތުރުން ޒޯން ބުރުގައި ރ. ދުވާފަރު ކައިރިން އެކަންޏެވެ.
ވިލިމާލެ - ކ. ގާފަރު (2245، ގްރައުންޑް 2)
ވިލިމާލެއާއި ގާފަރު ވާދަކުރާ ގަދަ 16 ގެ މެޗަކީ އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް މެޗެވެ. ވިލިމާލޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަލީ ޝިޔާހް (ޝިޔާ) ޒޯނުގައި ޓީމަށް އުންމީދު ހޯދައިދިން އިރު، އެޓީމުން މާލޭގެ ޗެމްޕިއަންކަން ހޯދިއެވެ. ޖުމުލަ 11 ގޯލް އެޓީމުން މާލޭ ޒޯނުގައި ޖެހި އިރު، ވިލިމާލެ މިހާތަނަށް ބަލިވީ ލީގު ބުރުގައި މައްޗަންގޮޅި ކައިރިން އެކަންޏެވެ.
އަނެއްކޮޅުން ނުކުންނަ ގާފަރަކީ މުބާރާތުގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އެޓީމުން ވަނީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރު ފައިނަލްގައި ވާދަކޮށްފައެވެ. އެޓީމުން ޒޯނާއި އަތޮޅު ބުރުގައި 21 ގޯލް ޖެހި އިރު، އަތޮޅު ތަށި އަލުން މިފަހަރު ހޯދިއެވެ. ޒޯން ފައިނަލުގައި ބަލިވީ އޭދަފުށި އަތުންނެވެ. އެއީ މިހާތަނަށް ގާފަރު ބަލިވި ހަމައެކަނި މެޗުވެސް މެއެވެ. އެޓީމުން ޒޯނުގައި ކުރެންދޫ ކައިރިންނާއި އޭދަފުށު ކައިރިން އެއްވަރުވި ނަމަވެސް، ދެން ކުޅުނު މެޗުތަކުން މޮޅުވިއެވެ.
ޝަނާން ރަޝީދާއި ސާމިން މުހައްމަދު ނަސީރަކީ އެޓީމުން އެންމެ ބޮޑަށް ބަރޯސާވަމުން އައި ކުޅުންތެރިންނެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ކޮމެންޓް