އިއްޔެއަކީ އަނެއްކާވެސް ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބޮޑު ދުވަހެކެވެ. ހާއްސަކޮށް ފުޓްސަލްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު، އެންމެ ޝަރަފުވެރި ދުވަހެވެ. ސާފުން އިސްނަގައިގެން ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ޔަގީންކުރީ ލީގު ބުރުގެ މެޗެއް ބާކީ އޮއްވައެވެ. މުބާރާތް ލީގު އުސޫލުން ކުޅެ، ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. ޕާކިިސްތާން، އިންޑިއާގެ އިތުރުން ނޭޕާލާއި ބޫޓާންވެސް ރާއްޖޭން ބަލިކޮށްފިއެވެ. ބާކީ އޮތީ ސްރީ ލަންކާއެވެ. އެމެޗަށް ނުކުންނާނީ ޗެމްޕިއަނުންގެ ގޮތުގައެވެ.
މުބާރާތުގެ ހަގީގަތަށް ބަލަމާ ހިނގާށެވެ. ރާއްޖެއާ ވާދަކޮށްލެވުނު ޓީމެއްވެސް އަދި މިހާތަނަކަށް ނުފެނެއެވެ. ޓެކްޓިކަލީވެސް ޓެކްނިކަލީވެސް ރާއްޖެ މާ ތަފާތެވެ. ހިތްގައިމު ކުޅުމެއް ފެނިގެން ދިޔައެވެ. މިހާތަނަށް ރާއްޖޭން 23 ގޯލް ޖެހި އިރު، ކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ. މި ސަރަހައްދުގައި ރާއްޖޭގެ ފެންވަރު ސާބިތުކޮށްދިނީ "ސްޓައިލް" ގައެވެ.
ރާއްޖޭން މުބާރާތަށް ދިޔުމުގައި އެޅި އެންމެ ރަނގަޅު ފިޔަވަޅަކަށްވީ އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކީރޯވްއާ ޓީމު ހަވާލުކުރުމެވެ. އެއީ އެތަކެއް ހަރުފަތްތަކެއް ގިރާކުރަން ކޮށުނު ފަސޭހަ މަގެކެވެ. އޭނާއަށް ޓާގެޓް ހާސިލްކުރަން ފަސޭހަ ވި އެއް ސަބަބަކަށްވީ ކުޅުންތެރިންގެ މޯޓިވޭޝަނެވެ. އެހެންވާނެތާއެވެ. ކުޅުންތެރިން ތިބީ މާކުރިން "ވިނިން މެންޓާލިޓީ"އަށް ހޭނިފައެވެ. ފުޓްސަލް ކުޅުންތެރިންގެ ޕޫލް ބޮޑުވުމުން، ސްކޮޑް ވެސް ވާދަވެރި އެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ޒިންމާ ނެގީ، ގައުމަށް ކަމެއް ކޮށްދިނުމަށެވެ.
އެ ހުރިހާ އުފާވެރި ވާހަކަތަކެއްގެ ތެރެއިން، ހަނދާން ނައްތާލައިގެން ނުވާނެ ބައެއް ވާހަކަތައް އެބަހުއްޓެވެ. ފުޓްސަލްއަކީ ބެލެނިވެރިޔަކު ނެތި، ތަފާތު ގޮތަކަށް ރާއްޖޭގައި ކުރިއަރާފައިވާ ކުޅިވަރެކެވެ. ވަކި ބަޔެކޭ ކިޔުމުގެ ބޭނުމެއް ނެތެވެ. އެއްވެސް ސަރުކާރަކުން ފުޓްސަލްއަށް ދޭން ޖެހޭ އަޅައިލުމެއް ދެވިފައެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ، ފީފާއިން ފުޓްސަލް މަތިކޮށްފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދާދި އިހަކަށް ދުވަހާއި ޖެހެންދެން ފުޓްސަލްއަކީ އެ އިދާރާގެ ޒިންމާއެއް ކަމަކަށްވެސް ނުބަލައެވެ. އެހެންކަމުން އެ ތަކުލީފުތަކުން ފުޓްސަލް ސަރަހައްދީ ރަސްކަމަށް ކުރި ދަތުރުގައި، ފަރުދާގެ ފުރަގަހުގެ ވާހަކަތައް ހަނދާނުން ކައްސުވާލައިގެން ނުވާނެއެވެ. ކާމިޔާބު ދެމެހެއްޓުމަށް އެވާހަކަތައް މުހިއްމެވެ.
އިހުމާލުވެފައި އޮތް ކުޅިވަރެއް
ފުޓްސަލްއަށް އަބަދުވެސް މަސައްކަތް ކުރާ ވާހަކަ، އެކިއެކި ފަހަރުމަތިން ސިޔާސީ މަތިފަޑިން ދިޔައީ ދައްކަމުންނެވެ. ރަށްރަށުގައި އައުޓް ޑޯ ޓާފްތަކެއް އެޅިވެސް މެއެވެ. އެއީ ކުރިއެރުމެއް ނަމަވެސް، ދުނިޔޭގެ ފެންވަރަށް ކުޅުންތެރިން ދާން އަދިވެސް އެކަށޭނެ ވަސީލަތްތަކެއް ގާއިމުވެފައެއް ނެތެވެ. އެކަމަށް އަދި މާ އެދެވޭ ހައްލެއް ހޯދޭނެ މަގެއްވެސް ސީދާ ފެނިފައެއް ނުވެއެވެ. އެމަގު ފެނުނު ކަމަށްވާނީ، އެންމެ އިންޑޯއެއްވެސް ގާއިމުކުރެވިގެންނެވެ.
އެފްއޭއެމްއިން ކުރީން ވެފައި އޮތް އިހުމާލުގެ ސަބަބުން ފުޓްސަލް ކުޅުންތެރިންގެ ގައުމީ ޓީމެއް ދާއިމަށް ވުޖޫދުގައެއް ނެތެވެ. އެއާއެކު އެ ކުޅުންތެރިންނަކީ ގައުމީ ޓީމުތަކަށް ދޭ މުސާރަ ލިސްޓްގައި އެންމެ ފުރަތަމަ ލައްވާލި ކުޅުންތެރިންނެއް ނޫނެވެ. އެ ވާހަކަތަކަށް ތަކުރާރުކޮށް ފާޑުކިޔުމުން އެކަމަށް މިހާރު ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. ދެން އޮތީ ސްޕޯޓްސް އެވޯޑާއި އަގުވަޒަން ކުރުމުގެ ވާހަކައެވެ. އެކަމުގައިވެސް ފުޓްސަލް އޮތީ ބާކީކޮށްފައެވެ.
ރަނގަޅެވެ، އެންމެ މަގުބޫލު ކުޅިވަރެވެ. އެކަމަށް ދެބަހެއް ވެވޭކަށް ނެތެވެ. "މިނީ ފުޓްބޯލް" ގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާ ގޮތަކަށް ރާއްޖޭން ކުޅެމުން އަންނަ ފުޓްސަލްއަކީ އެތައް ޒަމާނެއް ވާންދެން ބަލަދުވެރިއެއް ނެތް ކުޅިވަރެކެވެ. ހަގީގަތުގައި ފުޓްސަލްގެ ހުނަވެރީންނާއި ފުޓްސަލްއިން ދިރިއުޅެ، އާމްދަނީ ހޯދާ އެތުލީޓުން ބިނާކުރެވިފައި އޮތީ އާއްމު ރައްޔިތުންގެ ތެރެއިން، ޖަމިއްޔާތަކުގެ ތެރެއިން، ކައުންސިލްތަކުގެ ތެރެއިން އިސް ނެގި ބައެއްގެ ސަބަބުންނެވެ.
ރާއްޖެއަށް މީގެ 15 ވަރަކަށް އަހަރުކުރިން ފުރަތަމަ ފަހަރަށް ފުޓްސަލް ތައާރަފުވި އިރުވެސް އެ ކުޅިވަރަކީ ދިވެހީންނާ ގުޅޭ، ޝައުގުވެރި ކުޅިވަރެކެވެ. އެތައް ބައެއްގެ ލޯބިވެސް ލިބުނު ކުޅިވަރެކެވެ. 2006 ވަނަ އަހަރުން ފެށިގެން އޮފީސްތަކުގެ ރޫހު އުފައްދާލައި، ކްލަބު މޯލްޑިވްސް ބާއްވަން ފެށި އިރު، އެހިސާބުން ރަށްރަށުން ފުޓްސަލްއަށް ސަމާލުކަން ބޮޑުވިއެވެ. އޭގެފަހުން 2015 ވަނަ އަހަރު މުޅި ރާއްޖޭގެ ފުޓްސަލް ބަދަލުކޮށްލީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނެގި ގޯލްޑަން ފުޓްސަލް ޗެލެންޖާއެކުގައެވެ. ވާދަވެރި މާހައުލެއް އާލާ ވެ، ރިސޯޓުތަކަށްވެސް މުބާރާތްތައް ފެށުނެވެ. ފުޓްސަލް ތަރިންނަކީ އާމްދަނީ ބޮޑު، ފުދިގެން އުޅެވޭނެ ބަޔަކަށް މަޑުމަޑުން ބަދަލުވިއެވެ.
"ރާއްޖޭގައި ފުޓްސަލް ކުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެކަމަކު ދެން ރާއްޖޭން ބޭރުން މިފަހަރު ކޯޗެއްވެސް ގެނެސްފައި އެ ކޯޗުގެ ފުރަތަމަ އިމްޕްރެޝަންއަކަށްވީ ރާއްޖޭގައި މި ކުޅެނީ ބޮޑަށް މިނީ ފުޓްބޯޅައޭ. އެހެންވީމަ މިނީ ފުޓްބޯލް ކުޅެކުޅެފައި މީގެ ކުރިން މުބާރާތްތަކަށް ދަނީ. ގިނަފަހަރަށް ދަނީ ކާމިޔާބެއް ނުލިބި. އެކަމަކު މިފަހަރު ސަރަހައްދީ މުބާރާތަކަށްވުމާއެކު ކާމިޔާބު ހޯދޭނެ ކަމަށް ބަލައި، ބޭރު ކޯޗަކާއެކު މި ކުޅޭ މިނީ ފުޓްބޯޅަ ފުޓްސަލްއަށް ހަގީގަތުގައި ބަދަލުކޮށްލަން މިއީ މަސައްކަތް ކުރަން ޖެހޭ ވަގުތު،" އިއްޔެގެ ތަށްޓަށްފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރް ޕީއެސްއެމްއަށް ވިދާޅުވިއެވެ.
ޒަރީރް ވިދާޅުވީ، މީގެ ކުރިން ފުޓްސަލްއަށް އޮތީ އިހުމާލުވެފައި ކަމަށާއި، މިހާރު އޮތް އެފްއޭއެމް އެކްސްކޯގެ ޒިންމާއެއް ކަމަށް ބަލައި، ފުޓްސަލްގެ ބެލެނިވެރިކަން ނަގަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެފްއޭއެމްއިން ގައުމީ ޓީމެއް ބައްޓަން ކުރަން ފުޓްސަލް މުބާރާތްތަކެއް ރާވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރްގެ ވާހަކައިގައި ފާހަގަކުރެއްވި "މިނީ ފުޓްބޯޅަ" އަށް ކުރީން އޮތީ އިހުމާލުވެފައެވެ. އެއީ މިފާހަގަ ކުރި އިހުމާލެވެ. އިންޑޯއެއް، ރަނގަޅު ފެސިލިޓީއެއް މިހާތަނަށް އައިއިރު ރާއްޖޭގައި ނެތް އިރު، ޓާފް ދަނޑުތަކަކީ ލިބޭ ހަމައެކަނި ވަސީލަތެވެ. އެހެންކަމުން އެއީ އިހުމާލުވެފައި އޮތް މިންވަރެވެ.
ފަރުދާގެ ފުރަގަހުގައި އިންތިޒާމު ރަނގަޅު، ސަޅި ކޮންސެޕްޓަކުގެ މުބާރާތްތަކެއް
"ރާއްޖޭގެ ފުޓުބޯޅަ، އެ ކުޅިވަރުގެ އިދާރާ ވަރަށް ބޮޑަށް މަޑުޖެހިފައި އޮތް ދަނޑިވަޅެއްގައި މިކަން ނަގަހައްޓައި، މި ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމުގައި އަމިއްލަ ފަރާތްތަކުން ކުރި މަސައްކަތްތައް ހަނދާން ކޮށްލަން ޖެހޭ. އެ ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސަބަބަކީ ކުޅުންތެރިން ޕްރެކްޓިސްތަކާ މުބާރާތްތަކުން އެ ލިބުނު ފުރުސަތުތަކުގެ ސަބަބުން މިކަން މިވީ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ވެފައި އޮތް ކަމެއް ނޫން. މިއީ ވަރަށް ގިނަ ފަރާތްތަކަކުން އެކި ގޮތްގޮތުން، ސްޕޮންސާގެ އެހީތެރިކަމާވެސް އެކު އިންތިޒާމުކުރެވުނު މުބާރާތްތަކުގެ ސަބަބުން ހޯދުނު ކާމިޔާބީއެއް. އެ ޓީމުތަކުން ކުޅުންތެރީންނަށް ދިން ފުރުސަތުތަކުގެ އިތުުރުން އިންތިޒާމުކުރުމުގައި ވަރަށް ގިނަ ބަޔަކު ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްލަން ބޭނުން،"
ރާއްޖޭން ހޯދި ތާރީހީ ތަށްޓާއެކު ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު "ޕީއެސްއެމް"އަށް ވިދާޅުވެފައިވެއެވެ.
ހަގީގަތުގައި މިނިސްޓަރު ފާހަގަކުރެއްވީ އެންމެ މުހިއްމު އެއް ވާހަކައެވެ. ކުޅުންތެރިން ހުރިހާ ހާލަތަކަށް ތައްޔާރަށް ތިބީ، ރާއްޖޭގައި ބާއްވަމުން އަންނަ މުބާރާތްތަކުގެ ސަބަބުންނެވެ. ކްލަބު މޯލްޑިވްސް، ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު، މިހެން ގޮސް، ރާއްޖޭގެ ފުޓްސަލް ވާދަވެރިކޮށްލީ އަތޮޅު ތެރޭގެ ޖަމިއްޔާތަކާއި ކައުންސިލްތަކުންވެސް އެކަމަށް ދިން އަހަންމިއްޔަތުގެ ބޮޑުކަމުންނެވެ. ހާއްސަކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖުން ރަށުގެ އިޖުތިމާއީ ފޭރާމަށް ގެންނަ ބަދަލާއެކު ކައުންސިލްތަކުން އެކަމަށް ކުރާ ހޭދަ އިތުރެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ފުޓްސަލް ބްރޭންޑް ކުރެވި، ކޮންމެވެސް ސިފައެއްގައި ލާމަރުކަޒީވެސް ކުރެވިއްޖެއެވެ. ހަމަ ޔަގީނެވެ. އެތައް ސަތޭހަ ކުޅުންތެރިންނެއްގެ ޝާމިލުވުން މުބާރާތެއްގައި އޮތުމަކީ ރާއްޖޭގެ ފުޓްސަލްގެ މަންޒަރަށް ޝައުގެރިވާ އެއް ސަބަބެވެ. ސަރަހައްދުގެ ރަން ކާމިޔާބީ ހޯދި ޓީމަކީވެސް އެ މުބާރާތްތަކުން ގައުމީ ޓީމާ ހަމައަށް ފޯރި ކުޅުންތެރިންނެވެ. އެއީ އަމިއްލަ އެތައް ފަރުދުންނެއްގެ މަސައްކަތެވެ. ނަތީޖާއެވެ.
"ހަގީގަތުގައި ރާއްޖޭން ހޯދަމުން އަންނަ ކާމިޔާބީގައި އެންމެ ބޮޑަށް އުފާވާނެ އެކަކީ އަޅުގަނޑު ކަމަށްވާނެ. އަޅުގަނޑު މިއަދާ ހަމައަށް ފުޓްސަލްގެ ކުރިއެރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން. އަޅުގަނޑު 2015، 2016 ހިސާބުގަ ދިން އިންޓަވިއުތަކަ ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ ހުނަރާއި ޑިސިޕްލިނަށް ބަލާފަ މި ސަރަހައްދުގައި ރާއްޖެ ކުރިއަރަމުން އަންނަކަން ފާހަގަކުރިން. އަދި ބޭނުންވާ ވަސީލަތްތަކާއެކު އެ މަގާމުގައި ރާއްޖެ ދެމިތިބޭނެ ކަންވެސް ފާހަގަކުރިން. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރަކީ ވެސް ފުޓްސަލް،" ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ މި މުބާރާތުގެ ތެރެއިން ޕީއެސްއެމްއަށް ވިދާޅުވެފައިވެއެވެ.
ރަނގަޅު ވާހަކައެކެވެ. ރިލްވާނާއި އެހެން މުބާރާތްތައް ހިނގާ އެންމެންވެސް މިއަދު އުފާވަނީ އެހެންވެއެވެ. އެ ކާމިޔާބީ ގުޅިފައި ވަނީ ބޮޑެތި މުބާރާތްތަކުން ފެށިގެން ގޮސް، އަތޮޅު ތެރޭގެ އެތައް މުބާރާތަކާއެވެ. ޝައުގުވެރިކަމާއެކު އަމިއްލަ ހަކަތައާއި އަމިއްލަ ވަގުތު ކުޅިވަރަށް ގުރުބާން ކުރަމުން އަންނަ ހިންގުންތެރީންނާއި، އެ މުބާރާތްތަކަށް ޓީމުތައް ނެރޭ މެނޭޖުމަންޓްތަކެވެ. ކުޅުންތެރިން، ކުޅުންތެރިންގެ ގޮތުގައި ދެމިތިބުމަށް އެހީއަކީ އެއީއެވެ.
ރިސޯޓު މުބާރާތްތަކުން ގޮސް، ރާއްޖޭގެ އެންމެ ބޮޑު މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖާއި އޮފީސްތަކުގެ އިންޓަ އޮފީސް މުބާރާތްތަކުންވެސް މިއަދު ފުޓްސަލްގެ މަގުބޫލުކަން ބޮޑުވެއްޖެއެވެ. ފުޓްސަލްއަށް އެކަށީގެންވާ މީހުން ތަމްރީނު ކުރުމަށް ރެފްރީން ތާޒާކުރުން ފަދަ އަގުުހުރި ކަންކަން އަމިއްލަ ޒިންމާގައި ގޯލްޑަންއިންވެސް ކުރަމުން ދެއެވެ. އެ މަސައްކަތްތަކަކީ ކާމިޔާބީގެ އެއް ތަނބުކަން ޔަގީނެވެ.
ކުޅުންތެރިންގެ އާދަޔާހިލާފު ގުރުބާނީއެއް
އުޒްބެކިސްތާނުގެ ފާރޫކް ޒަކީރޯވް ޓީމާ ހަވާލުވި އިރު، އޭނާއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ ގައުމަށްޓަކައި ތަށި ހޯދަން ބޭނުންވެފައިވާ ކުޅުންތެރިންތަކެއް ލިބުންކަން އޭނާ ފާހަގަކުރިއެވެ.
ހަގީގަތުގައި ގައުމީ އިދާރާއަކަށް ބަރޯސާވުމެއް ނެތި، އެސޯސިއޭޝަނަކަށްވެސް ބަރޯސާ ވުމެއް ނެތި، މިދިޔަ 15 ނޫނީ 10 ވަރަކަށް އަހަރު ރާއްޖޭގެ ފުޓްސަލް ކުޅުންތެރިން ކެރިއަރު ބިނާ ކުރުމަށް ކުރީ ބުރަ މަސައްކަތެވެ. މަގު ހޯދީ އަމިއްލައަށެވެ. އެ މަގު ކޮށުމަށް މުބާރާތްތަކެއްގެ އެހީ ލިބުނު ނަމަވެސް، ގައުމަށް އިއްޔެ ތަށި ހޯދަދިން ކުޅުންތެރިންނަކީ މިހާތަނަށް އެތުލީޓުންތަކެއް ކުރި އެންމެ ބުރަ މަސައްކަތް ކޮށްފައި ތިބި އެތުލީޓުންނެވެ.
"އަހަންނަށް އިހުސާސް ކުރެވުނީ މި މުބާރާތަށް ކުޅުންތެރިން ނުކުތީ ސީދާ ތަށްޓަށްކަން. އެކަން ފުރަތަމަ ވަގުތުން ފެށިގެން ވެސް ފެނުނު. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ދެން މުބާރާތުގެ ކުރިން އަހަންނާއި ކުޅުންތެރިން ޓާގެޓެއް ކަނޑައެޅިން. އެއީ މުބާރާތް ކާމިޔާބުކުރުން. އަލްހަމްދުﷲ އަހަރެމެންނަށް އެކަން ހާސިލުކުރެވިއްޖެ،" ކޯޗު ޒަކީރޯވް، އިއްޔެގެ މޮޅު ގައުމަށް ހާއްސަ ކުރަމުން ބުންޏެވެ.
އެއީ ކުޅުންތެރިން ގައުމަށްޓަކައި ދެއްކި ޖޯޝުގެ ވާހަކައެވެ. ގައުމު ކޮށްދިނީ ކޮންކަމެއްތޯއެއް ނުބަލައެވެ. ގައުމަށް ކޮށްދިނީ އަގު ނުކުރެވޭ އަގުހުރި ހިދުމަތެވެ.
ވަސީލަތްތައް މަޖުބޫރު: ސަރަހައްދުން ބޭރަށް ވިސްނަން ޖެހޭ
މިފަހަރު މުބާރާތަށް ރާއްޖެ ޓީމުން އެންމެ ބޮޑަށް ހޭނުމަށް ބޭނުންކުރީ ޗައިނާގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ 10 ވަރަކަށް ދުވަހުގެ އިންޑޯ ތަމްރީނުތަކެވެ. އެކަން ކޯޗުވެސް ފާހަގަކުރިއެވެ. މަދު ދުވަސްކޮޅަކުން ޓީމަށް އައި ބަދަލު ސާފެވެ. އެފްއޭއެމްއިން ހަމަޖެއްސި ކޭމްޕާއެކު ޓީމުގެ ކުޅުމާއި ވައްޓަފާޅި ބަދަލުވިއެވެ. ކޯޗު ޒަކީރޯވްގެ މޭސްތެރިކަމުގެ ދަށުންނެވެ.
އެއީ ކުޑަ ދުވަސްކޮޅަށް އިންޑޯއެއް ލިބުމުން ކުޅުންތެރިން ގެނެސްދިން ތަފާތެވެ. މުޅި ފުޓްސަލް އާއިލާއިން ހެކިވާނެ އެއް ކަމަކީވެސް އިންޑޯއެއްގެ ވާހަކައެވެ. ކުޅިވަރުގެ ވަސީލަތަކަށް މިވަގުތު ރާއްޖެއަށް އެންމެ މުހިއްމު ވަސީލަތަކީ އެއީއެވެ. އެއީ ކޮންމެހެން ބޭނުންތެރި އަސާސީ ވަސީލަތެކެވެ.
މީގެ ކުރިން 2022 ވަނަ އަހަރު އޭރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ، ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އެޅިގެންދާނެ ކަމަށެވެ. އެކަން އެކި ސަބަބުތަކާ ހެދި ނުވެ އޮތް ނަމަވެސް، ދެން މިއައި ސަރުކާރުން އަލުން އެކަމާ މަސައްކަތް ފެށިއެވެ. މިދިޔަ 2024 ވަނަ އަހަރު ފުޓްސަލް ކޮމްޕްލެކްސްއަށް މަސައްކަތް ކުރަން ފަށާފައި ވީ ނަމަވެސް، އަދި އެކަން ކާމިޔާބެއް ނުވެއެވެ. އެހެން ނަމަވެސް، އިއްޔެގެ ކާމިޔާބީއާއެކު އެންމެ ކުޑަމިނުން އެވަރު ކުޅުންތެރިންނަށް ކޮށްދޭން މަޖުބޫރު ވެއްޖެކަމަށް ހުދު މަތިފަޑިންވެސް ގަބޫލުކުރާނެއެވެ.
"ރަން ވަނައެއް ލިބުމަކީ، އެކަން ދިފާއުކުރުމަށްޓަކައި ކުރަން ޖެހޭނެ މަސައްކަތްތައް ގިނަ ކަމެއް. އޭގެ ތެރޭގައި ފުޓްސަލް ކުޅޭނެ ރަނގަޅު މާހައުލެއް، ރަނގަޅު ވަސީލަތްތަކެއް، އާއްމު ބަހުން ބުނާނަމަ އިންޑޯއެއް ފުޓްސަލްގެ ތަމްރީނުތަކަށް އޮތުމަކީ ފުޓްސަލް ކުޅޭ ހުރިހާ ކުދިންވެސް ދެކެމުން ދިޔަ ހުވަފެނެއް. މިހާރު މި ޖެހެނީ އެކަން ކުރިއަށްވުރެ އަވަސްކޮށް، މިކަންކޮށް އެ ފައިދާ ކުޅުންތެރިންނަށް ހޯދައިދޭން،" މިނިސްޓަރު އަބްދުﷲ ރާފިއު އިއްޔެގެ ކާމިޔާބީއަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ހަގީގަތުގައި ރާއްޖޭގެ ފުޓްސަލްއަކީ ސަރަހައްދީ އަސްދަނޑިން ބޭރަށްވެސް ގެންދެވޭނެ ހުނަރު ހުރި ކުޅިވަރެކެވެ. ވަސީލަތްތައް ހުރެއްޖެ ނަމައެވެ. ކާމިޔާބީން ޓީމު ދޭން ބޭނުންވާ އެންމެ ބޮޑު އެއް މެސެޖަކަށް އެ މެސެޖުވެސް ވާނެއެވެ.
ހަނދާން އާކުރަންވީ ސަރަހައްދީ ކާމިޔާބީން: 2008 އިން 2018 އަށް
މީގެ ކުރިން 2008 ވަނަ އަހަރު ސާފް ތަށި ނެގުނު ފުޓުބޯޅައިން، ދެން ދެވަނަ ތަށްޓަށް 10 އަހަރު މަޑުކުރަން ޖެހުނު. އެކަމުން ލިބުނު ފިލާވަޅުން އަޅުގަނޑުމެން ކާމިޔާބީގައި އެއަށްވުރެ ބޮޑަށް ދެމިތިބޭނެ ގޮތެއް ހޯދަން ޖެހޭކަން އެނގޭ،"
މިނިސްޓަރު ރާފިއު އިއްޔެ ވިދާޅުވި މި ވާހަކައަށް ޝައުގުވެރިކަން ހުއްޓުނެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ފާހަގަކުރެއްވިހެން މީގެ ކުރިން މި ސަރަހައްދުގައި ފުޓްސަލް ވާދަވެރިކަމެއް ނެތެވެ. މިއީ އަލަށް ލިބުނު ފުރުސަތެކެވެ. އެ ފުރުސަތުގައި ރާއްޖޭން ހޯދީ ކާމިޔާބެވެ. ދެން ލިބޭ ފުރުސަތަކަށް، މާލީ ތަނަވަސްކަން މާ ބޮޑު، ވަސީލަތްތައް މާގިނަ އެހެން ގައުމުތަކުން ތައްޔާރު ވާނެއެވެ. ފުޓުބޯޅައިގައި އިންޑިއާ ކަހަލަ ގައުމުތަކުން ރާއްޖޭގެ މައްޗަށް މަޑުމަޑުން ގަދަވިހެން، ފުޓްސަލްގައި ގަދަވުމަށް އެ ގައުމުތަކުން ދަތުރު ފަށާނެއެވެ. އެހެންކަމުން ދެން އޮތް ހަރުފަތަށް މާ ގިނަ ވަގުތު ހޭދަކުރެވޭކަށް ނެތެވެ.
ދުވެލި ބާރުކުރާން ޖެހެއެވެ. ފުޓްސަލްގައި ފަހަތުން އެރުމަށް ހުނަރު ތަރައްގީކުރަން ޖެހިފައި އޮތް ގައުމުތަކުން އެކަމަށް މަސައްކަތް ފަށާނެއެވެ. ރާއްޖެއަށް ލިބިފައިވާ ފުޓްސަލް އެތުލީޓުންގެ ބޭނުން ހިފަން، ރަނގަޅު ޕްލޭނެއް "އިމްޕްލިމެންޓް" ކުރަން ޖެހެއެވެ. އެއީ ސަރަހައްދު ފަތަހަކޮށް، ދެން އޮތް މަރުހަލާއަށް މަދުވާ ބައެވެ. ވަސީލަތްތަކާއެކު ދާއިމީ މުބާރާތްތައް ބޭއްވި، ފުޓްސަލް ޕްރޮފެޝަނަލް ކުރަން ޖެހެއެވެ. ޔަގީނެވެ. ބެލުންތެރިން ގިނަ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާވެސް ކުޅިވަރެވެ. ވިޔަފާރީގެ ވިސްނުމަކުން ކުޅިވަރުގެ ޕްރޮފެޝަނަލް ވިސްނުމަށް ދާން ބޭނުންވާ ނަމަވެސް، ދެވެން އޮތް ކުޅިވަރެކެވެ. އެ މޮޑެލަށް މުޅި ނިޒާމު ބައްޓަން ކުރަން މަޖުބޫރެވެ. އިހުލާސްތެރި މަސައްކަތްތަކެއް، ކުޅުންތެރިންނަށްޓަކައި ކޮށްދޭން ޖެހެއެވެ. އިހުމާލުވެފައި އޮތް ކުޅިވަރުން ހޯދައިދިން ރަން މަގާމު ދެމެހެއްޓޭނީ އޭރުންނެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް