ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަނަށް ރޭ ކްލަބުތަކުން މަރުހަބާ ކިޔައިފިއެވެ. ޔޫރަޕްގެ އެންމެ ތާރީހީ އަދި އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު ރޭ ފަށާފައިވާ އިރު، ފެވަރިޓުންގެ ގޮތުގައި ބަލާ މެންޗެސްޓާ ސިޓީއާއި ޕީއެސްޖީ އަދި އެންމެފަހުގެ ރެއާލް މެޑްރިޑުންވެސް ވަނީ ފެށުން ރަނގަޅު ކޮށްފައެވެ.
ޗެލްސީއަށް ފެށުން ގޯސްވި ނަމަވެސް، ރޭ ދަންވަރު ކުޅުނު މެޗުތަކުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ސިޓީން އަވޭގައި ސެވިއްޔާ ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި ވަރުގަދަ ޕީއެސްޖީން އަމިއްލަ ދަނޑުގައި ޔުވެންޓަސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލްއިން އަވޭގައި ސެލްޓިކާ ދެކޮޅަށް ކުޅުނު އިރު، އެޓީމުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ޔޫރަޕްގެ ފުޓުބޯޅައިގައި ޒަމާންތަކެއް ވަންދެން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީގެ ވާދަވެރިކަން ދެމިގެން ގޮސް، އެ ވާދަވެރިކަން ނިމުމުގެ ކޮޅުމައްޗަށްވެސް އެޅިއްޖެއެވެ. މެސީ ޕީއެސްޖީ މެދުތެރެއިން މުޅި މެޗުގެ ކޮންޓްރޯލުގައި ހުރެ ޓީމު ލައްވައި ކުޅުވި ނަމަވެސް އެއީ މިހާރު ކުރީގެ މެސީއެއް ނޫނެވެ. އަދި ރޮނާލްޑޯ މިފަހަރު ޔުނައިޓެޑާއެކު ނުކުންނާނީ ޔޫރޮޕާ ލީގަށެވެ. އެހެންކަމުން އެރާއެއްގެ ނިމުން ފެށިއްޖެއެވެ. އަދި ޒުވާން ޖީލަކަށް ފުރުސަތު ފަހިވެސް ވެއްޖެއެވެ. ރޭގެ މެޗުތަކުން އެ މަންޒަރު ފެނުނު ކަމަށް އެތައް ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާއި ނޯވޭގެ ގޯލު މެޝިން އާލިން ހާލަންޑަށް ފުޓުބޯޅަ ތައްޔާރު ކަމަށް އެތަކެއް ބަޔަކު ބުނަމުން އަންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރޭ ސިޓީން ކުޅުނު މެޗުގައި ހާލަންޑް ދެގޯލު ޖެހި އިރު، އެމްބާޕޭވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އުމުރުން އެންމެ 22 އަހަރުގައި ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 20 މެޗުން 25 ގޯލު ޖަހައިފައެވެ. އަދި އެމްބާޕޭ ވަނީ 23 އަހަރުގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް 35 ގޯލު ޖަހައިފައެވެ.
ރޭ މެޗުގައި ހާލަންޑް ޖެހި ދެވަނަ ގޯލަކީ އޭނާ ސިޓީއަށް ކުޅުނު އަށް މެޗުން ޖެހި 12 ވަނަ ގޯލެވެ. އަދި ރޭގެ މެޗުގައި އެމްބާޕޭ ޖެހި ދެވަނަ ގޯލަކީ މި ސީޒަނުގައި އޭނާ ކުޅުނު ހަ މެޗުން ޖެހި ނުވަވަނަ ގޯލެވެ. ސިޓީން ރޭ ފުލް ކޮންޓްރޯލުގައި ކުޅެ ސެވިއްޔާ ބަލިކުރި އިރު، ހާލަންޑްގެ އިތުރުން ގޯލުތައް ޖަހައިދިނީ ފިލް ފޮޑެންއާއި ރުބެން ޑިއާސްއެވެ.
ޕީއެސްޖީން އެމްބާޕާގެ ދެ ގޯލާއެކު ފުރަތަމަ ހާފުގައި ލީޑު ނެގި ނަމަވެސް ފަހު ހާފުގައި ވެސްޓަން މެކެންޒީ ވަނީ ޔުވެންޓަސްއަށް ގޯލެއް ޖަހައިދީ އުންމީދު ހޯދައިދީފައެވެ. އެހެން ނަމަވެސް އެޓީމަށް ޕީއެސްޖީ ކައިރީ ދެވަނަ ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
އެންމެފަހުގެ ޗެމްޕިއަން ރެއާލްއިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާ އިރު، ހާފުގެ އުސްއައްޔަކީ ކަރިމް ބެންޒެމާއަށް އަނިޔާވުމެވެ. މިދިޔަ ސީޒަނުގައި ރެއާލްއިން ޗެމްޕިއަންސް ލީގު ނެގި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ޔޫއެފާ ބެސްޓް ޕްލޭޔާ މަގާމު ދާދިފަހުން ހޯދި ބެންޒެމާ މެޗުގެ 30 ވަނަ މިނެޓުގައި ބާލަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ބެންޒެމާގެ ބަދަލުގައި ކުޅެން އެރި އެޑެން ހަޒާޑު ގޯލެއް ޖަހައި އެސިސްޓެއް ހެދި އިރު، ރެއާލްގެ ހުރިހާ ގޯލެއް ފެނުނީ ދެވަނަ ހާފުގައެވެ. ހަޒާޑުގެ އިތުރުން ގޯލުތައް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއާއި ލޫކާ މޮޑްރިޗެވެ.
ބެންޒެމާގެ އަނިޔާގެ ތަފުސީލު އަދި އެނގިފައި ނުވި ނަމަވެސް އޭނާ ކޮންމެވެސް މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ. ކުރިއަށް ވޯލްޑް ކަޕުވެސް އޮތުމާއެކު ބެންޒެމާގެ އަނިޔާގެ ތަފުސީލު ބެލުމަށް ފްރާންސްގެ ސަޕޯޓަރުންވެސް ތިބޭނީ ކެތް މަދުވެފައެވެ.
ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު އިތުރު މެޗުތަކަށްބަލާ އިރު، އޭސީ މިލާނުން ސާލްސްބާގާ އެއްވަރުވީ 1-1 އިންނެވެ. ޝަކްތާ ޑޮނެސްކުން ލެއިޕްޒިގް ކައިރީ 4-1 ގެ މޮޅެއް ހޯދި އިރު، ބެނިފީކާ ވަނީ މަކާބީ ހައިފާ ކައިރިން 2-0 އިން މޮޅުވެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު