ޕައުލް ޕޮގްބާ

ޕޮގްބާއަށް ސާޖަރީއަށް ނުގޮސް ވާކަށް ނެތް، ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު!

ޖުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ސާޖަރީއަކަށް ނުގޮސްވާނެ ގޮތެއް އޮތް ކަމަށް ކުރިން ޑޮކްޓަރުން ބުނި ނަމަވެސް، ސާޖަރީއެއް ކުރަން މަޖުބޫރު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާއަށް އަނިޔާވިކަން ޔުވެންޓަސްއިން އިއުލާނުކުރީ މި ސީޒަނަށް ތައްޔާރުވާން ކުޅުނު ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އެ މެޗުގައި ޔުވެންޓަސްއިން މެކްސިކޯގެ ޗީވާސް ގުއަޑަލަޖާރާއާ ދެކޮޅަށް ކުޅެފައިވާ އިރު، މެޗަށްފަހު ޕޮގްބާ ބުނެފައި ވަނީ އޭނާގެ ކަނާތު ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. ޓެސްޓުތަކުން ދެއްކި ގޮތުގައި މެޗުގައި އަނިޔާވީ ޕޮގްބާ ކަކުލުގެ މެނިސްކަސްއަށެވެ.

ސާޖަރީއަކަށް ނުގޮސް ރަނގަޅުވުމަށް ފަސް ހަފުތާގެ ހާއްސަ ފަރުވާއެއް ޕޮގްބާ ނަގާފައިވެއެވެ. އެއީ ޖިމްގެ މަސައްކަތްތަކެއްގެ އިތުރުން ޕޫލުގެ މަސައްކަތްތަކެއް ހިމެނޭ ފަރުވާއެއް ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެ މަސައްކަތްތަކަށްފަހު އިއްޔެ އަނބުރާ ތަމްރީނުތަކަށް ޕޮގްބާ ނުކުތް އިރު، ތަމްރީނުތަކުގެ ވަކި ހިސާބަކުން ހުއްޓާލަން ޖެހިފައިވެއެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފައި ވަނީ ޕޮގްބާގެ އަނިޔާ ބޮޑުވެދާނެ ކަމަށް ތަމްރީނުތައް ހުއްޓާލި ކަމަށާއި، ބެލެވޭ ގޮތުގައި އެއްކޮށް ފިޓްވާނީ ޖެނުއަރީއަށް ކަމަށެވެ.

އަލެގްރީ އެހެން ބުނި ނަމަވެސް ފްރާންސް ގައުމީ ޓީމުން ޕޮގްބާގެ ފިޓްނެސްއަށް ބުރަކޮށް މަސައްކަތް ކުރާނެއެވެ. ޕޮގްބާގެ ސާޖަރީ ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރަން ތައްޔާރުވަމުން އަންނަ އިރު، ބެލެވޭ ގޮތުގައި އަލުން ތަމްރީނުތަކާ ހަމައަށްދާންވެސް 40 ދުވަހާއި 60 ދުވަހުގެ މުއްދަތެއް ބޭނުންވާނެއެވެ. އެ ތާރީހަށް އަނބުރާ ދަނޑަށް އާދެވުނަސް ޕޮގްބާއަށް މިފަހަރުގެ ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބެލެވެއެވެ.

އެންމެފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސުން ގްރޫޕް ސްޓޭޖުގައި މިފަހަރު ކުޅޭ ފުރަތަމަ މެޗު އޮންނާނީ 22 ނޮވެންބަރުގައި އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ، އެނބުރި ޔުވެންޓަސްއަށް މި ސީޒަނަށް ދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގައެވެ. ޕޮގްބާއަކީ ފްރާންސްގެ ގައުމީ ޓީމަށް މުހިންމުވާނެ ކުޅުންތެރިއެކެވެ. ޔުނައިޓެޑްގައި ފޯމު ދަށްކޮށް ފެނުނު ނަމަވެސް، އަބަދުވެސް ފްރާންސް ޓީމުގައި ޕޮގްބާގެ ފޯމު ފެންނަނީ ރަނގަޅަށެވެ.