ޕީއެސްޖީ

މެސީއާއި އެމްބާޕޭގެ ތަފާތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ނޮންޓް ކައިރީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ނޮންޓްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗު ކާމިޔަބުކުރަން ޕީއެސްޖީއަށް ފަސޭހަވެގެން ދިޔައީ 24 ވަނަ މިނެޓުގައި ނޮންޓްގެ ކުޅުންތެރިޔަކަށް ދެއްކި ރަތް ކާޑަކާއެކުގައެވެ. ޕެރޭރާ ޑަ ސިލްވާ ޕީއެސްޖީގެ ވިޓީނިއާ ފަޔަށް ޖެހި ޓެކުލަކަށް ރެފްރީ ދެއްކި ރަތް ކާޑާއެކު ނޮންޓުން ކުޅުނީ ކުޅުންތެރިޔަކު މަދުންނެވެ.

ޕީއެސްޖީން ވަރުގަދަކޮށް ފެށި މެޗުގެ ކުރީކޮޅުގައި އެ ޓީމުން ލީޑުވެސް ނެގިއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ ރޭގެ މެޗުގައިވެސް މޮޅަށް ކުޅުނު ލިއޮނަލް މެސީއެވެ. މެސީ ރަނގަޅު ފޯމެއްގައި މި ސީޒަން ފަށާފައިވާ އިރު، އޭނާގެ ފަރާތުން ރޭގެ މެޗުގައިވެސް ފެނުނީ ހުނަރުވެރި މޮޅު ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 އިން ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އެމްބާޕޭ ވަނީ މެސީގެ ޕާހަކުން ދެވަނަ ގޯލެއް ޖަހައިފައެވެ. އެމްބާޕޭ އެ ގޯލު ޖެހީ މެސީ ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައިންނެވެ. އެ ގޯލު ރެފްރީ ދީފައި ވަނީ ވީއޭއާރުގެ އެހީގައެވެ. ފުރަތަމަ އެ ގޯލު ރެފްރީ ނުދިނީ އެ ބޯޅައަށް މަސައްކަތް ކުރި އިރު، އެމްބާޕޭ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ބުނެއެވެ.

އެމްބާޕޭއާއި މެސީގެ ގުޅުން މިދިޔަ ސީޒަނުގައި ކުޑަކޮށް ފެނުނު ކަމަށް މީޑިއާތަކުން ސިފަކޮށްފައިވީ ނަމަވެސް 2022 އިން ފެށިގެން މި ސީޒަނުގެ މިހާތަނަށް އައި އިރު، އެމްބާޕޭ ޖެހި 26 ގޯލުގެ ތެރެއިން 10 ގޯލަށް އެސިސްޓް ކުރީ މެސީއެވެ.

މިހާތަނަށް ކުޅުނު ހަ މެޗުން ފަސް މޮޅު ހޯދައި، އެއް މެޗުން އެއްވަރުކޮށް ޕީއެސްޖީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެއީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.