އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހޯއްދަވަން ދައުވާކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓަކަށް ޔާމީން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ އެއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާކަމަށް ޝައްކުރެވިގެން ކަމަށް ވިދާޅުވެއެވެ. ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް އެކައުންޓުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރީ 2018 ވަނަ އަހަރުއެވެ.
ރައީސް ޔާމީން ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރަކީ އެ މަނިކުފާނުގެ ފައިސާ ކަމަށެވެ. ޔާމީން ވިދާޅުވީ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓުގެ އެއްބަސްވުމުގައި އެ އެއް މިލިއަން ޑޮލަރު އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ކަނޑަނޭޅިއްޖެނަމަ. އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭ ކަމަށެވެ.
ޔާމީން ވިދާޅުވީ އެއްބަސްވުމުގައި އެގޮތަށް ބަޔާން ކޮށްފައިވިޔަސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ފައިސާ އަދިވެސް ޖަމާކޮށްދީފައި ނުވާ ކަމަށެވެ.
"އެކަމަކު ބޭންކް އޮފް މޯލްޑިވްސްއިން އަދިވެސް އެކަން ކޮށްދޭކަށް ނޫޅޭ. ދެން މިހާރު އެ މައްސަލައިގައި [އެ ފައިސާ ހޯދަން] ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިޔުމުގެ މަގުމަތީގައި މިއުޅެނީ،" ޔާމީން ވިދާޅުވިއެވެ.
އެސްއޯއެފް އެކައުންޓުން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާތަކަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ނޫންކަމަށް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޔާމީން ވިދާޅުވެފައިވަނީ އެ ފައިސާއަކީ ކެމްޕޭނަށް އެކިއެކި ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށެވެ. ޕީޕީއެމްގެ ފައިސާގެ ކަންކަން ބަލަހައްޓަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އަދީބު ކައިރީގައި އެ ފައިސާ ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ވެސްރޭ ޔާމީން ވިދާޅުވީ ސިޔާސީ އެކިއެކި ކަންކަމުގައި އެ މަނިކުފާނަށް ފައިސާ ދެއްވާ މީހުންގެ މައުލޫމާތު ހާމަކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު