ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަކުރުމަށް، އަދި ލީގު ތަށްޓައް ވާދަކުރަން އިތުރު ދެ ޓްރާންސްފާއެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޓޮޓެންހަމްއަށް މިދިޔަ ސީޒަނުން ފެށިގެން އިރުޝާދު ދެމުން އަންނަނީ އިޓަލީގެ ވަރުގަދަ ކޯޗު ކޮންޓޭއެވެ. ކޮންޓޭއާއެކު ޓޮޓެންހަމްއިން ޗެމްޕިއަންސް ލީގު މަގާމެއްވެސް ހޯދާފައިވާ އިރު، ޓްރާންސްފާ މާކެޓްގައި ފެންނަނީ ކާމިޔާބު ކޮށެވެ. ހާއްސަކޮށް ޓޮޓެންހަމްއިން ވަނީ ވަރުގަދަ ޓްރާންސްފާތަކެއް މިހާތަނަށް ކޮށްފައެވެ. ކްރޮއޭޝިއާގެ އިވާން ޕެރަސިޗާއި ބްރެޒިލްގެ ރިޗާލްސަން އަދި އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ މި ސީޒަނަށް ޓޮޓެންހަމްއަށް ގެންގޮސްފައިވާ އިރު، ލީގުގައި ޓީމު ފެންނަނީ ވަރުގަދަ ކޮށެވެ.

މިހާތަނަށް ކޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ތިންވަނަ މަގާމުގައެވެ. ޓޮޓެންހަމްގެ ކުރިން ދެވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށްވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައި އޮތް އިރު، އެއްވަނައިގައި އާސެނަލް އޮތީ ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ.

"މިދިޔަ ސީޒަނާ އަޅައިބަލާއިރު، މި ސީޒަނުގައި އޮތް ސްކޮޑު ފުރިހަމަ. އެހެން ނަމަވެސް އެންމެ މަތީ ފަންތީގެ ޓީމުތަކާ ވާދަކުރަން އަދި ވަގުތު ބޭނުންވޭ. ކެތްތެރިވާން ޖެހޭ. އޭގެ އިތުރުން ޓްރާންސްފާ މާކެޓްގައި މަސައްކަތްތަކެއްވެސް ކުރަން ޖެހޭ. އެންމެ މަދުވެގެންވެސް ދެ ޓްރާންސްފާއެއް އަދި ފުރިހަމަ ކުރަން އެބަޖެހޭ،" ކޮންޓޭ ބުންޏެެވެ.

ކޮންޓޭ ބުނެފައި ވަނީ އިތުރު ޓްރާންސްފާތަކަކަށް ބޯޑާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި، ޑެޑްލައިން ޑޭގައި އިތުރު ޓްރާންސްފާތަކެއް ފެނުން ގާތް ކަމަށެވެ. އެހެން ނަމަވެސް އެންމެފަހުވަގުތު ކުޅުންތެރިޔަކު ޓީމަށް ނުގެނެވުނު ނަމަވެސް އެކަމާ ޝަކުވާއެއް ނެތް ކަމަށްވެސް ކޮންޓޭ ފާހަގަކުރިއެވެ.