އަޔެކްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް، އެންޓޮނީ ޑޮސް ސަންޓޯސްގެ ޓްރާންސްފާއަށް މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އިތުބާރު ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންޓޮނީ ގެންދަން ޔުނައިޓެޑުން އަޔެކްސްއާ ވެފައިވާ އެއްބަސްވުމުގެ ޖުމުލަ އަގަކީ 100 މިލިއަން ޔޫރޯއެވެ. އެ އަގަކީ ޓްރާންސްފާ ފީގެ އިތުރުން ބޯނަސްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އަދަދުތައްވެސް ހިމެނޭނެ އަގެއް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑުން އެންޓޮނީ ހޯދަން މަސައްކަތް ކޮށްފައިވެއެވެ. ކުރިން އަޔެކްސްގެ ކޯޗުކަމުގައި ހުރި އެރިކް ޓެން ހާގު މިހާރު ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އިރު، އެންޓޮނީއަކީ ޓެން ހާގުގެ އިރުޝާދުގެ ދަށުން އަޔެކްސްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އުމުރުން 22 އަހަރުގެ ހުނަރުވެރި ވިންގް، ބްރެޒިލްގެ ސައުޕާލޯއިން 2020 ވަނަ އަހަރު އަޔެކްސްއާ ގުޅުނީ ކުޑަ އަގެއްގައެވެ. އެފަހުން ނެދަލޭންޑްސް ލީގުގައި އަޔެކްސްއާއެކު ކުޅުނު 57 މެޗުގައި އެންޓޮނީ ވަނީ 18 ގޯލު ޖަހައިފައެވެ. ދުވެލި ބާރު ކުޅުންތެރިއެއްގެ ގޮތުގައި އެންޓޮނީ ފާހަގަވެފައިވާ އިރު، އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ މޮޅު ޗަރުކޭސްތަކުންނެވެ.

އެންޓޮނީ ހޯދަން މީގެ ކުރިން ޔުނައިޓެޑުން ކުރި ދެ ބިޑަކަށް އަޔެކްސްއިން ނޫނެކޭ ބުނެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯގެ ބިޑެކެވެ. އެ ބިޑަށް އަޔެކްސްއިން ނޫނެކޭ ބުނުމުން، ފަހުން ޔުނައިޓެޑުން ވަނީ 94 މިލިއަން ޔޫރޯގެ ބިޑެއްވެސް ކޮށްފައެވެ. އެ އަގަށްވެސް އެންޓޮނީ ވިއްކަން އަޔެކްސްއިން ދެކޮޅު ހެދުމުން އެންޓޮނީ ވަނީ ނޫސްތަކަށް ހާއްސަ އިންޓަވިއުއެއް ދީފައެވެ.

އިންޓަވިއުގައި އެންޓޮނީ ވަނީ ފާޅުގައި އަޔެކްސް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެކަމަށް އެތައް މަސައްކަތެއް ކޮށްގެންވެސް ޔުނައިޓެޑަށް ދެވޭނެ ފުރުސަތު ފަހިވެފައި އޭރު ނެތުމުން އެންޓޮނީ ވަނީ އަޔެކްސްއަށް ކޮންމެވެސް ވަރަކަށް ނުރުހުންވެސް އަމާޒު ކޮށްފައެވެ. އެންޓޮނީގެ އިންޓަވިއުގައި އޭނާ ބުނީ އަޔެކްސްގައި ހޭދަކުރި އުފާވެރި ދުވަސްތައް ނިންމައި، އާ ޗެލެންޖަކަށް ހުވަފެނީ ޓްރާންސްފާއެއްގައި ޔުނައިޓެޑަށް ދާން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ.

އެންޓޮނީ ގެންދަން އެންމެފަހުގެ މަރުހަލާ މިއަދު ޔުނައިޓެޑުން ފުރިހަމަ ކުރާނެ ކަމަށް ބެލެވޭ އިރު، އެ ޓްރާންސްފާއާއެކު ޔުނައިޓެޑުގެ ސްކޮޑު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.

ދަށްކޮށް ސީޒަން ފެށުމުން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވެރިންނަށް ޕްރެޝަރާ ކުރިމަތިވުމުން، ވެރިން ވަނީ ޓްރާންސްފާތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސެމީރޯވެސް އެ ކްލަބަށް ގެންގޮސްފައެވެ. އެންމެފަހުން ޔުނައިޓެޑުން ސައުތުހެމްޓަން ކައިރީ މޮޅުވި މެޗުގައި ކަސެމީރޯ ވަނީ ކުޅެފައެވެ.