ސީޕީ މުހައްމަދު ހަމީދު

އަލަމްގީރްގެ ބަޔާން ލީކުވި މައްސަލަ ފުލުހުން ބަލާނެ، އިތުރު ތިން ފަރާތެއްގައި ބަޔާން އޮންނާނެ: ސީޕީ

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެ އެވެ.

އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ސޯޝިއަލް މީޑިއާގައި ލީކުކޮށްލައިފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ބަޔާނުގައި އަލަމްގީރް ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި އެކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެކަން ކުރި އިރު އޭނާ ވީޑިއޯ ކުރި ގޮތާއި ބައެއް މީހުން އޭނާއަށް ފައިސާއާއި އެނޫން އެކި ކަހަލަ ހަދިޔާތައް ދިން ކަމަށް ވެސް ތަހުގީގު ބަޔާނުގައި އަލަމްގީރް ބުނެފައިވެއެވެ.

ޖުމުލަ ހަ ސަފުހާގެ މައްޗަށް އެކުލެވޭ މި ތަހުގީގު ބަޔާނުގެ ހުރިހާ ސޮފުހާއެއްގައި އަލަމްގީރު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެންމެ ފަހު ސަފުހާގައި، ތަހުގީގު ކުރި ޓީމުގެ ފަރާތުން އިންސްޕެކްޓަރު ފެންވަރުގެ ހަތަރު ފުލުހަކު ސޮއިކުރައްވައިފައިވެއެވެ.

މީގެ އިރުކޮޅެއް ކުރީން "ވަން" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ، މިހައިތަނަށް ވެސް މި ބަޔާން އޮތީ ފުލުހުންގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ލީކުވެފައި ނުވާ ކަމަށެވެ. އަދި މާދަމާއަށް ކޯޓުގައި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް މިކަން ދިމާވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ތެރެއިން އެކަން ބަލާނެ ކަމަށެވެ.

"ފުލުހުން މި މައްސަލަ ބަލާނެ. ފުލުހުންގެ ބޭރުންވެސް އިތުރު ތިން ފަރާތެއްގައި މިހާރު މި ބަޔާން އޮންނާނެ. އެހެންވީމަ މިކަން ވެގެން މި އުޅެނީ ކޮން ދިމާއަކުން ކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ބަޔާން އޮތީ ފުލުހުން އަތުގައި." ސީޕީ ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގީރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގީރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.

ލީކުވެފައިވާ ބަޔާނަށް ބެލުމުން ފެންނަގޮތުގައި އެއީ ސްކްރީނަކުން ނަގައިފައިވާ ފޮޓޯއެކެވެ.