އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން މި ހޫނު މޫސުމުގެ ޓްރާންސްފާގައި މިހާތަނަށް ކުރި ޓްރާންސްފާތަކަށް ބަލާއިރުވެސް ރެކޯޑު އަދަދަކަށް ހަރަދު ކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުން ގިނަ އަދަދަކަށް ޓްރާންސްފާތައް ކުރަމުން އަންނައިރު، ފައިނޭންސް ކޮމްޕެނީ ޑެލޮއިޓޭގެ ދިރާސާ ދައްކާ ގޮތުން ޓްރާންސްފާ ބާޒާރު ބަންދު ނުވަނީސް އެންމެފަހުން 2017 ވަނަ އަހަރުގެ ހޫނު މޫސުމުގެ ރެކޯޑު މިހާރު މުގުރާލައިފިއެވެ. މިހާތަނަށް ކުރި ޓްރާންސްފާތަކަށް ލީގުގެ ކްލަބުތަކުން 1.5 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާ އިރު، 2017 ވަނަ އަހަރުގެ ރެކޯޑުގެ އަދަދަކީ ޖުމުލަ 1.4 ބިލިއަން ޕައުންޑެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ބަންދުވުމަށް އަދި ހަފުތާއެއްހާ ދުވަސް އޮތް އިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގެ މިހާތަނަށް އައި އިރު، ކްލަބުތަކުން ކޮށްފައިވާ ހަރަދުގެ ޖުމުލައަކީ 895 މިލިއަން ޕައުންޑެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާތަކުގައި ޖުމުލަ 1.9 ބިލިއަން ޕައުންޑް ކްލަބުތަކުން ހަރަދު ކޮށްފައިވެއެވެ.

ޑެލޮއިޓޭގެ އެސިސްޓެންޓް ޑިރެކްޓަރު ކްރިސް ވުޑް ގަބޫލުކުރާ ގޮތުގައި އިނގިރޭސި ލީގުގެ ކްލަބުތަކަކީ ވިޔަފާރި މޮޑެލްތަކުގެ ކްލަބުތަކަށްވުމަކީ ބޮޑެތި ހަރަދުތައް ކުރުމަށް ލިބޭ ފަސޭހައެއް ކަމަށެވެ. އޭގެ އިތުރުން މި ޓްރާންސްފާ ސީޒަނުގައި ހަރަދުތައް ބޮޑުވެގެން ދަނީ ކޮވިޑަށް ފަހު ކްލަބުތަކަށް މާލީ ގޮތުން ހިންދެމިލަން ފުރުސަތު ފަހިވުމުން ކަމަށްވެސް ވުޑް ފާހަގަކޮށްފައިވެއެވެ.

މި ޓްރާންސްފާ ސީޒަނުގެ މިހާތަނަށް އައި އިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ކޮށްފައިވާ ބޮޑެތި ޓްރާންސްފާތަކުގެ ތެރޭގައި ލިވަޕޫލުން އުރުގުއޭގެ ފޯވަޑް ޑާވިން ނުނޭޒް، 64 މިލިއަން ޕައުންޑަށް ބެނިފީކާއިން ގެނައުމާއި، މެންޗެސްޓާ ޔުނައިޓެޑުން 70 މިލިއަން ޕައުންޑްގެ އަގަކަށް ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ގެނައުން ހިމެނެއެވެ.

އޭގެ އިތުރުން ސިޓީން ޑޯޓުމަންޑަށް ކުޅެމުން ދިޔަ އާލިންގް ހާލަންޑްވެސް ގެނެސްފައިވާ އިރު، ޗެލްސީން ރަހީމް ސްޓާލިންގެ ސޮއި ހޯދީ 50 މިލިއަން ޕައުންޑްގެ ޑީލެއްގައެވެ. އަދި އެ ކްލަބުން ބްރައިޓަންގެ މާކް ކުކުރޭޔާ ގެންގޮސްފައި ވަނީ 60 މިލިއަން ޕައުންޑުގެ އަގެއްގައެވެ.

މިހާތަނަށް ޕްރިމިއާ ލީގުގެ ކްލަބުތަކުން ކޮށްފައިވާ ޓްރާންސްފާތަކަށް ބަލާއިރު، 30 މިލިއަން ޕައުންޑަށްވުރެ މަތީ އަގަކަށް އަށް ކުޅުންތެރިޔަކު ކްލަބުތަކަށް ގެންގޮސްފައިވެއެވެ. މިދިޔަ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެ އަގަށްވުރެ މަތިން ކްލަބުތަކަށް ގެންގޮސްފައި ވަނީ އެންމެ ހަތަރު ކުޅުންތެރިންނެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައިވެސް ޕްރިމިއާ ލީގުގެ ކްލަބުތަކުން އަދި ބޮޑެތި ޓްރާންސްފާތަކެއް ކުރާނެއެވެ. އެގޮތުން ޗެލްސީއާއި ނިއުކާސަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން މިހާރުވެސް ދަނީ ބޮޑެތި ޓްރާންސްފާތަކެއް ނިންމަން ތައްޔާރުވަމުންނެވެ. އެހެންކަމުން ހަރަދުގެ ޖުމުލަ އަދިވެސް ބޮޑުތަކުން މައްޗަށް ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.