އެމްޓީސީސީ ނޯތް ލީގުގެ ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުގައި އަލިފުށި ރެކްރިއޭޝަން ކްލަބާއި ދުވާފަރު ސްޕޯޓްސް ކްލަބް އެއްވަރުވެއްޖެއެވެ.
ނޯތް ލީގުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގެ މެޗުތައް އިއްޔެ ފަށާފައި ވަނީ ރ. އަލިފުށީ ޓާފް ދަނޑުގައެވެ. އިއްޔެ ހަވީރު ވިއްސާރައިގައި ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.
އެފްއޭއެމް ނޯތް ލީގުގައި ފުރަތަމަ ތިން ގްރޫޕްގެ މެޗުތައް މިހާރު ނިމިފައިވާ އިރު، އަލިފުށީގައި ފެށީ ރ. އަތޮޅުގެ މެޗުތަކެވެ. އެ އަތޮޅުން ދުވާފަރާއި އަލިފުށީގެ އިތުރުން ދެން އޮތީ އުނގޫފާރެވެ. ނޯތް ލީގުގެ ފުރަތަމަ ޑިވިޝަނުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތަކަކީ ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫއެވެ. ދެން އެ ޑިވިޝަނަށް ރ. އަތޮޅުން ދާނީ ގްރޫޕް ޑީގެ އެއްވަނައާއި ދެވަނައެވެ.
އިއްޔެގެ މެޗުގެ ހަތަރު ވަނަ މިނެޓުގައި ދުވާފަރުން ލީޑު ނެގީ އެ ޓީމުގެ އިސްމާއިލް މުހައްމަދު ޖެހި ގޯލުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީވެސް އިސްމާއީލެވެ.
ދުވާފަރުން ދެ ގޯލުގެ ލީޑެއް ނެގިތާ ދެ މިނެޓް ފަހުން އަލިފުށީގެ ކެޕްޓަން، އާދަމް އިމްރާން (އިންނަ) ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ. އެ ގޯލަކީ އިންނަ ޖެހި ހިލޭ ޖެހުމެކެވެ. ދެވަނަ ހާފަށް ނުކުމެ އަލިފުށިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، މެޗުގެ 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ޖެހީ ރަޒާން އަލީއެވެ.
އަލިފުށިން މުބާރާތަށް ތައްޔާރުވީ އެ ޓީމުގެ ކެޕްޓަނަކަށް ކުރިން ގައުމީ ޓީމަށް ކުޅެ، މިހާރު ރިޓަޔާކޮށްފައިވާ މުހައްމަދު ރަޝީދު (ހޮކޭ) ލައިގެންނެވެ. ނަމަވެސް ހޮކޭ ޕްރެސިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަންގައި ކުޅެފައި ހުރުމުން އޭނާއަށް ރަށު ޓީމަށް ރަޖިސްޓްރީ ވެވޭ ގޮތް ނުވެ، މިހާރު ހުރީ އޮފިޝަލެއްގެ ގޮތުގައެވެ.
ނޯތް ލީގުގެ ގްރޫޕް ޑީގެ މެޗެއް ދެން އޮންނާނީ މާދަމާ ހަވީރެވެ. އެ މެޗުގައި ދުވާފަރުން ނުކުންނާނީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭ އުނގޫފާރާ ދެކޮޅަށެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނާނެ އެވެ.
ކޮންމެ ޒޯނެއްގެ އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބްގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު