އޭޝިއާގެ ލީގުތަކުގައި އާންމުކޮށް ތަފާތު ދައްކަނީ ބިދޭސީން ކަމަށާއި، ރާއްޖޭންވެސް އެ ތަފާތު ފެންނަ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފިއެވެ.

މިދިޔަ ފަސް އަހަރުގެވެސް ޗެމްޕިއަން މާޒިޔާއިން އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމުގެ ކުރިން، ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެއެވެ. އެގޮތުން، ނިއު އަތުން ބަލިވެ، ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު މެޗަކުން މާޒިޔާ ބަލިވި އިރު، އޭގެ ފަހުން ކުޅުނު މެޗުން ވިކްޓަރީއާ އެއްވަރުވިއެވެ.

މިހަފުތާގައި މާޒިޔާއިން ކުޅެން އޮތީ އަލަށް ލީގުގައި ވާދަކުރާ ބިސް ބުރާ ދެކޮޅަށެވެ. އެމެޗުގެ ކުރިން ޓްރުޗާ ބުނީ "އަނެއްކާވެސް މިއޮތީ ވަރަށް ޓްރިކީ މެޗެއް،" ކަމަށާއި، "އަބަދުވެސް ބުނަމުން މިދަނީ މިއީ ތަފާތު ވާދަވެރި ލީގެކޭ ކަމަށެވެ. އަދި ކޮންމެ ޓީމަކަށްވެސް ރަނގަޅު ދުވަހެއް، ނޫނީ ގޯސް ދުވަހެއްވެސް އައިސްދާނެކަން ލީގުން ފެންނަ ކަމަށްވެސް ޓްރުޗާ ފާހަގަކުރިއެވެ. އޭނާ ބުނީ ބިސް ބުރަކީ ގޮތް ނޭނގޭ ޓީމެއް ކަމަށާއި، މިހާތަނަށް ދިއްދުއާއި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފައި އޮތް ގޮތުންވެސް ބިސް ބުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އޭގެފަހުން ޖުމުލަކޮށް ރާއްޖޭ ލީގުން ފެންނަ މަންޒަރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓްރުޗާ ބުނީ ލީގު ދަނީ ރަނގަޅުވަމުން ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އޭޝިއާގެ ކޮންމެ ލީގެއްގައިވެސް ބިދޭސީ ކުޅުންތެރިން މި ތަފާތު ދައްކަނީ. ރާއްޖޭގެ ބިދޭސީ ކުޅުންތެރިންގެ ކޮލިޓީ އަންނަނީ ރަނގަޅުވަމުން. މިސާލަކަށް ބަލަންޏާ ދިއްދޫ ކުޅުންތެރިޔާވެސް އެ ދަނީ ތަފާތުކުރަމުން. އެއް ކުޅުންތެރިން ރަނގަޅަށް ނުކުޅެންޏާ، އެހެން ކުޅުންތެރިއަކު އެބަކުޅޭ. އަހަރެން ގަބޫލު މިކުރަނީ ލީގު މިދަނީ ރަނގަޅުވަމުން ކަމަށް. މައްޗަށް މިދަނީ ލީގު. އެކަމަކު އަދިވެސް ސަޕޯޓަރުން ނުވަދޭ. އަހަންނަކަށް ނޭނގެ ސަޕޯޓަރުން ވަންނާނެ ގޮތަކީ ކޮބައިކަމެއް. ކުރިން ފެނުނު ވީޑިއޯތަކުގައި ސަޕޯޓަރުން ވަދޭ. އެކަމަކު މިހާރު އެ މަންޒަރެއް ނުފެނޭ،" ޓްރުޗާ ބުންޏެވެ.

ޓްރުޗާ ބުނީ ރާއްޖޭގެ ލީގު މައްޗަށް މި ޖެހެނީ ކްލަބުތަކުން ކަންކަން ކުރާ ގޮތް ތަފާތުވުމުން ކަމަށާއި، މަޑުމަޑުން ކަންކަން ރަނގަޅު ކުރުމަށް އެ ކުރާ މަސައްކަތާއެކު ލީގުގެ ފެންވަރު މަތިވަމުންދާ ކަމަށެވެ. އެންމެފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރި މެޗަކީ ލީގުގެ ކަންކަން ރަނގަޅުވަމުންދާކަން ފެނުނު މެޗެއް ކަންވެސް ޓްރުޗާ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނީ މާޒިޔާއަށް ޕޮއިންޓް ގެއްލުނު ދެމެޗުގައިވެސް އެޓީމުގެ ކުޅުން ދަށް ނޫން ކަމަށާއި، ރަނގަޅު ލީގުތަކުގައި މޮޅަށް ކުޅެވެސް ނަތީޖާ ޔަގީން ނުކުރެވޭ ފަހަރު އަންނާނެ ކަމަށެވެ.

ބިސް ބުރާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.