އަޔެކްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް، އެންޓޮނީ ޑޮސް ސަންޓޯސް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން 94 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅަން ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިތުބާރު ނޫސް ސްކައި ސްޕޯޓްސްއިން ބުނެފައިވަނީ ޔުނައިޓެޑުން އެންޓޮނީ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯގެ ބިޑެއް ކަމަށާއި، އެ ބިޑަށް އަޔެކްސްއިން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެ ބިޑަށް އަޔެކްސްއިން ނޫނެކޭ ބުނުމާއެކު މިހާރު ޔުނައިޓެޑުން ތައްޔާރު ވެފައިވަނީ 94 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަން ކަމަށް ސްކައި ސްޕޯޓްސްއިން ބުނެފައިވެއެވެ. އެއީ ބޯނަސްތައްވެސް ހިމަނައިގެން ޑީލުގެ ޖުމުލަ އަގު ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު އެރިކް ޓެން ހާގުގެ ކޯޗުކަމުގެ ދަށުގައި މިދިޔަ ސީޒަނުގައިވެސް އަޔެކްސްއަށް މުހިއްމު ކުޅުމެއް ދެއްކި އެންޓޮނީއަކީ އުމުރުން 22 އަހަރުގެ ހުނަރުވެރި ވިންގެކެވެ. ބްރެޒިލްގެ ސައުޕާލޯއިން 2020 ވަނަ އަހަރު އަޔެކްސްއާ ގުޅުނު އެންޓޮނީ ވަނީ މިހާތަނަށް ނެދަލޭންޑްސް ލީގުގައި އަޔެކްސްއާއެކު ކުޅުނު 57 މެޗުގައި 18 ގޯލު ޖަހައިފައެވެ. ދުވެލި ބާރު ކުޅުންތެރިއެއްގެ ގޮތުގައި އެންޓޮނީ ފާހަގަވެފައިވާ އިރު، އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ މޮޅު ޗަރުކޭސްތަކުންނެވެ.
ޔުނައިޓެޑުން ބޮޑު އަގުގައި އެންޓޮނީ ގެންދަން މަސައްކަތް ކުރަމުން އަންނަ އިރު، މި ހަފުތާ ތެރޭގައި އެ ކްލަބުން ވަނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސެމީރޯވެސް އެ ކްލަބަށް ގެންގޮސްފައެވެ. އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ސަޕޯޓަރުންނަށް ކަސެމީރޯ ރަސްމީކޮށް ދައްކާލާފައިވާ އިރު، އެ މެޗުން ޔުނައިޓެޑް ހޯދި މޮޅަކީ މިސީޒަނުގެ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.
ދަށްކޮށް ސީޒަން ފެށި ޔުނައިޓެޑުން ފުރަތަމަ ކުޅުނު ދެމެޗުން ބަލިވެފައި އޮތް ނަމަވެސް، ލިވަޕޫލާ ދެކޮޅަށް މި ހަފުތާ ކުޅުނު މެޗުގައި އުންމީދީ ކުޅުމެއް ދައްކާފައިވެއެވެ. ހާއްސަކޮށް އަލަށް ގެންދިޔަ ސެންޓަ ބެކް ލިސާންޑްރޯ މާޓިނޭޒްއާއި ސައިޑް ބެކް ޓައިރަލް މަލާސިއާގެ ކުޅުން ފާހަގަކުރެވުނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް