ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށްތައް ހިމަނަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ގާސިމް ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނާހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލެއްކަމުގައިވާ "ލިވާތު" އަދި "ސިހާގު" ގެ ކުށް ހިމަނަން ޖެހޭނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

ގާސިމް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލުކުރާ ފަރާތްތައް ތަހުގީގު މަރުހަލާއަށް ފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ، ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް އެ ނުރައްކާތެރި އަމަލު އެހެން ބަޔަކާ އެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ ނުރައްކާތެރި ބައެއް ކަމަށާއި އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އާއިލާ އާއި މުޅި މުޖުތަމައަށް ފޯރުމުގެ ކުރިން އެކަހެރިކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއްޖިންސުން ގުޅުން ހިންގުމަކީ ބަޔަކު ރުހިގެން އެކަހެރިކޮށް ތިބެ ކުރާނަމަ އެއްވެސް މައްސަލައެއް ނޫން ކަމަށް ދެކޭ ސިޔާސީ މީހުން މިހާރު ނެތްތޯ. އެހެންކަމުން މުޖުތަމައު ގަޑުބަޑުކުރަން މިފަދަ މީހުން ދޫކޮށްލައިގެން ނުވާނެ. މިއީ އިސްލާމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ގައުމު ހިންގަން ތިއްބެވި ވެރިންނާއި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުހަނު ސީރިއަސް ކަމާއެކު މިއަދު ވިސްނާ ވަޑަައިގަންނަވާ ޖެހިފައިވާ ކަމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ގައުމުގެ ބޮޑުންގެ ތެރެއިން ބަޔަކު އެފަދަ އަމަލުތައް ކުރާ މީހުން ހިމާޔަތްކުރާ ހިސާބަށް ދިއުމަކީ އިންތިހާއަށް ލަދުވެތިކަމެއް ކަމަށެވެ.

އެއްޖިންސުން ހިންގާ ގުޅުންތައް ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅަން ގާސިމް އިސްލާހު ހުށަހެޅުއްވި އިރު، ބަންގުލަދޭޝްގެ ފިރިހެނަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހަތަރު މީހަކަށް ވަނީ ދައުވާކޮށްފައެވެ.

އެއީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު، ޑީއާރްޕީގެ ކުރީގެ ލީޑަރު، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު، ނޫސްވެރިޔާ އަބްދުﷲ ނަސީރު އާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ފުލުހެކެވެ.

އެ ހަތަރު މީހުން ތަހުގީގަށް ބަންދުކުރި ނަމަވެސް ފަހުން ވަނީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލައިފައެވެ.