ރިޕޯޓް

ނަޝީދު ވިދާޅުވިހެން މޭޒުތަޅާމަންޒަރެއް ނެތް، ދެރައީސުންގެ "މެޗުއަޑް" ނިންމުން ރީނދޫ ލަޝްކަރުގެ ހައްގުގައި

އަލީ ޔާމިން

ފަހުވަގުތާ ޖެހެންދެންވެސް ރައީސް ނަޝީދު ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ހަރުއަޑުން ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭ ކަމާއި ނިޒާމީ ވޯޓު ނަގަން ޖެހޭ ކަމަށެވެ. ކިޔައިދެއްވަމުންގެންދެވީ ބަރުލަމާނީގެ ސިފަތަކެވެ. ތަފާސްހިސާބާއެކުގައި ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ގެންނަން މަސައްކަތް ނުކޮށްފިނަމަ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫތަކާ ކުރިމަތިވާނެކަމަށެވެ. އިއްޔެ ނިމުނު އެމްޑީޕީގެ އެންމެ ބޮޑު އެއްވުމުގައިވެސް، ރައީސް ނަޝީދު ގެންދެވީ "ބަރުލަމާނީ" ޕްރޮމޯޓުކުރައްވަމުންނެވެ.

ކޮންގްރެސްގެ އެންމެ ކުރީ ސަފުގައި ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިންނެވިއިރު، ފުރަތަމަ ދެ ދުވަހު އެބޭފުޅުން ސަލާންގަލާންކޮށްލައްވައި ހިނިތުންވެލުން ފިޔަވައި އެހެން ކަމެއް ނުފެނެއެވެ. ދެބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅުދައްކަވައިލެއްވި މަންޒަރެއްވެސް ނުފެނެއެވެ. ކޮންގްރެސް ފެށުމުގެ ޖަލްސާގައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވުމުން، އަތްތިލަބަޑިން ކޮންގްރެސްގެ މާލަން ގުގުމާލިއިރު، ރައީސް ނަޝީދާއި އެމަނިކުފާނުގެ ބަރުލަމާނީ ބައިވެރިން ތިއްބެވީ މަޑުންނެވެ. ރައީސް ނަޝީދުގެ މޫނުފުޅުމަތީން ފެނިގެން ދިޔައީ މާޔޫސްކަމާއި ރުޅިވެރިކަމެވެ.

ކޮންގްރެސް ފެށިގެން، ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައިވެސް ރައީސް ނަޝީދު ގެންދެވީ ބަރުލަމާނީގެ މޮޅުކަމުގެ ވާހަކަ ދައްކަވަމުންނެވެ. އެއީ އެބޭފުޅާގެ ބަރުލަމާނީ ނިޒާމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގަރާރު އެޖެންޑާ ކޮށްފައި އޮތުމާވެސް އެކީގައެވެ. ކޮންގްރެސްގައި ބަރުލަމާނީ ގަރާރު އެޖެންޑާކޮށްފައި އޮތް ވަގުތު ޖެހެން ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ކުރިންވެސް ނިޒާމީ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ނުލިބުނެވެ. އިއްޔެ މެންދުރު ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ނަޝީދާއެކުގައި، މަޝްވަރާތައް ކުރައްވައިގެންވެސް ވަކި ހައްލެއް ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް، އެއިރުވެސް ރައީސް ސޯލިހު ވަނީ އުންމީދެއް ދެއްވައިފައެވެ. އެއީ މަޝްވަރާއަށް ފަހު ޕާޓީއަށް އެންމެ ރަނގަޅު ގޮތެއް ނިންމަވާނެކަމަށެވެ.

މެންދުރުފަހުގެ ސެޝަންތަކުގައި ފެނިގެންދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހު ވަރަށް ބޮޑަށް މަޝްވަރާ ކުރައްވާ މަންޒަރު ފެނިގެން ދިޔައެވެ. އެއީ، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނިންމުމުގެ މަޝްވަރާތަކެވެ. ރައީސް ސޯލިހުވެސް ރައީސް ނަޝީދުވެސް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އެމްޑީޕީއަށް ދިމާވާ ކޮންމެ ހިޔާލުތަފާތުވުމަކަށްވެސް މަޝްވަރާގެ ރޮނގުން ކުރި ހޯދޭނެ ކަމަށް ކުރީން ވިދާޅުވެފައެވެ. ފެނިގެން ދިޔައީވެސް އެ މަންޒަރެވެ. ރުޅިވެރިކަން އެއްފަރާތްކޮށް ޕާޓީގެ މަސްލަހަތު އިސްކުރެއްވި މަންޒަރެވެ. އެންމެ ފަހުން ދެ ރައީސުން އެކުގައި ސްޓޭޖަށް އަރައިވަޑައިގެން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ކޮނޑާއިކޮނޑު ޖައްސަވައި އަތާއިއަތް ޖޯޑުކުރައްވައި ސަލާމްކުރެއްވިއެވެ.

ގަރާރު ނެގުމުގެ ކުރިން ގަރާރު ނަގައިފިކަމުގެ އަޑުތައް!

ކޮންގްރެސްގައި އެންމެ ގިނަ ބަޔަކުވެސް އިންތިޒާރުކޮށްގެން ތިބީ ރައީސް ނަޝީދުގެ ގަރާރަށެވެ. ނަމަވެސް ގަރާރާމެދު އެންމެ ފަހުގެ މަޝްވަރާތައް އެކި ގޮތްގޮތަށް ކުރެއްވުމަށްފަހު، ދެ ރައީސުންނަށް "ހައްލަކާ" ހަމައަށް ވަޑައިގެންނެވުނެވެ. އެ ހައްލަކީ ބަރުލަމާނީ ގެނައުމުގެ މަސައްކަތްތައް އިހަށް މަަޑުޖައްސައިލުމަށްފަހު ޕާޓީއާއިގެން ކުރިއަށް ވަޑައިގަތުމެވެ. އެކަން ގަރާރުގެ ވަގުތާ ހަމައަށް ސިއްރު ކުރާން ރައީސް ނަޝީދުގެ ފެކްޝަނުންވެސް އަދި ރައީސް ސޯލިހުގެ ފެކްޝަނުންވެސް އުޅުއްވިއެވެ. ނަމަވެސް ކޮންގްރެސްގެ ބައެއް ބައިވެރީން ސިއްރުން އެވާހަކަތައް ދައްކަވަން ފެށިއެވެ. ކޮންގްރެސްމަނުންގެ ކަންފަތާ ހަމައަށް އެ އަޑުތައް ދޫދޫމަތިން އިވެން ފެށިއެވެ. އެކަމާ ހުރެ، ކޮންގްރެސްގެ ފޯރި ކެނޑެން ފެށުމުން، ރައީސް ނަޝީދު ލަވައިދީގެން މީޑިއާގެ ކުރިމައްޗަށް ވަޑައިގަތީ އެމަނިކުފާނާ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

"އަޅުގަނޑު ޔަގީކަން މިދެނީ ރައީސް ނަޝީދުގެ ގަރާރެއް ނުނަގާކަން. ރައީސް ސޯލިހުގެ ފަރާތުން ގަރާރު ނެގުމަށް އެެއްވެސް ހުށަހެޅުމެއްވެސް އެކަހަލަ މަޝްވަރާއެއްވެސް ނެތް. އެކަހަލަ އެއްވެސް ކަމެއް ނެތް. ގަރާރުވެސް އޮންނާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރިއަށް މިއޮތް ސެޝަންގައި އެބައިކުރިއަށްވެސް ދާނެ. ބަހުސްވެސް ކުރާނެ. ގޮތެއް ނިންމާނީ ކޮންގްރެސްގެ ތަޅުމުން" ބަރުލަމާނީ ގަރާރު ރައީސް ނަޝީދު ގެންދެވީތޯ ނޫސްވެރިން ސުވާލު ކުރުމުން އަލީ އާޒިމް ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވި ރައީސް ސޯލިހު ފެކްޝަނުގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި، މެންދުރުފަހުގެ މަޝްވަރާތަކަށް ފަހު، ރައީސް ނަޝީދު އޮތީ ބަރުލަމާނީ ގަރާރު ނަގާ ގޮތަށް އެއްބަސްވެވަޑައިގެންފައެވެ. ޕާޓީއަށް މިވަގުތަށް އެންމެ ބޭނުންތެރިގޮތަކީ އެއީކަމަށް ނަޝީދުވެސް ދެކެވަޑައިގަންނަވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ގަރާރު ނެގީ އެނޫން "ޗޮއިސް" އެއް ނެތުމުން!

ރައީސް ނަޝީދު ގެންދެވީ، އެމަނިކުފާނު ހުށަހެޅުއްވި ގަރާރު ފާސްކުރުމަށް އެކި ގޮތްގޮތުން ޕާޓީގެ މެންބަރުންނަށް ޕްރެޝަރު ވެސް ކުރައްވަމުންނެވެ. ހިޔާލީ އަދަދުތަކެއް ވިދާޅުވެ، ރިޔާސީ އިންތިހާބުގައި 47،000 ވޯޓު އެމްޑީޕީއަށް ގެއްލޭނެކަމަށް ވިދާޅުވިއެވެ. ނިޒާމީ ވޯޓު ނަގަން ފާސްނުކޮށްފިނަމަ ޕާޓީއާ ފެޔަށް ޖެހިވަޑައިގަންނަވާނެކަމުގެ ނުސީދާ އިންޒާރުވެސް ދެއްވިއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ރައްދު ދެއްވީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް ސޯލިހެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވޯޓެއް ނުގެއްލޭނެއެވެ. އަދި ރައީސް ނަޝީދު ޕާޓީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުވެސް ގަބޫލެއް ނުކުރައްވައެވެ.

އެމްޑީޕީގެ ތާރީހަށް ބަލާއިރު ފެންނަން އޮތީ ރައީސް ނަޝީދާ ސިޔާސީ ގޮތުން ހިޔާލުތަފާތުވި މީހެއްވިއްޔާ އެމްޑީޕީން ބޭރުވާން ޖެހުނު މަންޒަރެވެ. ނަމަވެސް މިފަހަރު ހިޔާލުތަފާތުވެގެން މިއުޅެނީ ރައީސް ސޯލިހާއެވެ. ރައީސްވެސް ވަނީ ކޮންގްރެސްގެ ކުރިން ބަރުލަމާނީއަށް ތާއީދު ނުކުރައްވާ ކަމަށާއި ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންވަންވެސް އެދިވަޑައިގެންފައެވެ.

ހާހަކަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވި ކޮންގްރެސްގައި ނަޝީދަށް ތާއީދު އޮތީ ވަރަށް މަދު ބައެއްގެއެވެ. "ވަން" އާ ވާހަކަ ދެއްކި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ފުލް ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައެވެ. ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތަކަށް ބަހުސް ކުރުމުގެ މަރުހަލާގައިވެސް ކޮންގްރެސްމަނުންގެ ފަރާތުން ފެނުނީ ނަޝީދަށް އޮތް ނުރުހުމެވެ. އެހެންވެ، ނިޒާމީ ވޯޓުގެ ގަރާރު ހުށަހަޅައިގެންވެސް ނަަޝީދަށް ކާމިޔާބެއް ލިބޭނެކަމުގެ އެއްވެސް ސިގްނަލެއް ނެތެވެ. އުންމީދެއް ނެތެވެ. ބެދެން އޮތީ ބޮޑުލަދެއްގައެވެ.

ގަރާރު ނަގައި، ރައީސް ނަޝީދު ސާބިތުކޮށްދިނީ ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެކަން

"އަޅުގަނޑު ދެކޭގޮތުގަ މިހާރު މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވައި އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސް ނުކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި އަދި ތި ހުރިހާ ބޭފުޅުންނާއެކު މަޝްވަރާކޮށްގެން އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމަނަށް ރަނގަޅު ގޮތެއް، އެންމެނަށް ގަބޫލުވޭ ގޮތެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ނިޒާމީ ގަރާރު އަނބުރާ ގެންދެވިކަން އިއުލާނުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ގަރާރު ނަންގަވާނެކަމަށް ކުރީންވެސް އޮތީ ބެލެވިފައެވެ. އެއީ އެ ގަރާރުގެ ސަބަބުން އެމްޑީޕީ ދެކަފިވެފައި އޮތުމަށްފަހު، ޕާޓީ އަލުން އެއްގަލަކަށް އެރުމަށް އެ ގަރާރު ނެގުމަކީ މުހިންމުކަމަކަށްވާތީއެވެ. ހުދު ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ތެރޭގައި ތަޅާފޮޅުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ޕާޓީތައް ބައިބައިވެގެންދިޔައިރު ކުރިމަތީގައި ހުރި މޭޒު "ތަޅާލި" މަންޒަރު އެމްޑީޕީން ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުވެސް ރައީސް ނަޝީދުވެސް ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީއަށް ރާއްްޖޭގެ ވެރިކަމަށް ދެން އާދެވޭތީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންނެވެ. ޕާޓީ މަސަލަސް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއްވެސް އޮތީ އެ ދެބޭފުޅުންގެ ކޮނޑުފުޅުގައެވެ. އެހެންވެ، ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކާއި ބައިބައިވުމަށް އޮތް ފުރުސަތު ނައްތާލައި ޕާޓީގެ އެތެރޭގައި ރޯވެ އަނދަމުންދިޔަ ނަފުރަތާއި ރުޅިވެރިކަމުގެ ހުޅުކޮޅަށް ފެން އަޅައި ނިއްވައިލެއްވީ، ދެ ރައީސުން އެކުގައެވެ. މިއީ މެޗުއާ ޕާޓީއެއްގެ މެޗުއާ ވެރީންގެ މެޗުއާ ނިންމުމެކެވެ.

"ޕާޓީގެ ލީޑަޝިޕްގައި އެބޭފުޅާއާއި ހިޔާލުތަފާތުވި އެންމެން ޖެހޭނީ ޕާޓީން ނުކުންނަން. އަޅުގަނޑުމެން ޕާޓީ ދޫކޮށްފައި ދަނީ ޕާޓީގެ ތެރޭގައި ތަޅާފޮޅުމަކަށް ނުދާންވެގެން. އެކަމަކު މިފަހަރު ހިޔާލުތަފާތުވީމަ، ރައީސް ސޯލިހާއި ފަޔާއާއި އަދި ރައީސް ނަޝީދުއާ ތިން ބޭފުޅުން ވާހަކަ ދައްކައިގެން ޕާޓީގެ އެންމެ ވަރުގަދަ ގުނަވަން މިހާރު މިތަނުގައި މިއޮތީ. އެމީހުންގެ ކުރިމަތީގައި ކޮނޑަށް އަތްލައި ސަލާމްކުރުމަކީ އެއީ ދެން ވަރަށް މެޗުއާވުން" ނަޝީދުގެ ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ނިމިގެންދިޔައިރު، ރައީސް ނަޝީދުގެ ބަރުލަމާނީ ހުވަފެންވީ ބިލާހަކަށެވެ. ޕާޓީއާއިގެން ކުރިއަށް ވަޑައިގަތުމަށްވުރެ ބުއްދިވެރި އެހެން ގޮތެއް އެމަނިކުފާނަކަށް މިއަދު ނެތެވެ. ބަރުލަމާނީ ހުވަފެނުގައި ކަސްތޮޅު އެޅި ހައްޔަރުވިނަމަވެސް އެއީ އެމަނިކުފާނުގެ ނާކާމިޔާބެއް ނޫނެވެ. އެއީ ދެ ރައީސުން އެކުގައި ނުކުމެވަޑައިގެން، އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ ހައްގުގައިވި ބޮޑު ގުރުބާނީއެކެވެ. ޕާޓީ އެކަތިގަނޑަކަށް ހެދުމުގެ ރޭހުގައި ދެ ރައީސުން ހޯއްދެވި ފުރިހަމަ ކާމިޔާބީއެކެވެ.