އެމްޑީޕީ

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން ރައީސް ނަޝީދު އެއްބަސްވެއްޖެ!

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ހުށަހަޅުއްވައިފައިވާ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ނިންމަވައިފި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މަސްދަރުތަކުން ބުނެފިއެވެ.

ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅައިލެއްވުމަށެވެ. އެގޮތުން ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ކައިރީގައި އެހުމަށް ކޮންގްރެސްއަށް ނަޝީދު ވަނީ ހުށަހެޅުމެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެކަމާ ސީދާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގިނަ މެންބަރުން ނުކުންނަވައިފައިވާ އިރު، ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަންވެސް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

މިއަދަކީ ކޮންގްރެސްގެ ފަހު ދުވަހެވެ. އަދި ނިޒާމީ ވޯޓުގެ މައްސަލައިގެ ބަހުސް މިއަދު މެންދުރުފަހު ކުރިޔަށް ގެންދާން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. މިއަދުގެ މެންދުރު ކެއުމަށް ކޮންގްރެސް މެދުކަނޑައިލި ވަގުތު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހުގެ ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެއްވި މަޝްވަރާތަކުން މި މައްސަލަޔަށް ހައްލެއް ވަނީ ނުހޯދިފައެވެ. ރައީސް ނަޝީދާ އެކު މަޝްވަރާތައް ކުރިޔަށް އެބަގެންދަވާ ކަމަށާއި އެހެން ނަމަވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

މެންދުރުގެ ހުސްވަގުތަށްފަހު ކޮންގްރެސް ފެށުނު ފަހުން، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މަޝްވަރާތަކެއް ކޮންގްރެސްގެ ހޯލުން އަދި ސްޓޭޖުމަތީގައިވެސް ކުރިޔަށް ދިޔަތަން ވަނީ ފެނިފައެވެ. އެގޮތުން ރައީސް ސޯލިހު ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންނާ އެކު ވަކީން ވާހަކަފުޅުދައްކަވައި މަޝްވަރާ ކުރެއްވިތަން ފެނިފައިވެއެވެ. ހަމަ އެގޮތަށް ރައީސް ސޯލިހާއި ރައީސް ނަޝީދު، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ހާއްސަ މަޝްވަރާތަކެއްވެސް ސްޓޭޖުމަތީން ވަނީ ފެނިފައެވެ. ކޮންމެވެސް ކަހަލަ އުއްމީދީ ކަންތައްތަކެއް ހިނގައިފި ކަމުގެ ނިޝާންތަކެއްވެސް އެވަގުތު އެބޭފުޅުންގެ މޫނުމަތީން ފެނިފައިވެއެވެ. ރައީސް ނަޝީދު އެމަނިކުފާނުގެ ޓީމާ ވަކީން ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވިތަން ވެސް ވަނީ މީގެ އިރުކޮޅެއް ކުރީން ފެނިގެން ގޮސްފައެވެ.

މި މަޝްވަރާތަކުން ނުކުތް ނަތީޖާއާ ގުޅޭގޮތުން ރައީސް ސޯލިހު އަދި ރައީސް ނަޝީދުގެ ކޯލިޝަނުގެ އިސް ބައެއް ބޭފުޅުންނާ "ވަން" އިން ވާހަކަދެއްކުމުން، ސާފު ވަނީ ކޮންމެވެސް ގޮތަކަށް އެއްބަސްވުމަކަށް އަތުވެއްޖެ ކަމެވެ.

"އަސްލު ނަގާނޭ ސީދާ ނުބުނެވިގެން މި އުޅެނީ ރައީސް ނަޝީދު ސީދާ އެހެން ވިދާޅެއް ނުވޭ. އެކަމަކު ވިދާޅުވިކަމަށް ވަނީ ވޯޓަކާ ހަމަޔަކަށް ނުދާނޭ. ދެން އެހެން ވީމަ ގަރާރު އަނބުރާ ނުނެންގެވިޔަސް އެއިން ނުކުންނާނެ ނަތީޖާއަކީ ނެގުން ނޫނީ ގަރާރު ފާސް ނުވުން ފަދަ ކަމެއް. އެކަން ކުރައްވާނެ ގޮތެއް ނޭނގެ." އެމްޑީޕީގެ ވަރަށް އިސް ބޭފުޅަކު ކޮންގްރެސްގެ ހޯލުގައި ހުންނަވައިގެން ވިދާޅުވި އެވެ.

ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ އިސް އެހެން ބޭފުޅަކު ވިދާޅުވީ ގަރާރު އަނބުރާ ގެންދަވަން ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފި ކަމަށާއި އެހެން ނަމަވެސް އެކަން ކުރައްވާނީ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ކަމަށެވެ.

"ނަގަން އެއްބަސްވެއްޖެ. އެކަމަކު ކޮންގްރެސްއަށް ހުށަހަޅާފަ." ރައީސް ސޯލިހު ފެކްޝަނުގެ އިސް ބޭފުޅަކު ދެންމެ ވިދާޅުވި އެވެ.

މިވާހަކަތައް ފެތުރުމާ ގުޅިގެން ރައީސް ނަޝީދު ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންވާ މަޖިލިސް މެންބަރު، އަލީ އާޒިމްއާ "ވަން" އިން ސުވާލު ކުރުމުން ވިދާޅުވީ ގަރާރު ހުށަހަޅުއްވާނެ ކަމަށެވެ. ހުށަހެޅުއްވުމަށްފަހު ނުވަތަ ބަހުސްގެތެރެއިން ނަމަވެސް ގަރާރު އަނބުރާ ގެންދަވައިފާނެތޯ އެހެން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެ ސުވާލަށް އާޒިމް ސީދާ ޖަވާބެއް ނުދެއްވައި ވަޑައިގަތީއެވެ.