އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައިވެސް އަމަލުކުރި ގޮތުން އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ ދަރިވަރުންނާއި ބެލެނިވެރިން ރެފިއުޖީންގެ ހާލަތަށް ވެއްޓުނުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަން އޮތީ ދެ ފިކުރެއް ކަމަށެވެ. އެއީ ގައުމަށް ހަލާކާއި ގެއްލުންދޭ "ފަނާކުރަނިވި" ފިކުރާއި، ގައުމު ބިނާކުރާ "ބިނާކުރަނިވި" ފިކުރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނު ފަނާކުރަނިވި ފިކުރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއިން އަރަބި އިސްލާމީ ތައުލީމު ނައްތާލުމެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން، އަރަބިއްޔާ ސްކޫލުގެ އިމާރާތް ތަޅާލައި، އެތަނުގެ ދަރިވަރުންނާއި ބެލެނިވެރިން މަގުމަތިކޮށް "ރެފިއުޖީން" ތަކަކަށް ހަދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ. ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރުން އިސްލާމްދީނާއި ގައުމީ ފިކުރު އިސްކޮށް، އަރަބިއްޔާ ސްކޫލަށް ދާއިމީ ހައްލެއް ހޯދައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސްކޫލަށް ބޮޑު ބިމެއް ހަމަޖައްސައި، އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ދިރާސީ އަހަރު އާ އިމާރާތުގައި ކިޔަވައިދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ބައު އިމާރާތަކީ 2013 އިން ފެށިގެން ބޭނުންކުރަމުން އައި ތަނެއް ނަމަވެސް، އިމާރާތުގެ ރައްކާތެރިކަން ގެއްލުމާ ގުޅިގެން 2023 ވަނަ އަހަރު ވަނީ އެތަން ހުސްކޮށްފައެވެ. ކުރީ ސަރުކާރުން އެތަނުގައި 6 ފަންގިފިލާގެ އިމާރާތެއް އަޅަން ނިންމާފައި އޮތް ނަމަވެސް، މި ސަރުކާރުން މިހާރު ދަނީ އެ ބިމުގައި 10 ފަންގިފިލާގެ ޒަމާނީ ސްކޫލެއް ބިނާކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން، ލިފްޓާއި އަންޑަގްރައުންޑް ޕާކިން ފަދަ ހުރިހާ ވަސީލަތްތަކެއް އަރަބިއްޔާގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.